ހޮޑުލެވި ބޭރަށް ހިންގާތީ ގިނަ އަދަދެއްގެ ކުދިންނާއެކު ހޮސްޕިޓަލްތައް އެމަޖެންސީ ހާލަތުގައި!

އައިޖީއެމްއެޗުން މީހަކު ތުއްތު ކުއްޖަކު ގޮވައިގެން ނުކުންނަނީ: މާލޭގައި ބޭރަށް ހިންގުން ވަރަށް ބޮޑަށް އިތުރުވެއްޖެ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހޮޑުލެވުމާއި ބޭރަށް ހިންގުންފަދަ ގިނަ އަލާމަތްތަކެއް ފެންނަ، ގިނަ އަދަދެެއްގެ ކުދިންނާއެކު މާލޭގެ ހޮސްޕިޓަލްތައް އެމަޖެންސީ ހާލަތަށް ގޮސްފިއެވެ.

އެގޮތުން މާލޭގެ ހޮސްޕިޓަލްތައްކަމަށްވާ އައިޖީއެމްއެޗާއި، އޭޑީކޭ އަދި ސެނަހިޔާގެ އެމަޖެންސީގައި ވެސް ގިނައީ މިފަދަ އަލާމާތްތައް ފެނިގެން އައިސް ތިބި ކުދިންނެވެ.

މި ދުވަސްވަރު ހަލުވި މިނުގައި ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ ރޯގާ އަންނަނީ ފެތުރެމުންނެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލު ވިދާޅުވީ، މިއީ ވަކި ކަމާ ގުޅިގެން އައި އައުޓްބްރޭކެއްކަމަށް ނިންމާނީ ސިއްހީ އިދާރަތަކުން އެ ކަން ބަލައި ތަހުގީގުކުރުމަށްފަހު ކަމަށެވެ.

"އަޅުގަނޑުމެންގެ ހޮސްޕިޓަލްގައި ވެސް މި ފަދަ ކޭސްތައް ހަމަ ވަރަށް ގިނަ. ނަމަވެސް މި ފަދަ މެޑިކަލް ކަމެއްގައި އިދާރަތަކުން އެ ކަން ނާންގަނީސް ސްޕެކިއުލޭޓްކުރުމަކީ އެއް ގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން،" އައްފާލް ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލީގެ ޚާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް "ސަން"އަށް ވިދާޅުވީ ފާއިތުވި ހަފުތާގެ ތެރޭގައި ވެސް އެންމެ ގިނައީ ހޮޑުލެވޭ ގޮތްވެގެން ހޮސްޕިޓަލަށް އައިސް ޑޮކްޓަރަށް ދެއްކި ކުދިން ކަމަށެވެ.

އެއީ މި ދުވަސްވަރު ފެތުރެމުން އަންނަ ރޯގާއާ ގުޅިގެންކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވިއެެވެ. ނަމަވެސް މި ދެ ދުވަހު ރޯގާގެ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އައި ކުދިން ގިނަކަން ފާހަގަވެފައިވާކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

"ވެދާނެ ފާއިތުވި ދެ ދުވަހު މި ފަދަ ކޭސްތައް ގިނަވީކަމަށް. ދަތުރުފަތުރު ގިނަވެ މީހުން އެއްވުން ގިނަ ދެ ދުވަސްވީމަ،" ޑރ. ފައިސަލް ވިދާޅުވިއެވެ.

މި ކަމާ ގުުޅިގެން ޑރ. ފައިސަލް ވަނީ އަތް ދޮވުމަށް ޚާއްސަ އިސްކަމެއް ދީ، ހޮޑުލުން ހުއްޓުވުމަށް ބޭނުންކުރާ ބޭސް ބޭނުންކުރުމަށް އެދިލައްވައިފައެވެ. އަދި މި ހާލަތުގައި ވީހާ ވެސް ގިނައިން، އަވަސް އަވަހަށް ދިޔާ އެއްޗެހި ބުއިމަށް އިސްކަން ދިނުމަށް އެދިލައްވައިފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިކަމާ ގުޅޭގޮތުން ބުނީ މިކަން ދިމާވި ސަބަބު ބަލަމުން އަންނަ ކަމަށެވެ.

ބޭރަށް ހިންގުން މާލޭގައި އިތުރުވެފައިވާއިރު މިނިވަން ދުވަހާއި ގުޅިގެން ގިނަ ބަޔަކު އެއްވި ގިނަ ހަރަކާތްތަކެއް ވޭތުވެދިޔަ ދެ ދުވަހު މާލެ ސަރަހައްދުގައި އޮތެވެ.

comment ކޮމެންޓް