ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ ރޫޅާލާނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ނަފުރަތު އުފެއްދުމުގެ މަގްސަދުގައި ކަމަށާއި، އެކަން ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރައްދު ދެއްވައިފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި ރައީސް ނަޝީދާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތައް ބޮޑެވެ، އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ނަޝީދަށް ގެއްލުމާ އެކު އެ މަނިކުފާނު ވަނީ ރައީސް ޞާލިޙާ ދެކޮޅަށް މަސައްކަތް ފަށްޓަވާފައެވެ.
"ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީ ތެރޭ ވަކި ގޮތްޕެއް ހައްދަވައިގެން މަސައްކަތް ކުރެއްވުމަށް ފަހު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން ވަނީ އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. އެއަށް ފަހު އެމްޑީޕީގެ ރައީސްގެ މަގާމުން މިދިޔަ މަހު ވަކިވެވަޑައިގެންނެވުމަށް ފަހު ޑިމޮކްރެޓްސްއަށް ނަޝީދު ސޮއި ކުރެއްވީ ރޭގައެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ވަރަށް ކޯފާ އިސްކުރައްވައި އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވާފައެވެ.
އެ ކަމަށް ރައްދު ދެއްވައި އެމްޑީޕީގެ ގްރޫޕަކަށް ފައްޔާޒު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެމްޑީޕީއާ މެދު ރައީސް ނަޝީދު ނަފުރަތު އުފައްދަވަނީ ޒާތީ ކަމެއްގައި ކަމަށާއި، މައްސަލައަކީ ޕާޓީގެ ލީޑާޝިޕަށް އައި ބަދަލު އެ މަނިކުފާނަށް ގަބޫލު ނުކުރެވުން ކަމަށެވެ.
އަދި، ރައީސް ނަޝީދު އުފެއްދެވި ޕާޓީއާ ގުޅެނީ ސަރުކާރާ މެދު ޒާތީ ކަންކަމުގައި ނަފުރަތު އުފައްދައިގެން ތިބި ބައެއް ކަމަށާއި، އެ ބޭފުޅުން ގަބޫލު ކުރާ ގޮތުގައި ބާރުވެރިކަން އޮންނަން ޖެހެނީ އަބަދު ވެސް އެއްބައެއްގެ އަތުގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އޭރު އުފެއްދި މީހުން ދެކެވަޑައިނުގަންނަވާ މިއީ ރައީސް ނަޝީދާ އާއިލާއަށް އުފައްދައިދިން ޕާޓީއެއް ކަމަކަށް، އޭރު ލީޑަޝިޕަށް އައްޔަން ކުރެވުނީ ރައީސް ނަޝީދު. އެއީ ބަދަލުވާ ކަމެއް. އެކަން ގަބޫލު ނުކުރެވިގެން މި އުޅެނީ." ފައްޔާޒު ވިދާޅުވިއެވެ.
އަދި ޕާޓީ ރޫޅާލާނެ ކަމަށް ވިދާޅުވެ އެފަދައިން އިންޒާރު ދިނުމަކީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި ފައްޔާޒު ސިފަ ކުރެއްވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ޞާލިޙް ރަސްމީކޮށް ކެމްޕޭން ފަށްޓަވާފައި ވާއިރު، ރައީސް ނަޝީދު ގަބޫލު ކުރައްވާ ގޮތުގައި އެމްޑީޕީއަށް ލިބޭ ވޯޓުގެ ބޮޑުބައި ދަ ޑިމޮކްރެޓްސްއިން ދަމައިގަންނާނެއެވެ.
އެމްޑީޕީގެ ކޯލިޝަނުގައި އަދާލަތު އަދި އެމްޑީއޭ އޮތް އިރު، ދަ ޑިމޮކްރެޓްސް އިން ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަދި ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބާއްވާފައެވެ.