ޔޫއޭއީ ރައީސްގެ އާއިލާއަށް ރައީސް ޞާލިޙް ތައުޒިޔާ ވިދާޅުވެއްޖެ

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް / ފޮޓޯ: ރައީސް އޮފީސް

ޔޫއޭއީގެ ރައީސް އަދި އަބޫ ދާބީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ކޮއްކޯފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޔޫއޭއީގެ ރައީސްގެ ކޮއްކޯފުޅަކީ އަބޫ ދާބީގެ ވެރިޔާގެ މަންދޫބުގެ މަގާމުގައި ހުންނެވި ޝައިޚް ސަޢީދު ބިން ޒައިދު އަލް ނަހްޔާން އެވެ. އާލާސްކަންފުޅެއްގައި އުޅުއްވުމަށް ފަހު ޝައިޚް ސަޢީދު އަވަހާރަވީ މިއަދުއެވެ.

އެކަމާ ގުޅިގެން ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވަނީ ޔޫއޭއީގެ ރައީސާއި، އާއިލާއަށް އިޚްލާސްތެރި ތައުޒިޔާއެއް ދަންނަވާފައެވެ.

މިިދިޔަ ހޮނިހިރު ދުވަހު އެގައުމުގެ ޕްރެޒިޑެންޓަލް ކޯޓުން ނެރުނު ބަޔާނެއްގައި ޝައިޚް ސަޢީދު އާލާސްކަންފުޅެއްގައި އުޅުއްވާކަން ވަނީ ހާމަކޮށްފައެވެ. އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ޔޫއޭއީއިން ވަނީ ހިތާމަ ފާޅުކުރުމުގެ ގޮތުން ކުރިއަށް އޮތް ތިން ދުވަހު ގައުމީ ދިދަތައް ބައި ދަނޑިއަށް ތިރިކުރަން ނިންމާފައެވެ.

ޝައިޚް ސަޢީދަކީ ގައުމާއި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް ހަޔާތްޕުޅު ހޭދަކުރެއްވި ލޮބުވެތި ލީޑަރެއްކަމަށް ޔޫއޭއީގެ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު، އަބޫދާބީގެ ވެރިޔާގެ މަންދޫބަކަށް ހަމަޖެއްސެވީ 2010 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެއީ ޝައިޚް ސަޢީދުގެ ބައްޕާފުޅު އަދި ގައުމުގެ ބާނީ ޒައިދު ބިން ސުލްތާން އަލް ނަހްޔާންގެ ރައީސްކަމުގައެވެ.

އޭގެ އިތުރުން އަބޫދާބީގެ ޑިޕާޓްމަންޓް އޮފް ޕްލޭނިންގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ވެސް ޝައިޚް ސަޢީދު ހުންނެވިއެވެ.

އެމަނިކުފާނު އަވަހާރަވީ އިރު އުމުރުފުޅަކީ 58 އަހަރެވެ.

comment ކޮމެންޓް