ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ކެންޑިޑެސީ ފޯމްގައި ސޮއިކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ޕީޕީއެމުން މިއަދު ބުނީ، ރައީސް ޔާމީނުގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންްޖެހޭ ލިޔުންތަކުގައި ކަރެކްޝަން މެދުވެރިކޮށް އެމަނިކުފާނުގެ ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި ސޮއިކުރެއްވި ހުރިހާ ލިޔުންތަކެއް ޕީޕީއެމްގެ އޮފީހަށް މިހާރު ލިބިފައިވާ ކަމަށްވެސް އެޕާޓީން ބުންޏެވެ.
އިއްޔެ ޔާމީނާ ބައްދަލުކުރަން މާފުއްޓަށް ދިޔަ ވަކީލުންގެ ޓީމަކަށް ކަރެކްޝަނުން ހުރަސް އެޅިކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ކަރެކްޝަނުން ބުނެފައިވަނީ، ޔާމީންގެ ވަކީލުން ބައްދަލުވުމަށް ގެންދެވި ތަކެތި އާންމު އުސޫލުން ބަލާ ފާސްކުރުމަށް އެދުމުން އެކަމަށް ދެކޮޅު ހަދާފައި ވާތީ ބައްދަލުވުން ކެންސަލް ކުރީ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ އިންތިޚާބީ ހައްގަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ، އެ ހައްގު ހޯދުމަށް އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަތުމަށް އިއްޔެ އެ ކޯޓުން ވަނީ ނިންމާފައެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ، ޔާމީންގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވެފައި އޮތުމަކީ އެ މަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އޮތް އެންމެބޮޑު ހުރަހެވެ.