ސިޓީ ކައުންސިލުން މާލޭގައި ހިތްފަސޭހަ މައިޒާންތަކެއް ތަރައްޤީ ކުރަން ފަށައިފި

މާލޭގައި ތަރައްޤީކުރާ ޒަމާނީ މައިޒާންތައް-- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުން, މާލޭގެ އެކި ސަރަޙައްދު ތަކުގައި ހިތްފަސޭހަ މައިޒާންތައް ތަރައްޤީ ކުރަން ފަށައިފިއެވެ.

އެ ކައުންސިލުން ބުނީ މިއީ މާލެ ސިޓީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ "ހިތްފަސޭހަ މަގުމަތި" އަދި "ޗާލު މާލެ ސިޓީ" އަމާޒަށް ވާސިލްވުމަށްޓަކައި މިދައުރުގެ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.

އެގޮތުން މާލޭގެ ކާރޫބާރޫ ބޮޑު ސަރަޙައްދު ތަކުގެ ތެރެއިން ފާހަަގަކުރެވޭ ހުސް ތަންތަނުގައި ހިތްފަސޭހަ މައިޒާންތަކެއް އެ ކައުންސިލުން ދަނީ ތަރައްޤީ ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މައިޒާންތައް ތަރައްޤީ ކޮށްފައި ވަނީ މީހުންނަށް އިށީނދެވޭނެ ގޮތަށް ފަރުމާކޮށްގެންކަން އެ ކައުންސިލުން ވަނީ ބުނެފައެވެ.

މި މަސައްކަތުގެ ތެރެއިން މަޖީދީމަގާއި ފަނޑިޔާރު މަގާ ގުޅޭ ކަންމަތީގައި ތަރައްގީކުރި ބުރުގެ މަސައްކަތް އެ ކައުންސިލުން މިހާރު ވަނީ ނިންމާލާފައެވެ. މީގެ އިތުރުންވެސް އެހެން ބައެއް ސަރަޙައްދުތަކުގައި މިފަދަ މައިޒާންތައް ތަރައްޤީ ކުރުމުގެ މަސައްކަތް އެ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި މާލެ ސިޓީގައިވާ މިފަދަ ބިނާތަކާއި މައިޒާންތައް ވަނީ އަޅާނުލެވި ވީރާނާވާން ދޫކޮށްލާފަ. އެހެންނަމަވެސް 4 ވަނަ ދައުރުގެ ކައުންސިލް ވުޖޫދުވުމާ އެކު މާލޭގެ ޕާކުތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ހަލުވިކަމާއިއެކު ވަނީ ފަށާފަ. މާލެ ސިޓީ ކައުންސިލް

ބަޖެޓްގެ ދަތިކަމާއިއެކުވެސް މިސްކިތްތަކާއި، އާންމުތަންތަނާއި، ޕާކު މައިޒާންތައް އާބާތުރަ ފިލުވާ، އިތުރު ހިތްފަސޭހަ މައިޒާންތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ފަށާފައިވާ ކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.

comment ކޮމެންޓް