ލަންޑަން (22 ޖުލައި 2023): ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމަ ޔުކްރެއިން އަށް ކާމިޔާބު ނުކުރެވޭނެކަމަށް އެމެރިކާގެ ނޫސްވެރިއެއްކަމަށްވާ ގާލެންޑް ނިކްސަން ވިދާޅުވެއްޖެއެވެ.
ނިކްސަން ވިދާޅުވީ ޔުކްރެއިން ހަނގުރާމަ ކުރިޔަށްދާގޮތާއި ހުޅަނގުން ޔުކްރެއިންއަށްދޭ އަސްކަރީ އެހީތައް އެތަށް މަހެއްވަންދެން އޭނާ ދިރާސާ ކުރައްވައިފި ކަމަށާއި މިކަންކަމަށް ބަލާފައި ހުރިހާ ހިސާބެއް ޖެހުމުންވެސް ފެންނަނީ ރަޝިއާގެ މައްޗަށް އަސްކަރީގޮތުން ކާމިޔާބު ހޯދުމުގައި ޔުކްރެއިން ފެއިލްވާނެކަމުގައެވެ.
ނިކްސަން ވިދާޅުވިގޮތުގައި ދިގުމުއްދަތަކަށް ހަނގުރާމަ ކުރިޔަށްގެންދިޔުމުގެ ހުރިހާ ގާބިލްކަމެއް ރަޝިއާގެ އެބަހުރިކަމަށާއި ނަމަވެސް ޔުކްރެއިންއަކީ ހަތިޔާރާއި އިގްތިސާދަށް ހުޅަނގަށް ބަރޯސާވާ ގައުމަކަށްވާތީ އެގާބިލްކަން ޔުކްރެއިންގައި ނެތްކަމުގައެވެ. ދިގުމުއްދަތަކަށް ޔުކްރެއިންއަށް ބޭނުންވާ ހަތިޔާރު ހުޅަނގަށް ނުދެވޭނެކަމަށްވެސް ނިކްސަން ވިދާޅުވިއެވެ.
އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ) ގެ ވެރިޔާ ވިލިޔަމް ބާންޒް ވަނީ މީގެ ހަ ފަހްތާކުރިން ރަޝިއާ އާ ދެކޮޅަށް ޔުކްރެއިން އިން ފެށި ކައުންޓާއެޓޭކް (ރައްދު ހަމަލާ) އެމެރިކާ ލަފާކުރި މިންވަރަށް ވުރެ މާބޮޑުތަން ފަހަތުގައި އުޅޭތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކައުންޓާއެޓޭކް އަށް ހަ ހަފްތާވެފައިވާއިރު ރަޝިއާގެ ދިފާއުތައް ފޫއަޅުވާލުމުގައި ޔުކްރެއިންއަށް މަބޮޑު ކާމިޔާބެއް ނުލިބޭކަމަށް ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އެވުޒާރާއިން ބުނިގޮތުގައި ޔުކްރެއިން އިން ފެށި ކައުންޓާއެޓޭކް ގެ ދިފާއުގައި ރަޝިއާއިން ބިނާކޮށްފައިވާ ދިފާއީ އައްޑަނަތަކަކީ ހަނގުރާމައަކުން މިހާތަނަށް ފެނުނު އެންމެ ވަރުގަދަ ދިފާއީ ނިޒާމެވެ.
