ބަނދަރު ހެދުމަކީ ސަރުކާރުގެ ޒިންމާއެއް، ބޭނުންވަނީ ބޮޑެތި މައްސަލަތައް ހައްލު ކޮށްދޭނެ ވެރިއެއް: އުމަރު

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ހަރަކާތުން ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ބަނދަރު ހެދުމާ، ފަޅު ހިއްކުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި ރާއްޖެއަށް ބޭނުންވަނީ ގައުމުގެ ބޮޑެތި މައްސަލަތައް ހައްލުކޮށްދޭނެ ވެރިއެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ވ. ކެޔޮދޫއަށް މިއަދު ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވާ އުމަރު ވިދާޅުވީ ހައްލު ބޭނުންވާ މައްސަލަތަކަކީ، ދިވެހި ރާއްޖެ ދަރަނިވެރިވުމާއި، ޒުވާނުން މަސްތުގެ ވަބާގައި ޖެހުމާއި، ސުކޫލު ދަރިވަރުންގެ އަޚުލާގު ނެތުމާއި ގޭންގުތައް އާންމުވެ މީހުން މެރުން ފަދަ މައްސަލަތައް ކަމަށެވެ.

"މިއީ އެއްވެސް މީހަކަށް ހައްލު ނުކުރެވިގެން މި އުޅޭ މައްސަލަތަކަކީ. ވެރިންނަށް އައިއްސަ ދެވިދާނެ. މި މައްސަލަތައް ހުރި ގޮތައް ހުންނާނެ އަޒުމް ވަރުގަދަ ޖެހިލުންކުޑަ ވެރިއަކު މި ގައުމުގެ ވެރިއަކަށް ތިބޭފުޅުން އިންތިޚާބު ކުރަންދެން،" އޭނާ ވިދާޅުވިއެވެ.

އުމަރު މަސައްކަތް ކުރައްވަނީ، ކުރިން ދެންނެވި މައްސަލަތަކުން ގައުމު ސަލާމަތްކޮށް އަމާން ވެރިކަމެއް ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ގައުމު ހަލާކުވާ މައިގަނޑު ސަބަބަކީ ކޮބައިތޯ ވިސްނާލުން މުހިންމުކަމަށް އުމަރު ވިދާޅުވިއެވެ.

"އިސްލާމް ދީނުގައި ހުރި އަޚޫލާގާ އެއްޗެހީގައި އަޅުގަނޑުމެން ނުހިފައްޓާ އެ އެއްޗެހި ދޫކޮށްލާތީ އަޅުގަނޑުމެން ހަލާކުވެގެން މި ދަނީ. އެހެންވެގެން އަޅުގަނޑު އަބަދު ވެސް މި ދަންނަވަނީ، އިސްލާމީ ޝަރީއަތުގައި ހިފަން ހިނގާށޭ. އިސްލާމީ ޝަރީއަތާ ކައިރިއަށް މި ގައުމު ޖައްސާށޭ،" އޭނާ ވިދާޅުވިއެވެ.

ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވާ އުމަރު ވަނީ، މަސްތުވާ ތަކެތި ރާއްޖެއަށް އެތެރެކުރާ މީހުނަށް މަރުގެ އަދަބު ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެހެން ނޫންނަމަ ގައުމުގައި އޮތް މަސްތުވާ ތަކެތީގެ މައްސަލަ ހައްލު ނުވާނެ ކަމަށެވެ. އަދި، ކޮންމެ ވެރިއަކު އައިސް ވެރިކަންކޮށް ފައިބައިގެން ދާއިރު، ގައުމުގެ މައްސަލަތައް ދަނީ ގޯހުން ގޯހަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މި ފަހަރުގެ ވޯޓަކީ މިފަދަ ހުރިހާ ކަމަކަ ދެކޮޅަށް ދޭ ވޯޓަކަށް ހަދަން އުމަރު ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް