ރަނިންމޭޓަށް ވާން ޝައުގެއް ނެތް: ފައްޔާޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރަނިންމޭޓަށް ވާން ބޭނުންފުޅު ނުވާ ކަމަށާއި އެއީ އެ ކަމުގެ ޝައުގުވެރިކަމުގައި ތިއްބެވި ބޭފުޅުން ދައްކަވާ ވާހަކައެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަންކަން ވެސް ކުރައްވާ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ދެވަނަ ދައުރަކަށް ނުކުންނަވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރިޔާސީ ކެމްޕޭން ކުރައްވާއިރު، މިހާތަނަށް އެ މަނިކުފާނުގެ ރަނިންމޭޓެއް ކަނޑައަޅުއްވައިފައެއް ނުވެއެވެ. އެ މަނިކުފާނު އިއްޔެ ވިދާޅުވި ގޮތުގައި، އެ ކަމަށް ގިނަ ނަންތަކެއް އަންނަނީ ލިބެމުންނެވެ. އަދި، ރަނިންމޭޓެއް ކަނޑައެޅުމަށް ޕާޓީގެ އިސްވެރިންނާ އެކު އެ މަނިކުފާނު ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.

https://sun.mv/179480

ރަނިންމޭޓަކަށް ވުމަށް ޝައުގުވެރިކަން ފާޅުނުކުރި ނަމަވެސް މިނިސްޓަރު ފައްޔާޒު ވެސް އެ ކަމުގެ ޝައުގުގާ މަސައްކަތް ކުރައްވާ ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.

އެކަމަކު، އެ ކަން ދޮގުކުރައްވާ، މިނިސްޓަރު މިއަދު "ސަން"އަށް ވިދާޅުވީ، ރަނިންމޭޓަކަށް ވުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ކިބައިގައި ނެތް ކަމަށާއި އެ ކަން ރައީސް ޞާލިޙަށް ވެސް އެނގިލައްވާނެ ކަމަށެވެ. އަދި، އޭނާ ރަނިންމޭޓަކަށް ވުމަށް މަސައްކަތް ކުރައްވާ ކަމަށް ވާހަކަދައްކަވަނީ، އެ ކަމުގެ ޝައުގުވެރިކަމުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް: އޭނާ ވަނީ ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަން ނެތްކަން ހާމަ ކުރައްވާފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

"އަޅުގަނޑަށް ހީވަނީ އެއީ ރަނިންމޭޓު ކަމުގެ ޝައުގުވެރިކަމުގައި ތިއްބެވި ބޭފުޅުން ދައްކާ ވާހަކައެއްހެން،" އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް

މިނިސްޓަރު ވިދާޅުވީ، އެއް އިރެއްގައި ވެސް ރަނިންމޭޓު ކަމަށް ނުވަތަ ނައިބު ރައީސް ކަމުގެ މަގާމަށް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ރަނިންމޭޓެއް ކަނޑައެޅުމަކީ މި ވަގުތު އެ މަނިކުފާނަށް އެންމެ އުނދަގޫފުޅު ވެލައްވާފައިވާ އެ މައްސަލައިގެ ގޮތުގައި ރައީސް ޞާލިޙް ވަނީ ސިފަ ކުރައްވައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރިޔާސީ ކެމްޕޭންގައި: އެ މަނިކުފާނު މިހާތަނަށް ރަނިންމޭޓެއް ކަނޑައަޅައިފައެއް ނުވޭ -- ފޮޓޯ/ އެމްޑީޕީ

"[ރަނިންމޭޓަކު ހޮވުމަކީ] އަޅުގަނޑު ސިކުނޑީގައި މިވަގުތި އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސް ބޭފުޅުންނާ އެބަ ވާހަކަ ދައްކަން. އެ ބޭފުޅުންގެ ވިސްނުމާއި ހިޔާލު އަޅުގަނޑު އެބަ ހޯދަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރަނިންމޭޓެއް މިހާތަނަށް ކަނޑައަޅާފައިނުވާއިރު، މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމާއި، ދާދި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވެސް ވަނީ އެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ. އަދި، އެ ނޫން ވެސް އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ޝައުގުވެރިކަން ފާޅު ކުރައްވާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ހިމެނިވަޑައިގަންނަވާ ކަމަށް އަޑުތައް ފެތުރެއެވެ.

ރައީސް ޞާލިޙްގެ ނައިބަކަށް މިހާރު ހުންނެވި ފައިޞަލް ނަސީމަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ދުވަހު އެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. ގިނަ މީހުން ފައިޞަލް ސިފަ ކުރަނީ ވަފާތެރި ނައިބެއްގެ ގޮތުގައެވެ.

ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ އިންތިޚާބަށް ކެންޑިޑޭޓުންގެ ފޯމު ބަލައިގަންނަން އަންނަ އާދިއްތަ ދުވަހު ފަށާއިރު، އެ މުއްދަތު އޮގަސްޓު މަހުގެ ހަތްވަނަ ދުވަހަށް ހަމަވާނެއެވެ.

comment ކޮމެންޓް