ރާއްޖެ ތަރައްގީ ކުރުމުގައި ޔޫއޭއީގެ ދައުރު ބޮޑު: ރައީސް

ޔޫއޭއީގެ އައު ސަފޯރު، ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެ ތަރައްގީ ކުރުމުގައި ޔޫއޭއީއިން އަދާކުރާ ދައުރު ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ ޔުނައިޓޭޑް އަރަބް އެމިރެޓްސް (ޔޫއޭއީ)ގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޝެއިޚް ރަހްމާން ބިން އަބްދުލް ރަހްމާން ބިން ރަހްމާ އަލް ޝަމްސީ، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސަށް އެރުވުމަށް ބޭއްވި ބައްދަލުވުމުގައެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެ ތަރައްގީ ކުރުމާއި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި ޔޫއޭއީ އިން ވަރަށް މުހިއްމު ދައުރެއްއަދާ ކުރާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް ޓަކައި އެމަނިކުފާނު ވަނީ ޔޫއޭއީގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ރައީސް އާއި ޔޫއޭއީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ދެމެދު ބޭއްވެވި މަޝްވަރާތައް ނިންމަވާލެއްވީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

comment ކޮމެންޓް