ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ޓީމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ޗައިނާއަށް

ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމުގެ ބައެއް މެންބަރުން ޗައިނާ ސަފީރު ވަން ލީޝިންއާއެކު -- ފޮޓޯ/ ޗައިނާ ސަފީރު

ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމުގެ 50 އަހަރު ފާހަގަކުރަން އެ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިން ޗައިނާއަށް ފުރައިފިއެވެ.

"ލެޓިން އެމެރިކަން ފްރެންޑްޝިޕް އިންވިޓޭޝަނަލް ޓޭނަލް ޓެނިސް ޓޯނަމަންޓް" ގެ ނަމުގައި 1973 ވަނަ އަހަރު އެ މުބާރާތް ބާއްވާފައިވަނީ ވެސް ޗައިނާގައެވެ. އެއީ ރާއްޖޭގެ ގައުމީ ޓީމަކުން ރާއްޖެއިން ބޭރުގައި ގައުމު ތަމްސީލުކުރި ފުރަތަމަ މުބާރާތެވެ. އެ ޝަރަފު ހޯދާފައިވަނީ އޭރުގެ ގައުމީ ޓޭބަލް ޓެނިސް ޓީމުންނެވެ.

ޗައިނާއަށް 1973 ވަނަ އަހަރު ދަތުރުކުރި ރާއްޖޭގެ ޓީމުގައި ހިމެނުނީ ހަތަރު ކުޅުންތެރިންނާއި ތިން އޮފިޝަލުންނެވެ. އެއީ ކުރީގެ މިނިސްޓަރު އަބްދުﷲ ޖަމީލާއި ސައްޔިދު ހަސަނާއި ހަސަން ހަބީބާއި މިހާރު ފޮރިން ސެކްރެޓަރީގެ މަގާމު ފުރުއްވަމުން ގެންދަވާ ސީވީޑް އަހުމަދު ލަތީފާއި އާދަމް ޝަރީފާއި ހަސަން ލަތީފް އަދި ހުރާ އަބްދުއްސައްތާރެވެ. އޭގެ ތެރެއިން އަބްދުﷲ ޖަމީލާއި ސައްޔިތު އަދި އާދަމް ޝަރީފް ވަނީ އަވަހާރަވެފައެވެ.

މިއަދު ޗައިނާއަށް ފުރި އެޓީމުގެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ފޮރިން ސެކްރެޓަރީ އަހުމަދު ލަފީދާއި ހަސަން ހަބީބް އަދި ހުރާ އަބްދުއްސައްތާރެވެ. އެ ދަތުރަކީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ހަމަޖައްސާފައިވާ ދަތުރެކެވެ.

ޓީޓީއަކީ ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދޭ އެއް ކުޅިވަރެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 1978 ގައި ހޯދި ފުރަތަަމަ މެޑަލްތަކާއެކު އަދިވެސް ގައުމީ ޓީޓީ ޓީމުން ދަނީ އެ މުބާރާތުން ރާއްޖެއަށް ވަން ވަނަތައް ހޯދައިދެމުންނެވެ. އެގޮތުން މިހާރު ހިމެނޭ ކުޅުންތެރިންގެ ތެރެއިން ވަރަށް ޒުވާން އުމުރުގައި ފާތިމަތި ދީމާ އަލީ އާއި އާއިޝަތު ރަފާ ނާޒިމް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް