ސިންގަޕޫރު މަގުން އިިންޓަނެޓު ކޭބަލް އަންނަ މަހު ރާއްޖެ ފޯރާނެ، ދެން އަގުތައް މާ ހެޔޮވާނެ: ރައީސް

ރައީސް ޞާލިހު ވ. ރަކީދުގައި ވާހަަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

ފްރާންސްއިން ރާއްޖެއާ ހިސާބަށް އަޅާ ސަބްމެރިން ކޭބަލް އަންނަ މަހުގެ މެދުތެރޭ ރާއްޖެއާ ހަމައަށް އައިސް، ގުޅައިލެވި، ކުރިއަށް އޮތް ތަނުގައި އިންޓަނެޓުގެ ޚިދުމަތުގެ އަގު މިހާރަށްވުރެ ހެޔޮވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ވ. އަތޮޅަށް ކުރައްވައި ދަތުރުފުޅުގައި ރަކީދޫގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވިދާޅުވީ 2018ވަނަ އަަހަރު ވީ ވައުދާ އެއްގޮތަށް އިންޓަނެޓުގެ ޚިދުމަތުގެ އަގުހެޔޮ ކުރެވިފައިވާކަމަށެވެ.

"އަދި އެ ހިސާބުން އަޅުގަނޑުމެން އެ ކަން ނިންމައިނުލައި، މިއަށްވުރެ ހަލުވި އަގުހެޔޮ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މި އަންނަނީ ކުރަމުން. އިރާދަކުރެއްވިއްޔާ އޯގަސްޓު މަހުގެ މެދުތެރޭ ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އެ އަަޅައި ސަބްސީ [ސަބްމެރިން] ކޭބަލް ރާއްޖެއަށް އެއްގަމު ކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއާއެކު އިންޓަނެޓުގެ ޚިދުމަތް މިހާރަށްވުރެ އަގު ހެޔޮވާނެކަމަށެވެ. ރައީސް ވިދާޅުވީ މިއީ ސަރުކާރުން މި ދާއިިރާގެ ރީޓެއިލް ވިޔަފާރިއަށް ވަންނަން ކުރާ ކަމެއް ނޫންކަމަށެވެ.

އެހެންކަމުން ޚިދުމަތުގެ އަގުތައް ހެޔޮކުުރުމުގައި މިހާރު ވެސް ޚިދުމަތްދޭ ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަކީދޫގައި ހުންނަވައި އެ މަނިކުފާނު ވިދާޅުވީ މިއީ ރަކީދޫފަދަ ވަކިން އޮންނަ ކުދިކުދި ރަށްރަށަށް ޚިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަވާނެ ކަމެއް ކަމަށެވެ.

"މި ގޮތަށް އަޅުގަނޑުމެން ކުރަން ނިންމައިފައިހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ މި ދަނީ ބަރާބަރަށް ކުރަމުން،" ކޮވިޑާހެދި ގޮންޖެހުންތަކާ ކުރިމަތިވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ ރައީސް ޞާލިޙު 2018ވަނަ އަހަރު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން "ނެޓް ހެޔޮ" ސިޔާސަތު ތަންފީޒު ކުރާނެކަން 2021 ވަނަ އަހަރުގެ މޭ މަހު އިއުލާންކޮށް، އެ ސިޔާސަތުގެ ދަށުން ގޭގެއަށް ދޭ އިންޓަނެޓުގެ އަަގު 60 ޕަސެންޓާއި 75 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހެޔޮވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

comment ކޮމެންޓް