ރަޝިއާ ހަލާކުކޮށްލި ހުޅަނގުގެ ހަތިޔާރުތައް ހުޅަނގުގެ އެމްބަސީތަކުގެ ކުރިމަތީގައި ރުކުރުވާލަނީ

ރަޝިއާ ހަލާކުކޮށްލާފައިވާ ހުޅަނގުގެ ބައެއް ހަތިޔާރު

މޮސްކޯ (13 ޖުލައި 2023): ހުޅަނގުން ޔުކްރެއިންއަށް ދިން ހަތިޔާރުތަކުގެ ތެރެއިން ބޮޑުބައެއް ރަޝިއާއިން ހަމަލާދީ ހަލާކުކޮށްލާފައިވާއިރު ހަލާކުކޮށްލާފައިވާ ޒަމާނީ ބައެއް ހަތިޔާރު މޮސްކޯގައި ހުންނަ ހުޅަނގުގެ ގައުމުތަކުގެ އެމްބަސީތަކުގެ ކުރިމަތީގައި އަތުރާލައި ހުޅަނގުގެ ޑިޕްލޮމޭޓުންނަށް ދައްކާލަން ގަސްދުކޮށްފައިވާކަން ރަޝިއާ ހާމަކޮށްފިއެވެ.

ރަޝިއާގެ ޕާލަމެންޓްގެ ރައީސް ވިޔަޗިޔިސްލާވް ވޮލޮޑިން ވިދާޅުވީ ހުޅަނގުގެ ގައުމުތަކުން އެންމެ ކަންބޮޑުވަނީ އެގައުމުތަކުން ޔުކްރެއިންއަށް ދޭ ޒަމާނީ ހަތިޔާރު ރަޝިއާ އަތްދަށަށް ގޮސް އޭގެ ޓެކްނޮލޮޖީ ރަޝިއާ ދެނެގަނެފާނެތީ ކަމަށާއި ނަމަވެސް ހުޅަނގުން ޔުކްރެއިންއަށް ދިން ހަތިޔާރުތަކުގެ ތެރެއިން ރަޝިއާ ސިފައިންގެ އަތްދަށަށް ނުދާ އެއްވެސް ބާވަތެއްގެ ހަތިޔާރެއް މިހާރުނެތްކަމުގައެވެ.

ރަޝިއާ ހަލާކުކޮށްލާފައިވާ ހުޅަނގުގެ ޒަމާނީ ބައެއް ހަތިޔާރު މޮސްކޯގައި ހުންނަ ހުޅަނގުގެ ގައުމުތަކުގެ އެމްބަސީތަކުގެ ކުރިމަތީގައި އަތުލާފައި ބެހެއްޓުމުން އެމެރިކާފަދަ ހުޅަނގުގެ ގައުމުތަކަށް މިކަން ކަށަވަރުވާނެކަމަށާއި ރަޝިއާގެ ޒަމާނީ ހަތިޔާރުތަކުގެ ކުރިމަތީގައި ހުޅަނގުގެ ހަތިޔާރުތަކުގެ ބަލިކަށިކަންވެސް މިކަމުގެ ސަބަބުން އެމެރިކާ ފަދަ ހުޅަނގުގެ ގައުމުތަކަށް އިހުސާސްވާނެ ކަމަށް ވިޔަޗިޔިސްލާވް ވިދާޅުވިއެވެ.

ހުޅަނގުން ޔުކްރެއިންއަށް ހަތިޔާރުދެނީ ޔުކްރެއިން ދެކެ ލޯބިން ނުވަތަ ޔުކްރެއިންގެ ހިމާޔަތުގައި ނޫންކަމަށާއި އެކަމުގެ ބޭނުމަކީ ރަޝިއާ ބަލިކޮށް އެމެރިކާއާ އަސްކަރީގޮތުން ވާދަނުކުރެވޭ ވަރުގެ ގައުމަކަށް ރަޝިއާ ހެދުމުގެ ޖިއޮޕޮލިޓިކަލް މަގްސަދުގައި ކަމަށް ވިޔަޗިޔިސްލާވް ވިދާޅުވިއެވެ.

ރަޝިއާ ހަލާކުކޮށްލާފައިވާ ހުޅަނގުގެ ބައެއް ހަތިޔާރު

އަނެއްކޮޅުން އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު ބެން ވެލަސް ވަނީ ހުޅަނގުން ޔުކްރެއިންއަށް ގިނަ އަދަދަކަށް ހަތިޔާރު ދޭއިރުވެސް އެކަމަށް ޝުކުރު އަދާނުކޮށް ޔުކްރެއިނުން އަބަދު ހަތިޔާރަށް ކިޔާތީ އެކަމާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

ލިތުއޭނިއާގައި އިއްޔެ ނިމުނު ނޭޓޯގެ އިސްވެރިންގެ ސަމިޓަށްފަހު ދެއްވި ބަޔާނެއްގައި ބެން ވެލަސް ވިދާޅުވިގޮތުގައި ޔުކްރެއިނުން އެދުނުނަމަވެސް ހަތިޔާރަކީ ހިތަށްއެރިވަރަކަށް ފޯރުކޮށްދެވޭނެ އެއްޗެއް ނޫނެވެ. އަދި ޔުކްރެއިނުން އަބަދު ހަތިޔާރަށް ކިޔަމުން ގެންދިޔުމަކީ ހުތުރުކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔުކްރެއިނާއި ރަޝިއާއާ ދެމެދު ހިނގާ ހަނގުރާމައިގާ ހަތިޔާރު ހޯދުމަށް ރަޝިއާ ބަރޯސާވަނީ އެގައުމުގެ އަމިއްލަ ނަފްސަށް ކަމަށްވިޔަސް ޔުކްރެއިން އަށް ހަތިޔާރު ލިބެނީ އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ނޭޓޯއަށް ނިސްބަތްވާ ހުޅަނގުގެ ގައުމުތަކަށް ސަލާން ޖަހައިގެންނެވެ. އެހެންކަމުން ޔުކްރެއިން ބޭނުންވާ މިންވަރާ ގާތަށްވެސް އެގައުމަށް ހަތިޔާރެއް ނުލިބެއެވެ.

އަނެއްކޮޅުން ހުޅަނގުން ޔުކްރެއިންއަށް ދޭ ހަތިޔާރުގެ ބޮޑުބައި ވަރަށް އަވަހަށް ރަޝިއާއިން ހަލާކުކޮށްލުމަކީވެސް ޔުކްރެއިންގެވެސް އަދި ހުޅަނގުގެވެސް ބޮލުގަ ރިހުމެކެވެ. މިކަމުގެ ސަބަބުން ޔުކްރެއިންއަށް ޖެހެނީ އަބަދުވެސް ސަލާން ޖަހައިގެން ހުޅަނގުން ހަތިޔާރު ހޯދަންއުޅޭށެވެ.

ރަޝިއާއާއެކު ކުރާ ހަނގުރާމަ ނުނިމެނީސް ޔުކްރެއިންއަށް ނޭޓޯގެ މެންބަރުކަން ނުދޭން ނޭޓޯގެ ސަމިޓުން ނިންމުމުން ޔުކްރެއިންގެ ރައީސް އިއްޔެ ވަނީ އެކަމާ ހިތްޕުޅާނުވެ ހުޅަނގުގެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޔުކްރެއިން ހަނގުރާމަ ދިގުލައިގެން ދިޔައީ ހުޅަނގުގެ ބަސްއަހައިގެން ރަޝިއާއެކު ސުލްހަވުމަށް ޔުކްރެއިން ފަސްޖެހުމާ ގުޅިގެންނެވެ. ތުުރުކީ މެދުވެރިއަކަށް ވެގެން ޔުކްރެއިން އާއި ރަޝިއާއާ ދެމެދު ފެށުނު ސުލްހައިގެ ވާހަކަތައް ހުއްޓާލީވެސް އެމެރިކާއާއި އިނގިރޭސިވިލާތް އަޑީގައި ތިބެގެންކަމަށް ރަޝިއާ ތުހުމަތު ކުރެއެވެ.

ހުޅަނގުން ކިތަންމެ ވަރަކަށް ހަތިޔާރު ދިނަސް ރަޝިއާ އަސްކަރީ ގޮތުން ބަލިކުރުމަކީ ޔުކްރެއިންއަށް ކުރެވޭނެކަމެއް ނޫންކަމަށާއި ހަނގުރާމަ ހުއްޓާލަން ބޭނުންވާނަމަ ޔުކްރެއިންއަށް ޖެހޭނީ ރަޝިއާއާއެކު ސުލްހައިގެ ވާހަަތައް ދައްކައިގެން ސުލްހައިގެ އެއްބަސްވުމަކަށްދާންކަމަށް ގިނަ މުހައްލިލުންނާއި ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ.

comment ކޮމެންޓް