އެމެރިކާގެ މުސްތަގިއްލު އަސްކަރީ މުހައްލިލެއްކަމަށްވާ ކާނަލް ރިޓަޔަޑް ޑޮގްލަސް މެގްރިގޯ ވިދާޅުވިގޮތުގައި ހަނގުރާމައިގެ ކުރީކޮޅު ޔުކްރެއިންވެ އެކި ސަރަހައްދުތަކުގައި ރަޝިއާގެ ބާރުތައް ފަހަތަށް ޖެހެންޖެހުނު ނަމަވެސް އެހާލަތު މިހާރު މުޅިން ބަދަލުވެއްޖެއެވެ. މިހާރު ރަޝިއާވަނީ ރަޝިއާ ކުރިން އެންމެ ބަލިކަށި ދާއިރާކަމަށްވާ ލޮޖިސްޓިކްސް ގެ ދާއިރާ ތަޖުރިބާގެ އަލީގައި ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
މެގްރިގޯ ވިދާޅުވިގޮތުގައި ޔުކްރެއިންގެ ދެނިބްރޯ ކޯރާ ހަމައަށް ރަޝިއާގެ ބާރުތަކަށް ވާސިލް ވެވިއްޖެނަމަ ޔުކްރެއިންގެ ދިފާއީ ބާރުތައް ބަލިކަށިވެ ރޫޅިގެންދާނެއެވެ. ނޫނީ ރަޝިއާގެ ކުރިމަތީގައި ހިފަހައްޓާ ނުލެވޭ ހިސާބަށް ދާނެއެވެ. މިހާލަތު އަތުވެއްޖެނަމަ ޔުކްރެއިންގެ ސިޔާސީ ނިޒާމު އިނދަޖެހި ރޫޅޭކަށް މާގިނަ ދުވަސްތަކެއް ނުނަގާނެއެވެ.
އަސްކަރީ މުހައްލިލުން ވިދާޅުވާގޮތުގައި ރަޝިއާ ޔުކްރެއިން އާ ދެކޮޅަށް މިހާރު ބޭނުންކުރަނީ ވަރަށް ޒަމާނީ ބާރުގަދަ އަދި ވަރަށް އެކުއުރޭޓް ހަތިޔާރެވެ. ކުރިން ބޭނުންކުރި ފަދަ ބައު ހަތިޔާރެއް ނޫނެވެ. ރަޝިއާގެ ޒަމާނީ އައު ހަތިޔާރުތަކުގެ ކުރިމަތީގައި އެމެރިކާއާއި ޔޫރަޕުން ޔުކްރެއިން އަށް ދޭ ހަތިޔާރުތަކުން ޔުކްރެއިންއަށް ކުރިއެރުން ނުލިބޭތާ އެތަށް ހަފްތާއެއް ވެފައިވާއިރު ޔުކްރެއިންގެ ވެރިންވެސް އަދި އެމެރިކާއާއި ޔޫރަޕްގެ ވެރިންވެސްވަނީ ކަންބޮޑުވެ ވަޑައިގެންފައެވެ.
އެމެރިކާގެ މަޝްހޫރު ނޫސްވެރިޔާ ގާލެންޑް ނިކްސަން ވިދާޅުވިގޮތުގައި އެމެރިކާއިން ޔުކްރެއިންއަށް ކްލަސްޓާ ބޮން ދިނީވެސް ރަޝިއާގެ ދިފާއުތައް ފޫއަޅުވާލުމުގައި ޔުކްރެއިންއަށް ކާމިޔާބު ނުލިބިގެން ހަދާނެ ގޮތް ބޮޑުވެގެންނެވެ. ނަމަވެސް އެމެރިކާއިން އުފައްދަނީ 14 ކިލޯގްރާމްގެ ޓީއެންޓީގެ މިންވަރުގެ ކްލަސްޓާ ބޮންކަމަށްވެފައި ރަޝިއާއަކީ 44 ކިލޯގްރާމްގެ ޓީއެންޓީގެ ބިޔަ ކްލަސްޓާ ބޮން އުފައްދާ ގައުމެއްކަމުން ކްލަސްޓާ ބޮން ބޭނުންކޮށްގެންވެސް ޔުކްރެއިންއަށް ލިބޭނީ އިތުރު ގެއްލުމެކެވެ.
ރަޝިއާގެ ރައީސް ވްލަދިމިޔަރ ޕޫޓިންވަނީ ރަޝިއާގައި އުފައްދާ ކްލަސްޓާ ބޮން އެމެރިކާގައި އުފައްދާ ކްލަސްޓާ ބޮމަށްވުރެ އެތަށް ގުނައެއް ބަރުގަދަވާނެކަން ހާމަކުރައްވައި ރަޝިއާގައި އުފައްދާ ކްލަސްޓާ ބޮން ޔުކްރެއިންއާ ދެކޮޅަށް ބޭނުންކުރާނެކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ މަޝްހޫރު ނޫސްވެރިޔާ ގާލެންޑް ނިކްސަން ވިދާޅުވިގޮތުގައި ހަތިޔާރުގެ ގޮތުން ރަޝިއާ ބަލިކުރުމަކީ ހުޅަނގަށް ކުރެވޭނެކަމެއް ނޫނެވެ. އޭނާގެ ނަޒަރުގައި ކްލަސްޓާ ބޮން ބޭނުންކުރުމަކީ ޔުކްރެއިން ހަނގުރާމަ ނިމުމަކަށް އައުމަށް މަގުފަހުވެގެންދާނެކަމެކެވެ. އެއީ އެބޮމުގެ ސަބަބުން ގިނަ އަދަދަކަށް ސިފައިން މަރުވެ އަދި ޒަޚަމްވާ ސިފައިންގެ އަދަދު އެތަށް ގުނައަކަށް އިތުރުވާނެތީއެވެ.
ނިކްސަން ވިދާޅުވިގޮތުގައި ރަޝިއާގެ ކުރިމަތީގައި ޔުކްރެއިން ސިފައިން މާބޮޑަށް ބަލިވާންފަށައިފިނަމަ ހުޅަނގުން ޔުކްރެއިންގެ ރައީސް ޒެލެންސްކީ ދޫކޮށްލާނެއެވެ. އަދި ބަލިވުމުގެ ޒިންމާ ޒެލެންސްކީ ގެ ބޮލުގައިވެސް އަޅުވާނެއެވެ. އެމެރިކާއާއި ޔޫރަޕްގެ ގޮތަކީ އެއީކަމަށާ ރަޝިއާގެ މައްޗަށް ޔުކްރެއިންއަށް ކާމިޔާބު ނުހޯދިއްޖެނަމަ ހުޅަނގުން ޔުކްރެއިން ދޫކޮށްލާނެއެވެ.
އެހާލަތުގައި ޔުކްރެއިންއަށް ޖެހޭނީ ރަޝިއާ ގެ ޝަރުތުތައް ގަބޫލުކޮށްގެން ހަނގުރާމަ ހުއްޓާލާށެވެ. މިހާލު ޖެހިދާނެކަމުގެ ބިރު ޔުކްރެއިންގެ ރައީސް ޒެލެންސްކީ މިހާރުވެސް އިހުސާސް ކުރައްވާކަން އޭނާގެ މޫނުމަތިން ހާމަވާކަމަށް ނިކްސަން ވިދާޅުވިއެވެ.
ދާދިފަހުން ލިތުއޭނިއާގައި ބޭއްވި ނޭޓޯގެ އިސްވެރިންގެ ސަމިޓްގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގް ވަނީ ރަޝިއާގެ ކުރިމަތީގައި ޔުކްރެއިން ބަލިވެއްޖެނަމަ ޔުކްރެއިން ނޭޓޯއަށް ވައްދަން ނޭޓޯގެ ގައުމުތައް ބޭނުންނުވާނެކަމަށް ވިދާޅުވެ ޔުކްރެއިން އަށް އޮތް ހަމައެކަނި މަގަކީ ރަޝިއާގެ މައްޗަށް ކާމިޔާބު ހޯދުން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ސްޓޮލްޓަންބާގް ވަނީ ހަނގުރާމައިގާ ބަލިކަށިވާ ގައުމަކީ ނޭޓޯ ބަލައިގަންނާނެ ގައުމެއް ނޫންކަން ވަރަށް ސާފު އިބާރާތުން ވިދާޅުވެފައެވެ.