ޑރ. މުނައްވަރު، ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ސޮއި ހޯދަން ފަށައިފި

ޑރ. މުޙައްމަދު މުނައްވަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ. މުޙައްމަދު މުނައްވަރު ސޮއި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ކުރީގެ އެޓާނީ ޖެނެރަލްގެ މަގާމާއި އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާފައިވާ ޑރ. މުނައްވަރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވިކަން އިއުލާން ކުރެއްވީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

"ސަން"އާ ވާހަކަދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ ރިޔާސީ ރޭހަށް ވާދަ ކުރުމަށް ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް، ރާއްޖޭގެ އެކި ރަށްރަށުގައި އިއްޔެއިން ފެށިގެން ކުރިއަށްދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ހަމަކުރެވުނު ސޮއި ގެ އަދަދު ހާމައެއް ނުކުރައްވައެވެ.

އޭނާ ވިދާޅުވީ ސޮއި ހަމަ ކުރުމުގެ މަސައްކަތަށް މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެމުންދާ ތަރުހީބާމެދު ހިތްހަމަޖެހި ފަޚުރުވެރިވާ ކަމަށެވެ.

"މިހާރު މި ކުރަނީ ކުށުގެ ރެކޯޑް ސާފު ކުރުމާއި ސޮއި ހަމަ ކުރުމުގެ މަސައްކަތް. މުއްދަތު ޖެހެންވާއިރު ހަމަވާނެ ކަމަށް މި ބަލަނީ. ބައެއް މީހުން އަމިއްލައަށް ގުޅާފައި ވެސް އެބަ ބުނޭ. ދަންނަވާނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް،" ޑރ. މުނައްވަރު ވިދާޅުވިއެވެ.

ޑރ. މުނައްވަރު ވިދާޅުވީ އޭނާ ބޭނުންފުޅު ވަނީ ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ ސިޔާސީ ލީޑަރުން، ގައުމު ވައްޓާލައިފައިވާ އަޅުވެތިކަމުގެ ވަޅުގަނޑުން ސަލާމަތްކޮށް މުޅިން އައު ޖީލަކަށް ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޑރ. މުނައްވަރު ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނީ އަވަށްޓެރި އިންޑިއާގެ ނުފޫޒް ވަރަށް ބޮޑަށް ވަދެފައެެވެ. އެހެންކަމުން އޭނާގެ ވެރިކަމެއްގައި ބޭރު ގައުމުތަކުން ރާއްޖެއަށް އަތް ގަދަ ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރު ހިންގުމުގައި އިންސާފުގެ ކަންފުޅެއް ވެސް ނެތް ކަމަށާއި މިހާރު ފެންނަނީ ގާތްތިމާގެ މީހުންނާއި ރައްޓެހީންނަށް ތަފާތު ނަންނަމުގައި ޑީލްތައް ހަދާ މަންޒަރު ކަމަށް ވިދާޅުވެ، ވަނީ އޭނާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޑރ. މުނައްވަރު ވިދާޅުވީ ވޯޓްލާނެ ޗޮއިސްއެއް ނެތް ކަމަށް ވަރަށް ގިނަ މީހުން އޭނައަށް ގުޅައި ބުނަމުންދާ ކަމަށެވެ. އިންތިޚާބުގައި ވާދަ ކުރައްވަނީ އެފަދަ އެތައް ސަބަބުތަކެއް ހުރުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ރިޔާސީ ރޭޙުގައި ވާދަކުރައްވަނީ ވަކި ބޭފުޅެއްގެ އެދިވަޑައިގަތުމަކަށް ނޫން ކަމަށެވެ. އަދި ވިދާޅުވީ މިއަހަރުގެ އިންތިޚާބުގައި ސިޔާސީ ޕާޓީއަކާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ވެސް ނުގެންގުޅުއްވާ ކަމަށެވެ.

"އެއްވެސް މީހެއްގެ އެޖެންޓަކަށް ނުވާނަން. މި ނުކުންނަނީ ދިވެހި ރައްޔިތުންނާއެކު ކޯލިޝަން ހަދަން،" ޑރ. މުނައްވަރު ވިދާޅުވިއެވެ.

comment ކޮމެންޓް