އައްޑޫއިން ގޯތި ލިބޭ މީހުންގެ ލިސްޓު އަންނަ މަހު އާންމުކުރަނީ

އައްޑޫ ސިޓީ --- ފޮޓޯ/ ޓައިމްސް އޮފް އައްޑޫ

އައްޑޫ ސިޓީން ގޯތި ލިބޭ މީހުންގެ ލިސްޓު ކުރިއަށް އޮތް އޮގަސްޓު މަހު ތެރޭ އިއުލާނުކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ގޯތި ދޫކުރުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި 1،000 ގޯއްޗަށް އެދި 4،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އައްޑޫއިން 500 ގޯތި ހިތަދޫއިން ދޫކުރާއިރު ބާކީ 500 ގޯތި ދޫކުރަނީ ފޭދޫއާއި ހުޅުދުއާއި މީދޫއިންނެވެ.

އޭގެ ތެރެއިން 2،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފައި ވަނީ ހިތަދޫއިން ކަމަށާއި ދެބައިކުޅަ އެއްބައި ފޯމު މިހާރު އިވެލުއޭޓުކޮށް ނިމިފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. ހުޅުދޫއާއި ފޭދޫއިން ބާކީ ފޯމުތައް ހުށަހަޅާފައި ވާއިރު އެ ފޯމުތައް މިހާރު ނިމިފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އައްޑޫ ސިޓީން ގޯއްޗަށް އެދި ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ، މިއަހަރު ކުރީކޮޅު ފެބްރުއަރީ މަހުއެވެ. އެހެންނަމަވެސް ފޯމުތައް ހުށަހެޅުމަށް ކަނޑައެޅި ތާރީޚަށް ފަހު ފޯމުތައް އިވެލުއޭޓު ކުރުން ލަސްވުމާ ގުޅިގެން ގިނަ ކަންބޮޑުވުންތައް ވަނީ ފެންމަތިވެފައެވެ.

"އުންމީދަކީ، ކުރިއަށް އޮތް އޮގަސްޓު މަހުގެ ތެރޭގައި ރައްޔިތުންނާ ހަމައަށް ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު ނެރެ އާންމު ކުރެވޭނެ ކަމަށް." ނިޒާރު ވިދާޅުވިއެވެ.

26 ޖެނުއަރީ 2023: އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭން ނިންމާލުމަށް އައްޑޫގައި ބޭއްވި ބޮޑު ޖަލްސާގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވާހަަކަދައްކަވަނީ ---

މޭޔަރު ވިދާޅުވީ، ފޯމުތަކުގެ މަސައްކަތް ނިންމުން ލަސްވި އެއް ސަބަބަކީ، ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާވުން ކަމަށެވެ. އޭގެ އިތުރުން އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ކައުންސިލަށް ކުރިމަތިވެފައި އޮންނަ ކަމަކީ އައްޑޫ ސިޓީން ދޫކޮށްފައިވާ ގެތަކުގެ ތެރެއިން 350 އަށްވުރެ ގިނަ ގޯތި ޗަސްބިމުން ދޫކޯށްފައި އޮތް އޮތުން ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. އެއީ ހިތަދޫއާއި ފޭދޫއިންނެވެ.

"މި ސަރުކާރުން އަޅުގަނޑުމެންނަށް އެކި ފަހަރު މަތިން ދެއްވި އެހީތެރިކަމާ އެއްކޮށް މި ފަހުން ފޭދޫ އާއި ހިތަދޫގެ ޗަސްބިން ހިއްކުމަށް ދިން ގްރާންޓްގެ ސަބަބުން އެކަމަށް ބޮޑު ހައްލެއް ލިބިގެން ދިޔަ." މޭޔަރު ނިޒާރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އެ ޗަސް ބިންތަކަށް ވެލިއެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އެ މަސައްކަތް ކުރަމުންދަނީ އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުން ކަމަށެވެ.

މި މަޝްރޫޢަކީ 1.5 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

comment ކޮމެންޓް