ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވައްކަން ކުރެއްވިނަމަ، ކޮވިޑުން އަރައިގަނެ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު މި ހިންގަމުންދާ ހުރިހާ ޕްރޮޖެކްޓްތަކެއް ނުހިންގޭނެ ކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ހއ. ދިއްދޫގައި ބޭއްވި ރައީސް ޞާލިޙުގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ވައްކަން ކުރީ ކާކުކަން މުޅި ދިވެހިރާއްޖެއަށް ވެސް އެނގޭކަމަށެވެ. ރައީސް ޞާލިޙު ވައްކަން ކުރެއްވިއްޔޭ ބުނުމުން ދިވެހި އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރައްވާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ކޮވިޑްގެ ދަތި ހާލަތުން އަރައިގަތީ ބުރަ މަސައްކަތް ކުރައްވާ، ވަޒީރުންނާއި އެކްސްޕާޓުންނާއި އަދި އެ ނޫންވެސް ފަރާތްތަކުގެ މަޝްވަރާއާއި ލަފާ އަޑުއައްސަވައިގެންކަން ފާހަގަކުރައްވާ ރޮޒެއިނާ ވިދާޅުވީ މިއަދު ރައްޔިތުންނަށް ރައީސް ޞާލިޙަކީ އަޑުއައްސަވައިގެން ކަންކަން ކުރައްވާނެ ރައީސެއްކަން އެނގޭނެކަމަށެވެ.
ކަޅު ދަބަސްތަކުގެ ވާހަކަ މުޅި ދިވެހިރާއްޖެއަށްވެސް އެނގޭ. ރައީސް އިބޫ ވައްކަން ކުރެއްވިއްޔޭ ބުނީމަ ދިވެހި އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރައްވާނެ. އެހެންވީމަ ފޮތިގަނޑު އުފުލާ މުޒާހަރާއަށް ހަ މީހުން ހަމަ ނުވަނީ. ވަންކަން ކުރިނަމަ ކޮވިޑްގެ ދަތި ހާލަތުން އަރައިގަނެ މިހުރިހާ ޕްރޮޖެކްޓްތަކެއް ރާއްޖޭގެ ހުރިހާ ރަށަކު ނުހިންގޭނެ. ރޮޒެއިނާ އާދަމް
ރޮޒެއިނާ ވިދާޅުވީ، އަމިއްލަ ޕާޓީގެ ރައީސް އަބަދު ދެކޮޅަށް ހުންނަވައި، ފިތުނަ އުފައްދައި ފާޑު ފާޑުގެ ކަންކަން ކުރެއްވި އިރުވެސް ރައީސް ޞާލިޙު ހުންނެވީ ޗުއްޕުވެސް ވިދާޅުނުވެ ކަމަށާއި އެއިގެން ވެސް އެނގިގެން ދަނީ ރައީސްއަކީ ކެތްތެރި ބެފުޅެއްކަން ކަމަށެވެ.
ރައީސްގެ ކެމްޕެއިން ދަތުރުފުޅުގައި 10 ވަނަ ރަށަށް ދެވުނުއިރު، ކޮންމެ ރަށަކުން ވެސް އިވެނީ 2018 ވަނަ އަހަރު ރައީސް ވި ވައުދުތައް ފުއްދެވި ވާހަކަތައް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޞާލިޙު ވައުދެއް ވިއްޔާ އެ ވައުދެއް ފުއްދައިދޭނެ ކަމުގެ ޔަގީންކަން އެބޮތް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ބަރަކާތުގެ ވާރޭ ފަދައިން ރައީސް އޮއްސާލެއްވި ވައުދުތަކުން ބުނާނެ އެއްޗެއް ނޭނގިފަ އަޅުގަނޑު މިހުރީ. އެކަމަކު ރައީސް ވައުދުވެލެއްވީމަ އެހެން ލީޑަރުންނާ ތަފާތަކީ، އެ ވައުދުތައް ފުއްދަވާނެ. އެހެންވީމަ އަޅުގަނޑު މިދެންނެވީ ދިއްދޫއަށް މިއޮތީ ޢީދު އައިއްސަ އޭ. ރޮޒެއިނާ އާދަމް
ރޮޒެއިނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި، ރަށް ރަށުގަ މެޖޯރިޓީ އޮތީ ކޮން ޕާޓީއަކަށްތޯ އަދި ކައުންސިލްގެ ރައީސް ހުރީ ކޮން ޕާޓީއެއްގަތޯ ނުބައްލަވައި ކޮންމެ ރަށަކަށް ތަރައްޤީ ގެނައުމަށް ރައީސް މަސައްކަތް ކުރެއްވިއެވެ. މިއަދު ރާއްޖޭގެ ކޮންމެ ރަށަކަށް ދިޔަސް އެ މަންޒަރު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި 2018 ވަނަ އަހަރެކޭވެސް އެފަދައިން މިއަހަރުގެ ރިޔާސީ އިންތިޚާބުވެސް ރައީސް ޞާލިޙު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.