ބަންގްލަދޭޝްގައި އާންމު ނުރައްކަލަކަށް ވާވަރަށް ޑެންގީހުން ފެތުރި 176 މީހަކު މަރުވެއްޖެ

ދާކާ (26 ޖުލައި 2023) : ބަންގްލަދޭޝްގައި އާންމު ސިއްހީ ނުރައްކަލަކަށް ވާވަރަށް ހަލުވިކަމާއެކު ޑެންގީ ހުން ފެތުރެމުން ދާކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނިގޮތުގައި ބަންގްލަދޭޝްގެ އެކިކަންކޮޅުތަކުގައި ވަރަށް ބާރަށް ޑެންގީ ހުން ފެތުރެމުން އެބަދެއެވެ. ޑެންގީ ހުން ފެތުރެނީ ވިއްސާރަ މޫސުން ފެށުމާއެކު މަދިރި އާދަޔާ ޚިލާފަށް ގިނަވުމުގެ ސަބަބުންނެވެ. ބަންގްލަދޭޝްއިން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން ޑެންގީ ޖެހިގެން 176 މީހުން މަރުވެފައިވާއިރު މީގެތެރޭގައި ގިނައީ ކުޑަކުދިންނެވެ.

ޑެންގީ ޖެހިގެން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެންމެބޮޑީ ތުއްތު ކުދިންނަށެވެ. ޚާއްސަކޮށް އެއް އަހަރުން ދަށުގެ ކުދިންނާއި އެއްއަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނަށް ނުރައްކާ ބޮޑު ކަމަށް ސިއްހަތާބެހޭ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޑެންގީ ޖެހޭ މީހުންގެ އަދަދު ގިނަވުމާއެކު އޭގެތެރެއިން ގިނަ ބަޔަކަށް ފަރުވާދޭންޖެހެނީ ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްގެން ކަމަށްވާތީ ހޮސްޕިޓަލުތަކުގެ އެނދުތައް ފުރެމުންދާކަން ބަންގްލަދޭޝްގެ ސިއްހަތާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ބަންގްލަދޭޝްގެ ސިއްހަތާބެހޭ އެންމެ އިސްފަރާތްކަމަށްވާ "ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ހެލްތް ސަރވިސަސް" ބުނާގޮތުން ފާއިތުވި ދުވަސްތަކުގައި 33 ހާހަށްވުރެ ގިނަ މީހުންނަށް ޑެންގީ ޖެހުނުކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ޑެންގީ ޖެހިގެން މި ޖުލައިމަހުގެ 19 ވަނަ ދުވަހު އެކަނިވެސް 19 މީހަކު ވަނީ މަރުވެފައެވެ.

ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމުގައިވެސް ބަންގްލަދޭޝްގައި ޑެންގީ ހުން ފެތުރެއެވެ. އެއީ މަދިރި ކޮންޓްރޯލް ނުކުރެވޭތީއެވެ. ޑެންގީ ހުމަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ވަރަށް ނުރައްކާތެރި ހުމެކެވެ. އެ ހުންޖެހުމުން އަވަހަށް ފަރުވާ ނުދެވިއްޖެނަމަ ތުއްތުކުދިން ވަރަށް އަވަހަށް މަރުވެއެވެ.

ޑެންގީ ފަތުރާ މަދިރި ނިސްބަތްވަނީ އީޑީސް ޢާއިލާއަށެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުމާއެކު ހަށިގަނޑުގައި ފެންމަދުކޮށްލައި މީހާ ވަރުބަލިކޮށްލައެވެ. ޑެންގީގެ އެންމެ ނުރައްކާތެރި ވައްތަރަކީ ޑެންގީ ހެމޮރެޖިކް ފީވާ އެވެ. އެވައްތަރުގެ ޑެންގީ ޖެހުމުން ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުން ލޭފައިބަން ފަށައެވެ. އަދި ކުއްލިއަކަށް ލޭގެ ޕްރެޝަރު ދަށަށްގޮސް ލޭގައި ހިމެނޭ އޮކްސީޖަންގެ ލެވެލްވެސް އެހާ އަވަސް އަވަހަށް ދަށަށްދެއެވެ. މިއާއެކު ފުރާނައަށް ވަރަށް ބޮޑަށް ނުރައްކާވެއެވެ.

ބަންގްލަދޭޝްގެ ސަރުކާރުގެ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި 7 ހާހަށްވުރެ ގިނަ ކުޑަކުދިންނަށް މިހާރު ވެސް ގެންދަނީ ޑެންގީ ޖެހިގެން ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްގެން ފަރުވާދެމުންނެވެ. ބަންގްލަދޭޝްގެ "ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ހެލްތް ސަރވިސަސް" އިން ހާމަކޮށްފައިވާގޮތުގައި ޑެންގީ ފެތުރުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ އާންމު ބަލިމަޑުކަމެއްގެ ގޮތުގައި މި ބަލި ކަނޑައަޅަން ޖެހިދާނެއެވެ.

ނަމަވެސް އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިދާނެތީ މިގޮތަށް ކަނޑައަޅަން ސަރުކާރުން އަދި ފަސްޖެހެނީއެވެ.

comment ކޮމެންޓް