މިނިވަން ދުވަހުގެ މުނާސަބަތުގައި އަސްކަރީ ޕެރޭޑާއި ފުޅަނދުބުރު ބާއްވައިފި

އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓްކޯގެ ޕެރޭޑާއި ރޫޓް މާޗް-- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރުފުރޭ، 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އަސްކަރީ ޕެރޭޑާއި ރޫޓް މާޗު އަދި ފުޅަނދުބުރު ބާއްވައިފިއެވެ.

އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓްކޯގެ ޕެރޭޑާއި ރޫޓް މާޗް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ބައްލަވާލައްވައިފިއެވެ.

މި ހަރަކާތް ފެށީ އިއްޔެ ހަވީރު ޖުމްހޫރީ މައިދާން ކުރިމަތީގައެވެ.

އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓްކޯގެ ޕެރޭޑާއި ރޫޓް މާޗް-- ފޮޓޯ/ ރައީސް އޮފީސް

އަސްކަރީ ޕެރޭޑު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ މައިދާން ކުރިމައްޗަށް ވަޑައިގެންނެވުމުން، އެދެކަނބަލުންނާ އިސްތިޤުބާލު ކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލްއެވެ.

މި ހަރަކާތުގައި ދިވެހި ސިފައިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އަރުވާފައެވެ. އަދި އެއަށްފަހު ދިވެހި ސިފައިންގެ ބޭންޑުން ޤައުމީ ސަލާމް ކުޅުނެވެ.

އެއަށްފަހު މާލޭގެ ފަސް ސަރަޙައްދަކަށް މަޑުކޮށް ޕެރޭޑުގެ އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ނިންމާލާފައިވަނީ ކަޅުތުއްކަލާ ކޮށި ކައިރިއަށެވެ.

އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން، ނައިބު ރައީސް ފައިސަލް ނަސީމާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވަނީ ބަލާފައެވެ.

އޭގެ އިތުރުން ރޭގަނޑު މާލޭގައި ވަނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައި ފުޅަނދުބުރުގެ ހަރަކާތް ވެސް ބާއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުޅަނދު ބުރު ބައްލަވާލެއްވީ ޢިއްޒުއްދީން ފާލަން ކުރިމަތިންނެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅަނދުބުރުގެ ހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވުން-- ފޮޓޯ/ ރައީސް

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމުކޮށްގެން ބޭއްވި މި ފުޅަނދުބުރުގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން އަށް އިދާރާއަކުން ޖުމްލަ 15 ފުޅަނދު ބައިވެރިކޮށްފައިވެއެވެ. އޭގެ ތެރޭގައި އާބަންކޯ، އެމްޕީއެލް، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީ، ވެމްކޯ، އެމްއެންޑީއެފް، ސްޓެލްކޯ އަދި އެސްޓީއޯ ހިމެނެއެވެ.

މިއިން ކޮންމެ މުއައްސަސާއަކުން ނެރެފައިވާ ފުޅަނދުތަކަކީ، ހުރިހާ އުމުރުފުރާތަކެއްގެ މީހުން ޝައުގުވެރިވާ ގޮތަށް ތައްޔާރުކޮށްފައިވާ ފުޅަނދުތަކެކެވެ. އަދި އެއިން ކޮންމެ ފުޅަނދަކުން ވެސް ތަފާތު މެސެޖެއް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ފުޅަނދުތަކެކެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅަނދުބުރުގެ ހަރަކާތް-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އާބަންކޯއިން ނެރުނު ފުޅަނދުން ދައްކުވައިދެނީ އިހުގެ ދިވެހިންގެ ދިރިއުޅުމާއި، ޒަމާނީ ސިޓީއެއްގެ ދިރިއުޅުމެވެ. އެމްޕީއެލްގެ ފުޅަދުން ފެނިގެން ދިޔައީ ޑިޒްނީގެ މަޝްހޫރު ކާޓޫން 'ދަ ލިޓްލް މާމެއިޑް' އާއި ކަނޑުއަޑީގެ ދިރުންތަކެވެ. އެމްއޭސީއެލްގެ ފުޅަނދުން ފެނުނީ ޓްރާންސްފޯމާސް ފްރެންޗައިސްގެ އެކިއެކި ކެރެކްޓާތަކެވެ.

އެމްޑަބްލިއުއެސްސީގެ ފުޅަނދު ގުޅުވާފައި ވަނީ 'ނަލަ ވެށި' މި މައުޟޫއާއެވެ. ވެމްކޯއިން ވެސް ވަނީ ކުނީގެ ސަބަބުން މުޖްތަމައުއަށް ވާ ގެއްލުންތަކުގެ މައްޗަށް ބިނާކޮށް ފުޅަނދު ނެރެފައެވެ. އެމްއެންޑީއެފުން ވަނީ ކޯސްޓްގާޑާއި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ މަސައްކަތުގެ މައްޗަށް ބިނާކޮށް ފުޅަނދު ނެރެފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅަނދުބުރުގެ ހަރަކާތް-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އޭގެ އިތުރުން ސްޓެލްކޯއިން ވަނީ ތަރައްޤީއަށް އަންނަ ބަދަލާއެކު، ހަކަތައިގެ ސިނާއަތުގައި އީޖާދީ ވިސްނުމާއެކު ރަށްވެހި ތަރައްގީއަށް އަންނަ ބަދަލުގެ މައްޗަށް ފުޅަނދު ތައްޔާރުކޮށް ނެރެފައެވެ. އަދި އެސްޓީއޯއިން ވަނީ 'އެކްސްޓްރާ އޯޑިނަރީ ސާކަސް' ތީމަށް ފުޅަނދު ނެރެފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅަނދުބުރުގެ ހަރަކާތް-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ސޯޝަލް ސެންޓާ ސަރަހައްދުން ފެށި ފުޅަނދުބުރު ވަނީ ބްރިޖާ ހަމައިން ހުޅުމާލެއަށް ނިންމާލާފައެވެ.

މި ފުޅަނދުބުރުގައި ހުރިހާ އުމުރުފުރާތަކުން މީހުން ބައިވެރިވެ މާލޭގެ މަގުތައް ވަނީ ފުރާލާފައެވެ.

comment ކޮމެންޓް