މަގުމަތީގެ ސަލާމަތީ ޕްރޮގްރާމްގެ ސްޕޮންސަރުންނާ އެކު ސޮއިކޮށްފި

މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ "ރޯޑް ސޭފްޓީ އެވެއާނަސް" ޕްރޮގްރާމްތަކުގެ ސްޕޮންސަރުންނާ އެކު ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފުލުހުންނާ އެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެލައިޑް އިންޝުއަރެންސް، ޝީޝާ ޕްރައިވެޓް ލިމިޓެޑް އަދި އުރީދޫއެވެ.

މި ކަމަށްޓަކާ މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ރަޝީދެވެ. އެލައިޑުގެ ފަރާތުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ފިރުޝާން ސޮއި ކުރެއްވި އިރު، ޝީޝާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖާ އޮފް އޮޕަރޭޝަންސް ފާތިމަތު ޖުމާނެވެ. އަދި، އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

މި ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު ވެސް ވަނީ ސްކޫލު ކުދިންނަށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ. އަދި، ބެލެނިވެރިންނާއި ޓެކްސީ ޑްރައިވަރުންނަށް އަދި ކުންފުނިތަކުގެ ޑްރައިވަރުންނަށް ވެސް ވަނީ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ.

މި އެއްބަސްވުމާ ގުޅިގެން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ރަޝީދު ވިދާޅުވީ، މި ޕްރޮގްރާމްގެ މައިގަންޑު މަގުސަދަކީ މަގުމައްޗަކީ ދުއްވާ މީހުނަށާއި ހިނގާބިނގާވެ އުޅޭ މީހުނަށް ވެސް ރައްކާތެރި ތަނަކަށް ހެދުން ކަމަށެވެ.

މިފަދަ ހުރިހާ ކަމެއްގައި ވެސް ކުންފުނިތަކުން ދޭ އެހީތެރިކަން ފާހަގަކޮށް އަލީ ރަޝީދު ވަނީ ޕްރޮގްރާމުގެ ސްޕޮންސަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

"މިހާރު އަޅުގަނޑުމެންގެ ސްޓްރަޓަޖީ މި ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. ކުންފުނިތަކުގެ ބައިވެރިވުން އޮވެގެން އަޅުގަނޑުމެން ކުރާ މަސައްކަތް ކުރިއަށް ގެންދިއުން މީ އަޅުގަނޑުމެން ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭ އަޅުގަނޑުމެން ކުރަމުން އައި ކަމެއް،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް