ރައްޔިތުންގެ މަޖިލީހުގެ ދ. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ރައީސް އަޙްމަދު އާމިރުގެ ޓްރެފިކާ ޚިލާފުވީ ކަމަށް ބުނެ ހިފަހައްޓަން ދެ ފުލުހަކު އަމަލުކުރި ގޮތާ މެދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ މެންބަރު އާމިރު، ފުލުހުންގެ ޗެކްޕޮއިންޓަކުން ހިފަހައްޓައި ދެ ފުލުހަކު ވެގެން ގަދަކަމުން ހިފަހައްޓައި ހައްޔަރުކުރަން އުޅޭ ތަނެވެ.
އެއިރު އޭނާއަށް 'އަނިޔާ ނުކުރުމަށް' ގޮވައި އަޑު ވެސް ވީޑިއޯއިން އިވެއެވެ.
މި ކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ އާމިރު ހުއްޓުވީ ސައިކަލުތައް ޗެކު ކުރުމަށް ޗެކްޕޮއިންޓު ޖަހައިގެން ފުލުހުން ތިއްބައި، ހުއްޓަން އެންގުމުން، ފުލުހުންނާ ހުތުރު ބަހުން މުއާމަލާތްކޮށް، މަޑުނުކޮށް، ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދިއުމުން ކަމަށެވެ.
އެހެންވެ، އެ ސައިކަލުގެ ފަހަތުން ގޮސް ސައިކަލު ހުއްޓުވައި، މައުލޫމާތު ހޯދަން މަސައްކަތް ކުރުމުން ވެސް އެ ކަމަށް އާމިރު އިންކާރު ކުރެއްވީ ކަމަށް ފުލުހުން ބުންޏެވެ.
ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުން ބުންޏެވެ. އިތުރަށް މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ކަމާ ގުޅިގެން މެންބަރު އާމިރު "ސަން"އާ ވާހަކަދައްކަވަމުުން ވިދާޅުވީ ފުލުހުން އޭނާ ހިފެހެއްޓީ ރޭ މެންދަމު 01:00 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހިން ދުއްވައިފައި ދަނިކޮށް ކަމަށެވެ. އޭނާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސް، ލައިސެންސާ އެކު ސައިކަލް ވެސް އަތުލީ ކަމަށް އާމިރު ވިދާޅުވިއެވެ. އަދި، 02:30 ވަންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލީ ކަމަށް އާމިރު ވިދާޅުވިއެވެ.
އާމިރު ވަނީ ހުތުރު ބަހުން މުއާމަލާތް ކުރީ ކަމަށް ބުނެ ފުލުހުން ދެއްކި ވާހަކަތަކަށް އިންކާރު ކުރައްވައިފައެވެ. އަދި، އޭނާއަށް މަޑުކުރަން އެންގިކަން އޭނާއަށް ވެސް ނޭނގޭ ކަމަށް އާމިރު ވިދާޅުވިއެވެ.
"ބޭއަދަބީކޮށް އަދި ހުތުރުކޮށް ބޭނުންކުރި އެންމެ ލަފުޒުކޮޅެއް ވެސް ނޯންނާނެ،. އަޅުގަނޑު އެކަންޏެއް ނޫން. އިތުރު މީހަކާއެކު ހުރީ ވެސް. އޭނާއަށް ވެސް އެނގޭނެ އެ ކަން." އާމިރު ވިދާޅުވިއެވެ.
އެއާ އެކު އޭނާއާމެދު އަމަލުކުރި ގޮތާ ގުޅިގެން ނުރުހުން ފާޅުކުރައްވަމުން އާމިރު ވަނީ އެ ފަދަ ކަމެއްގައި ފުލުހުންގެ ތެރެއިން އެހައި ހަރުކަށިކޮށް އަމަލު ކުރާނަމަ އިޖްތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރާނީ ކިހިނެއްތޯ ސުވާލު އުފައްދައިފައެވެ.
އެގޮތުން ފުލުހުންނަކީ ހަމައެކަނި ޓްރެފިކް ގާނޫނު ތަންފީޒުކުރަން ތިބޭ ބައެއްތޯ ސުވާލު އުފައްދަވަމުން އޭނާ ވަނީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ދޫކޮށްލައިފައިވާ ކަމަށް ވިދާޅުވެފައެެވެ.
އެގޮތުން މަސްތުވުމުގެ މައްސަލައާއި، ވަގު ޑޮލަރުގެ މައްސަލައާއި އެ ފަދަ އެތައް ކަމެއް ހިނގަމުން އަންނައިރު އެއިން އެއްވެސް ކަމެއް ނުހުއްޓުވައި ފުލުހުން ތިބެނީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވިއެެވެ
"ފުލުހުންނަށް އަޅުގަނޑުކުރި މި ކުރި ސުވާލަށް ޖަވާބު ދެމުން އެ ދެ ފުލުހުން ބުނީ އެއީ ތިމަންނަމެންނާ ބެހޭ ކަމެއް ނޫނޭ. ތިމަންނަމެންނަކީ ޓްރެފިކް ފުލުހުންނޭ. ނޫން އެހެންނެއް ނޫން އެ ކަން ވާނީ. މި ކަމުން އެނގެނީ ހަމައެކަނި ޓްރެފިކް ބަލަހައްޓަން ކިތަންމެ ހަރުކަށިވާން ވެސް ފަސްނުޖެހޭނެކަން އެހެން ބޮޑެތި ކުށްތައް ގިނަވާއިރު ވެސް،" އާމިރު ވިދާޅުވިއެވެ.