އިންސާނީ ވަގުފާރި ފަދަ ބޮޑެތި ކުށްތައް މަދުކުރުމަށް ރާއްޖެއާއި އިންޑިއާގެ އެއްބަސްވުމެއް

އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ/ އިމިގްރޭޝަން

އިންސާނީ ވަގުފާރި ފަދަ ބޮޑެތި ކުށްތައް ހުއްޓުވައި، މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި މިއަދު ރާއްޖެއާއި އިންޑިއާއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކާ ފޮރިން މިނިސްޓްރީގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް މޯލްޑިވްސް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ހުސައިނެވެ. އަދި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ ޖޮއިންޓު ސެކްރަޓަރީ، މިނިސްޓަރީ އޮފް ހޯމް އެފެއާޒް އޮފް އިންޑިއާ، ސުމާންތް ސިންގްއެވެ.

އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ/ އިމިގްރޭޝަން

މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އިމިގްރޭޝަންގެ މަސައްކަތްތަކާ ގުޅުން ހުރި މައުލޫމާތު ބަދަލު ކުރުމަށާއި، ބޯޑާ ކޮންޓްރޯލް މެނޭޖުމަންޓު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން، އިމިގްރޭޝަން ޚިދުމަތްތަކާ ގުޅޭގޮތުން އޮފިސަރުން ތަމްރީނު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން ކުށްތައް މަދުކުރުމަށް ބޭނުންވާ އެހީތެރިކަން ވެސް ފޯރުކޮށްދޭނެއެވެ.

comment ކޮމެންޓް