ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވެރިކަމުން ދުރުކުރުމަށް މިދިޔަ އަހަރު ދަރިވަރުންތަކެއް އިސްނަގައިގެން ކުރި މުޒާހަރާތަކުގެ ލީޑަރަކު މަރުވުމާ ގުޅިގެން އެ ގައުމުގައި އަނެއްކާވެސް ހަމަނުޖެހުން ހިންގަން ފަށައިފިއެވެ.
އުމުރުން 32 އަހަރުގެ ޝަރީފް އުސްމާން ހާދީ މަރުވީ ވެރިރަށް ޑާކާގައި މި މަހުގެ 12 ވަނަ ދުވަހު، ޑާކާގެ މިސްކިތަކުން ނުކުމެގެން ދަނިކޮށް، މޫނު ފޮރުވައިގެން ތިބި ބަޔަކު ދިން ބަޑީގެ ހަމަލާއަކާ ގުޅިގެންނެވެ.
އޭނާ މަރުވީ ސިންގަޕޫރު ޖެނެރަލް ހޮސްޕިޓަލް (އެސްޖީއެޗް) ގައި ފަރުވާ ދެމުން ދަނިކޮށެވެ.
ހާދީ ވަނީ ކުރިއަށްއޮތް އާންމު އިންތިޚާބުގައި ވާދަކުރާކަން ކުރިން އިއުލާނުކޮށްފައެވެ.
ހާދީ މަރުވުމާ ގުޅިގެން ބަންގްލަދޭޝްގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި ވަނީ މަޝްހޫރު ދެ ނޫހެއް ކަމުގައިވާ ޕްރޮތޮމް އަލޯ އާއި ޑެއިލީ ސްޓާ ނޫހުގެ އޮފީހުގައި މީހުން ތިއްބާ ހުޅުޖަހައިފައެވެ.

ޕްރޮތޮމް އަލޯ ނޫސް ހިންގާ އޮފީހުގައި އަލިފާން ރޯކޮށްލުމުން އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރި ވަނީ . ފޮޓޯ/އޭޕީ
އެ ދެ ނޫހަކީވެސް، ހަސީނާ މިހާރު ފިއްލަވައިގެން ވަޑައިގެން ހުންނެވި އިންޑިއާއާ އެއްކޮޅަށް ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވާ ދެ ނޫހެވެ.
ހަސީނާ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވި ފަހުން އިންޑިއާއަށް ފާޑުކިޔުން އިތުރުވަމުންދާއިރު، މުޒާހަރާގެ ބައިވެރިން ވަނީ ޗިޓަންގޮގުގައި ހުންނަ އިންޑިއާގެ އެސިސްޓެންޓް ހައި ކޮމިޝަނަށް ވެސް ގެއްލުން ދީފައެވެ.
މުޒާހަރާ ކުރި މީހުން ވަނީ އިންޑިއާ ހައި ކޮމިޝަންގެ ކުރިމަތީގައިވެސް އަޑު އުފުލާފައެވެ.
މީގެއިތުރުން އެހެން ބައެއް އިމާރާތްތަކުގައިވެސް އަލިފާން ރޯކޮށް ގެއްލުން ދީފައިވެއެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި ޝެއިޚް ހަސީނާގެ އަވަހާރަވެފައިވާ ބައްޕަ ޝެއިޚް މުޖީބުއް ރަހުމާންގެ ގެއަށްވެސް ގެއްލުންދީފައެވެ. ހަސީނާ ވެރިކަމުން ދުރު ކުރުމަށް މިދިޔަ އަހަރު ކުރި މުޒާހަރާތަކުގައިވެސް އެގެއަށް ވަނީ ގެއްލުންދީފައެވެ.
ރާޖްޝާހީގައި މުޒާހަރާގެ ބައިވެރިން ވަނީ ހަސީނާގެ ޕާޓީ، އަވާމީ ލީގުގެ އޮފީހަކަށްވެސް ގެއްލުންދީފައެވެ. މުޒާހަރާއާ ގުޅިގެން ބައެއް ސަރަހައްދުތަކުގެ ހައިވޭތައް ވަނީ ބަންދުކޮށްފައެވެ.

ބަންގްލަދޭޝްގެ މަގުތަކުގައި އާންމުން މުޒާހަރާ ކުރަނީ. ފޮޓޯ/ރޮއިޓާސް
މުޒާހަރާގެ ބައިވެރިން ގޮވާލާފައި ވަނީ ހާދީއަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ.
ހާދީއަށް ބަޑިން ހަމަލާދިން މީހުން ހޯދުމަށް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ޝައްކު ކުރެވޭ ދެ މީހުންގެ ފޮޓޯ އާންމުކޮށް، އެމީހުން ހައްޔަރު ކުރުމަށް މަގުފަހިވާ ފަދަ މައުލޫމާތެއް ދިން މީހަކަށް ފަސް މިލިއަން ޓާކާ ނުވަތަ 42،000 ޑޮލަރުގެ އިނާމެއް ދިނުމަށް ހުށަހަޅާފައިވެއެވެ.
ދަ ޑެއިލީ ސްޓާ ނޫހުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެ ގައުމުގެ ފުލުހުންނާއި ބޯޑަރު ގާޑުން މިހާތަނަށް އެ ހާދިސާއާ ގުޅުން ހުރި 20 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މުޒާހަރާތަކާ ގުޅިގެން ބަންގްލަދޭޝްގައި މިވަގުތު އޮތް ވަގުތީ ސަރުކާރުން ވަނީ އަނިޔާވެރިކަމާއި، ބިރުދެއްކުމާއި، ހުޅުޖެހުމާއި މުދަލަށް ގެއްލުން ދިނުން ފަދަ ކަންކަން ނުކުރުމަށް ގޮވާލައި އެ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ހާދީގެ ޖަނާޒާ ބަންގްލަދޭޝް ގަޑިން މާދަމާ މެންދުރުފަހު ދޭއް ޖަހާއިރު، ބާއްވަން ވަނީ ހަމައްޖައްސާފައެވެ.