އެއްވަނަ، ދެވަނަ އަދި ތިންވަނަ ވައުދަކީ ވެސް މަސްތުން ރާއްޖެ ސަލާމަތްކުރުން: އުމަރު

އުމަރު ނަސީރު، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ލޯންޗު ކުރުމަށް ރޭ ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެއްވަނަ, ދެވަނަ އަދި ތިންވަނަ ވައުދަކީ ވެސް ރާއްޖެއަށް ކުރިމަތި ވެފައިވާ މަސްތުގެ ވަބާއިން ގައުމު ސަލާމަތްކުރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފައިވާ އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެއެވެ.

ވ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ފުލިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ އުމަރު ވިދާޅުވީ ރާއްޖޭގެ ގިނަ ޒުވާނުން ވަނީ މަސްތުގެ ވަބާގައި ޖެހިފައި ކަމަށެވެ. އެގޮތުން އަހަރަކު 500އަށް ވުރެ ގިނަ ކުދިން މަސްތުވާތަކެތި ބޭނުންކުރަން ފަށާކަމަށް އޭނާ ވިދާޅުވިއެވެ.

"އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާ ތަކެތި ރާއްޖޭގެ މަގުތަކަށް ކޮންމެ މަހަކު ފެތުރިގެން އެބަދޭ. އެހެންވީމަ މި ކަމުން ދިވެހި ރާއްޖެ ސަލަމަތް ކުރުމުގެ މަތިވެރި އަޒުމުގައި އަޅުގަނޑާ އަޅުގަނޑުގެ ޓީމުން މި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި މަސްތުވާ ތަކެތި އެތެރެކުރާ މީހުނަށް މަރުގެ އަދަބު ދޭނެ ކަމަށެވެ. އަދި, އޭނާގެ ސަރުކާރެއްގައި ގިޞާޞް ހިފާނެ ކަމަށާއި، އެ ސަރުކާރު ވާނީ ރާއްޖޭގައި އަމަންއަމާންކަން ގާއިމްކުރާ ސަރުކާރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ރަށްތަކަކީ މަސްތުވާތަކެތިން ސަލާމަތްވުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ކުރާ ރަށްތަކެއްކަން ފާހަގަކޮށް އުމަރު ވިދާޅުވީ، އެ ރަށްތަކަށް ވެސް މަސްތުގެ ނުރައްކާ ގޮސްދާނޭ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"ތިބޭފުޅުން ހީފުޅު ނުކުރައްވާތި މަސްތުވާތަކެތީގެ އޮޑިތައް ތިބޭފުޅުންގެ ފާލަމާ ހަމައަށް ނާންނާނެއޭ. ތިބޭފުޅުންގެ މަގުތަކާ ހަމައަށް ތިބޭފުޅުންގެ ދޮރާ ހަމައަށް މަސްތުވާތަކެތީގެ މައްސަލަ ނާންނާނެއޭ ހީފުޅު ނުކުރައްވާތި. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށް އެހެން ހީކުރި. އެކަމަކު އެހެނެއް ނޫން ނިމިގެން ދިޔައީ،" އޭނާ ވިދާޅުވިއެވެ.

އިތުރަށް އުމަރު ވިދާޅުވީ، އޭނާ އަންނާނީ ރާއްޖޭގައި ފަސް އަހަރު ވެރިކަން ކޮށްފައި ފައިބައިގެން ދާން ނޫން ކަމަށެވެ. އޭނާ އަންނާނީ ރާއްޖެ ބަދަލުކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ، ސަރުކާރުގެ ރޯލަކީ އަމިއްލަ ވިޔަފާރިވެރިންގެ ކޮނޑަށް އަރާ ތިބެ ޓެކްސް އަތުލުން ނޫން ކަމަށެވެ.

"ސަރުކާރެއްގެ ރޯލަކީ، ވިޔަފާރި ކުރާ މީހުނަށް ފުރުސަތު ހުޅުވާދީ، އެ މީހުނަށް ހިލޭ ބިން ބޭނުންވާ ގަޑީ ހިލޭ ބިން ދީ، ޓެކްސް ކުޑަކޮށްދޭން ޖެހޭ ހާލަތްތަކުގައި ޓެކްސް ކުޑަކޮށްދީ، އެ މީހުންގެ އަތުން ނަގާ ފީތައް ކުޑަކޮށްދީ، އެ މީހުންނަށް ހުރަސްއެޅޭހެން ހުންނަ ގަވާއިދުތައް އުވާލާ، ލުއިކޮށްދިނުން،" އުމަރު ވިދާޅުވިއެވެ.

އެހެންކަމުން އޭނާގެ ވެރިކަމެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުރަސްއެޅޭހެން ހުރި ގިނަ ގަވާއިދުތަކެއް އުވާލާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

comment ކޮމެންޓް