ޕާސްޕޯޓެއް ނުހިފަހައްޓާ، ފެތުރީ ދޮގު ވާހަކަތަކެއް: ސިޔާމް

އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު މިރޭ ނޫސްވެރިންނާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްުދުﷲ

ސިންގާޕޫރުން އެ މަނިކުފާނުގެ ޕާސްޕޯޓު ނުހިފަހައްޓާ ކަމަށާއި، ޕާސްޕޯޓު ހިފެހެއްޓި ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓު ކުރީ އެއްވެސް އަސްލެއް ނެތް، ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހުގައި މާލެ ވަޑައިގެން އެ ދަތުރާ ބެހޭ ގޮތުން ދެކެވުނު ވާހަކަތައް ސާފު ކޮށްދެއްވަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޔާމް ވިދާޅުވީ، އެ މަނިކުފާނަށް އެ ގައުމުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށާއި، އެފަދަ ވާހަކަތަކެއް ނޫސްތަކުގައި ދައުރު ކުރީ ސިޔާސީ ބައެއް ބޭފުޅުން އަޑީގައި ތިބެގެން ކަމަށެވެ.

ސިންގަޕޫރަށް ވަޑައިގަތުމުން، ސިޔާމްގެ ޕާސްޕޯޓު ހިފެހެއްޓި ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެކަމަކު، އެ މަނިކުފާނު މިރޭ 10:20 ހާއިރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

"ސިންގަޕޫރަށް ގޮސްފައި މިއުޅުނު އިރުގައި އެއްވެސް ވަރަކަށް އަޅުގަނޑުގެ ޕާސްޕޯޓު ހިފަހައްޓާ، ނޫނިއްޔާ ސިންގަޕޫރުގައި ބަންދުކޮށް ނޫނިއްޔާ ސިންގަޕޫރުން ނުފުރޭނެ ގޮތެއް ހަދާފައި ހަމަ އެއްގޮތަކަށް ވެސް ނެތް. އަޅުގަނޑަށް އެނގޭ ކަމެއް ވެސް ނޫން ތިއީކީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ސިޔާމް ވަނީ ނޫސްވެރިން ޒިންމާދާރު ކަމާ އެކު ޚަބަރުތައް ގެނެސްދިނުމަށް އެދިލައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، ޕާސްޕޯޓު ހިފެހެއްޓި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކުރީ އެ މަނިކުފާނުގެ ވެސް އަދި ކުންފުނީގެ ވެސް ބަހެއް ހޯދުމަކައިނުލާ ކަމަށެވެ.

މީގެ އިތުރުން، ސިޔާމް ވިދާޅުވީ، އެ މަނިކުފާނުގެ އެއްވެސް ދަރަންޏަކަށް ސަރުކާރުން ޒިންމާވާން ނުޖެހޭނެ ކަމަށާއި އެ މަނިކުފާނަކީ އަމިއްލައަށް ފައިސާ ދެއްކޭ ވަރުގެ ތަނަވަސްކަން ހުރި ބޭފުޅެއް ކަމަށެވެ.

މިގޮތުން، ސަރުކާރަށް ވެސް ލޯނު ނުދޭ ބައެއް ދުނިޔޭގެ ބޮޑެތި ބޭންކުތަކުން އެ މަނިކުފާނަށް ފައިސާ ދޫކުރާކަން ފާހަގަކުރައްވާ ސިޔާމް ވިދާޅުވީ، އެ ބޭންކުތަކުން އެ މަނިކުފާނަށް އެގޮތަށް ފައިސާ ދޫކުރަނީ މާޒީއަށް ބެއްލެވުމަށް ފަހުގައި ކަމަށެވެ. އަދި، އެއީ ވިޔަފާރީގައި އެ މަނިކުފާނަށް އޮންނަ އިތުބާރު ބޮޑު ކަމުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

އެގޮތުން، ދުނިޔޭގެ 21 ގައުމެއް ހިމެނޭ ޔޫރަޕިއަން ބޭންކާއި، އެގްޒިމް ބޭންކް އަދި ފްރާންސް ސަރުކާރުން ވެސް އެ މަނިކުފާނަށް ފައިސާ ދޫކުރިކަން ސިޔާމް ފާހަގަ ކުރެއްވިއެވެ.

"އެއްވެސް ދިވެހި ރައްޔިތަކަށް އަދި ސަރުކާރަށް ވެސް ނުދޭ ބޭންކުތަކުން އަޅުގަނޑަށް ވަނީ ލޯނު ދީފައި. އެއީ، އިތުބާރު އަދި އަޅުގަނޑުގެ ހިސްޓްރީ [މާޒީ] ބަލާފައި. އަޅުގަނޑުގެ ރެޕިއުޓޭޝަން ބަލާފައި،" ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ވިޔަފާރިވެރިއެއް ނޫންތޯ؟ ދިވެހި ސަރުކާރުން ދައްކާކަށް ނުޖެހޭނެ ނޫންތޯ؟ އަޅުގަނޑޭ ނުންތޯ އެކަން ހައްލު ކުރާނީ. ދިވެހި ސަރުކާރަކާ ބެހޭ ކަމެއް ނޫނޭ ނުންތޯ އެއީކީ؟"

ހޮޓެލް ޗެއިން ހިލްޓަންއާ އެކު ހެދި އެއްބަސްވުން ބާތިލު ކުރި މައްސަލައިގެ އަޑުއެހުންތައް އަދިވެސް ދަނީ ކުރިއަށެވެ. އެހެންވެ، ޝަރީއަތާ ގުޅޭ ކަންކަމުގައި ވާހަކަދައްކަވާނީ އެ މަނިކުފާނުގެ ގާނޫނީ ޓީމުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް