ނޫސްވެރިޔާ ކޮއްޕާލި އެސްއޯ ފުލުސް މީހާ މަސައްކަތުން އެކަހެރިކޮށްފި

ޖުމްހޫރީ މައިދާނުގައި އިދިކޮޅު ކޯލިޝަންގެ އިހުތިޖާޖު ކަވަރުކުރަން އެސްއޯ ފުލުހުން ނޫސްވެރިންނަށް ހުރަސްއަޅަނީ--

ޖުމްހޫރީ މައިދާނުގައި އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ އިހުތިޖާޖު ކަވަރު ކުރުމަށް އުޅުނު ނޫސްވެރިންނަށް އެސްއޯ ފުލުހުން ކޮއްޕާ ވައްޓާލި މައްސަލައިގައި ގުޅިގެން ފުލުސް އޮފިސަރަކު ފްރޮންޓްލައިން މަސައްކަތުން އެކަހެރިކޮށްފިއެވެ.

އިދިކޮޅުން ޖުމްހޫރީ މައިދާނުގައި ހަވީރު ކުރިއަށް ގެންދިޔަ އިހުތިޖާޖު ކަވަރު ކުރަން ރާއްޖޭގެ ގިނަ މީޑިއާތަކުން ނޫސްވެރިންނާއި ފޮޓޯގްރާޕަރުން އެތަނުގައި ތިބި އިރު، ފުލުހުން ވަނީ ނޫސްވެރިންނަށް ހުރަސް އަޅާފައެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އެ މައްސަލައިގައި ފުލުސް އޮފިސަރަކު ފްރޮންޓްލައިން މަސައްކަތައް ނުނެރެ، އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން އެކަހެރިކޮށްފައިވާ ކަމަށެވެ.

ނޫސް މީޑިއާތަކުގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސަންގު ޓީވީގެ ކެމެރާމަނަކު، ވީޑިއޯކުރުމަށް ހުރަސް އަޅައި ފުލުހުން ކޮއްޕާ ވައްޓާލާ މަންޒަރު ފެނެއެވެ. އަދި ކެމެރާމަނާއި ޖެހިގެން ހުރި ސަންގު ޓީވީގެ ނޫސްވެރިއަކު ވެސް ވަނީ އެވަގުތު ވެއްޓިފައެވެ.

އަދި އެވަގުތު އެ މަންޒަރު ނަގަން އުޅުނު އެހެން މީޑިއާތަކުގެ ނޫސްވެރިންނާއި ކެމެރާމަނުންނަށް ހުރަސްއަޅައި އެ ސަރަޙައްދުން ދުރަށް ފޮނުވާލަން މަސައްކަތްކުރާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.

ޖުމްހޫރީ މައިދާނުގައި އިދިކޮޅު ކޯލިޝަންގެ އިހުތިޖާޖު ކަވަރުކުރަން އެސްއޯ ފުލުހުން ނޫސްވެރިންނަށް ހުރަސްއަޅަނީ--

އިދިކޮޅު ޕީޕީއެމް ޕީއެންސީން މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި އިހުތިޖާޖުކުރުމުގެ ތެރެއިން ހަތަރު މަޖިލިސް މެމްބަރުންނާއި އިދިކޮޅުގެ އެހެން މެމްބަރުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަޖިލީހުގެ ހަތަރު މެމްބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގުއެވެ.

އޭގެ އިތުރުން ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި މާލެ ސިޓީ ކައުންސިލަރު އިބްރާހިމް ޝުޖާއު އާއި މާލެ ސިޓީ ކައުންސިލަރު އަދި ޕީޕީއެމްގެ ސެނެޓު މެމްބަރު އަހުމަދު އައިފާން އާއި ބައެއް އާންމު މެމްބަރުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ އެ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެއްވެ އުޅުން މަނާ ސަރަޙައްދަކަށް އެއްވެ މުޒާހަރާކޮށް އަދި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ކަމަށެވެ. ފުލުހުން އިތުރަށް ބުނީ އެ މައްސަލަ މިވަގުތު ބަލަމުން އަންނަ ކަމަށެވެ.

އަދި ފުލުހުން ވަނީ މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް އަންގައިފައެވެ.

comment ކޮމެންޓް