ސީޒަންގެ 'ކައުޝީ' ތަފާތު، ރާއްޖޭގައި އިންޓަނޭޝަނަލް ފިލްމެއް މުޅިން އަލަށް

ކައުޝި ފިލްމްގެ ޑައިރެކްޓަރު ސީޒަން އަލީ ލީޑް އެކަޓާ އަދި އެކްޓްރެސްއާ އެކު --- ފޮޓޯ / ސަން

ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު ސީޒަން އަލީ ޑައިރެކްޓު ކޮށްފައިވާ ފިލްމް 'ކައުޝީ' ރޭ އޮލިމްޕަހުގައި ޕްރިމިއާ ކޮށްފިއެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ބޭއްވި މި ޕްރިމިއާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޠާރިގެވެ.

އަވަށްޓެރި ސްރީލަންކާގައި ލަންކާގެ އެކްޓަރުން ކުޅެފައިވާ މި ފިލްމްގެ ޕްރިމިއާގައި ފިލްމްގެ ލީޑް އެކްޓަރު އަމިލަ ކަރުނަޔަކަ އާއި ފިލްމްގެ ލީޑް އެކްޓްރެސް ރަންގި ރާޖަބަކްޝާވެސް ވަނީ ބައިވެރިވެފައެވެ.

އޮލިމްޕަހުގައި މި ފިލްމް އަޅުވާފައިވަނީ ދިވެހި ފަންނާނުން އަޑު އަޅާ ދިވެހީން ޑަބް ކޮށްގެންނެވެ. ކައުޝީ އަކީ ބިރުވެރި ޚިޔާލެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މި އިވެންޓްގައި ދިވެހި ފިލްމީ ދާއިރާގެ ގިނަ ފަންނާނުންތަކެއް ބައިވެރިވެފައިވާއިރު ގިނަ ބަޔަކު ބުނީ މި ފިލްމަކީ ވަރަށް މޮޅު ފިލްމެއް ކަމަށެެވެ.

މި ފިލްމަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިލީޒް ކުރެވުނު އިންޓަނޭޝަނަލް ފިލްމެވެ. ކައުޝީ އަކީ ސިންހަޅަ ފިލްމް ސްޓާރުން ހިމަނައިގެން ސްރީލަންކާގައި ޝޫޓް ކޮށްފައިވާ ފިލްމެވެ. މި ފިލްމްގެ މަންޒަރުތައް ނަގައިދީފައިވަނީ ރާއްޖޭގެ ޒުވާން ކެމެރާމަން ޝިވާޒް ޢަބްދުﷲ (މާސްކޭ)އެވެ. ފިލްމްގެ ބެކް މިއުޒިކް ހަދައިދީފައިވަނީ އައްޔުމަން ޝަރީފެވެ.

ކައުޝީގެ ޓިކެޓް މިހާރު އޮލިމްޕަސް ސިނަމާއިން ވިއްކަމުން ދާއިރު ފިލްމްގެ ނޯމަލް ޓިކެޓްގެ އަގަކީ 150 ރުފިޔާއެވެ. އަދި ގޯލްޑް ޓިކެޓްގެ އަގަކީ 200 ރުފިޔާއެވެ.

މި ފިލްމްގެ ޝޯވް ތައް މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާ ހަމަޔަށް އޮލިޕްހުގައި ކުރިއަށް ދާނެއެވެ. 7458800 ނަމްބަރަށް ވައިބާ ކޮށްގެންވެސް ޓިކެޓް ގަނެވޭނެ ކަމަށް އެސް ޕްރޮޑަކްޝަންސް އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް