ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް 50 އަހަރު ފުރުމާ ގުޅިގެން ރިސޯޓްތައް ހިއްސާވާ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މިދިޔަ އަހަރު ލޯންޗް ކުރި ދެ ފޮތް ނެރެފިއެވެ.
"މޯލްޑިވިއަން ރިސޯޓްސް އާކިޓެކްޗާ" އަދި "50 އިއާޒް އޮފް އައިލެންޑް ރިސޯޓްސް" މި ދެ ފޮތް އެންމެ ފުރަތަމަ އިފްތިތާހްކޮށްފައިވަނީ، މަޓީން މިދިޔަ އަހަރު ބޭއްވި އެ ޖަމިއްޔާގެ 33 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.
އަހަރެއްހާ ދުވަހުގެ މަސައްކަތަށްފަހު މި ދެ ފޮތް ރަސްމީކޮށް ނެރެފައިވަނީ އެކަމަށްޓަކައި "މާލޭ ގެލަރީ" ގައި ބޭއްވި ހަފްލާއެއްގައެވެ. މި ދެ ފޮތަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވޭތުވެދިޔަ 50 އަހަރުދުވަހުގެ ތެރޭގައި ތަރައްޤީވެގެން އައިގޮތް ދައްކުވައިދޭގޮތަށް ތައްޔާރުކޮށްފައިވާ ކޮފީ މޭޒަށް ޚާއްސަ ފޮތެކެވެ.
މަޓީން ނެރުނު ދެ ފޮތުގެ ތެރެއިން، "50 އިއާޒް އޮފް އައިލެންޑް ރިސޯޓްސް" މި ފޮތުގެ މުސައްނިފަކީ ޑރ. ސިމާދު ސައީދެވެ. މި ފޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެންމެ ފުރަތަމަ ފެށެން ދިމާވި ސަބަބުގެ އިތުރުން ފެށިގެން އައިގޮތާއި، ޒަމާނާ އެއްގޮތަށް ރިސޯޓްތައް ބަދަލުވަމުން އައިގޮތް ޝައުގުވެރި ކުރުވަނިވި ގޮތަކަށް ކިޔައިދީފައި ވެއެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މަޓީން ދެ ފޮތެއް ނެރުމަށް ބޭއްވި ހަފްލާގެ ތެރެއިން--- ސަން ފޮޓޯ/ މާހިލް އާތިފް
"ސަން" އާ ވާހަކަދައްކަވަމުން ޑރ. ސިމާދު ވިދާޅުވީ، މި ފޮތުގައި އިނގިރޭސިންގެ އަތުން ރާއްޖެއަށް މިނިވަންކަން ލިބިގެން ދިވެހިން ޓޫރިޒަމަށް ވިސްނަންފެށި ގޮތާއި، ބޭރުގެ އެކި ފަރާތްތަކުން ޓޫރިޒަމާއި ގުޅޭގޮތުން ދިން ލަފާގެ އިތުރުން ފުރަތަމަ ފަހަރަށް ރިސޯޓެއް ހެދި ޓޫރިސްޓުން އައިގޮތުގެ މުހިއްމު މައުލޫމާތުތައް އެކުލެވިގެންވާކަމަށެވެ.
"ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ތިން ރިސޯޓް ހެއްދެވީ ކީއްވެގެންކަން. އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރު، ވިލިނގިއްޔާ، ފުރަނަފުއްޓާއި، ފަރުކޮޅުފުށި ސަރުކާރުގެ ރިސޯޓުތަކުގެ ގޮތުގައި ތަރައްޤީކުރެއްވީ ކީއްވެގެންކަން .އަޅުގަނޑަށް ހީވަނީ މިއީ ގިނަ ދިވެހިންނަށް އެނގެންޖެހޭ ވާހަކައެއްހެން،" 50 އިއާޒް އޮފް އައިލެންޑް ރިސޯޓްސް ފޮތުގައި ހުރި ބައެއް މުހިންމު ވާހަކަތައް ހިއްސާކުރައްވަމުން ސިމާދު ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މަޓީން ދެ ފޮތެއް ނެރުމަށް ބޭއްވި ހަފްލާގެ ތެރެއިން--- ސަން ފޮޓޯ/ މާހިލް އާތިފް
"މޯލްޑިވިއަން ރިސޯޓްސް އާކިޓެކްޗާ" މިފޮތުގެ ވާހަކަތައް ގެނެސްދީފައިވަނީ ރިސޯޓްތަކުގެ އާކިޓެކްޗާ އާ ބެހޭގޮތުން ކަމަށެވެ.
"ސަން" އާ ވާހަކަދައްކަވަމުން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި، އަދި ދިވެހި އާކިޓެކްޓް މައުރޫފް ޖަމީލް ވިދާޅުވީ، ލިޔުމުގެ އިތުރުން މަންޒަރު ދައްކުވައިދޭ މި ފޮތަކީ ތާރީޚީ މުހިއްމު މައުލޫމާތު ހިމެނޭ ފޮތެއްކަމުން މިއީ ދިވެހިންގެ މައުލޫމާތުގެ ހަޒާނާ މުއްސަނދި ކޮށްލުމުގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ މެހެމާނުންނަށްވެސް ވަރަށް ބޭނުންތެރި ފޮތަކަށް ވާނޭކަމަށެވެ.
"މި ފޮތުގައި ހުންނާނީ ފަންސާސް އަހަރުވުމާ ގުޅިގެން ކޮންމެ ޑިކޭޑެއްގެ ހިނގިކަންތައްތައް ޓްރޭސްކޮށްފައި. ވަރަށް ހަމްބަލް ފެށުމަކުން އައިސް މިހާރު މިއޮތް ހާލަތަށް ބަދަލުވެގެން އައިގޮތްތައް. އާކިޓެކްޗަލް މައިލްސްޓޯންތަކާ. މިކަހަކަ ގޮތަކަށް މި ފޮތުގައި ހުންނާނީ،" މައުރޫފް ޖަމީލް ވިދާޅުވިއެވެ.

މަޓީން ނެރުނު މި ދެ ފޮތް އެޖަމިއްޔާގެ ވެބްސައިޓު މެދުވެރިކޮށް އޯޑަރު ކުރެވެއެވެ. އަދި ނޮވެލްޓީ ބުކްޝޮޕުން ލިބެން ހުރެއެވެ. މީގެ ތެރެއިން 50 އިއާޒް އޮފް އައިލެންޑް ރިސޯޓްސް ފޮތުގެ އަގަކީ 771 ރުފިޔާއެވެ. ހޯލްސޭލް އަގަކީ 594 ރުފިޔާއެވެ.
"މޯލްޑިވިއަން ރިސޯޓްސް އާކިޓެކްޗާ" ފޮތުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 702 ރުފިޔާއަށެވެ. މި ފޮތުގެ ހޯލްސޭލް އަގަކީ 491.40 ރުފިޔާއެވެ.