އިލެކްޝަންސް ކޮމިޝަން މެމްބަރުންގެ މެދުގައި މާ ބޮޑު މައްސަލައެއް ނެތް: ހަބީބު

12 ޖުލައި 2023: އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މެދުގައި މާ ބޮޑު މައްސަލަތަކެއް ނެތްކަމަށާއި މަސައްކަތްތައް އެއްވެސް ހުއްޓުމެއް ނެތި ކުރަމުން އަންނަކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވެއްޖެއެވެ.

އިންތިޚާބު ގާތްވަމުން އަންނައިރު ސިޔާސީ ބައެއް ފަރާތްތަކުން އަންނަނީ އިލެކްޝަންސްގެ މެމްބަރުންގެ މެދުގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް އިތުބާރު ނެތްކަމަށް ބުނަމުންނެވެ. އެ ވާހަކަތަކާ ގުޅިގެން ކޮމިޝަންގެ މިނިވަންކަމާމެދު ބައެއް ސިޔާސީ ފަރާތްތަކުން ސުވާލު އުފައްދައެވެ.

އެ ވާހަކަތައް މީޑިއާގައި ވެސް އަންނަނީ ދެކެވެމުންނެވެ. މީގެ އިތުރުން އެ ކޮމިޝަންގެ ބައެއް މެމްބަރުން މީޑިއާގައި ވެސް އެ ވާހަކަތައް އަންނަނީ ދައްކަމުންނެވެ.

އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ކަމާ ގުޅޭގޮތުން "ސަން"އިން ސުވާލުކުރުން އެ ކޮމިޝަންގެ ނައިބު ރައީސް ހަބީބު ވިދާޅުވީ ކޮމިޝަނުގެ ޖަލްސާތަކާއި އިންތިޚާބާ ގުޅިގެން ނިންމަން ޖެހޭ މުހިންމު ކަންކަން ނިންމަނީ ކޮމިޝަންގައި ބާކީ ތިއްބެވާ ތިން މެމްބަރުންނާއެކު ކަމަށެވެ.

12 ޖުލައި 2023: އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މި ވަގުތު އީސީގެ އެއް މެމްބަރު ކަމަށްވާ ޑރ. މުހައްމަދު ޒާހިރު ރަސްމީ ދަތުރެއްގައި ގައުމުން ބޭރުގައި ހުންނެވި ނަމަވެސް ބާކީ ތިއްބަވައި މެމްބަރު އަލީ ނަޝާތާއި، މުޙައްމަދު އާސިފްގެ ބައިވެރިވުން އިލެކްޝަންސްގެ މަސައްކަތްތަކުގައި ހިމެނޭކަމަށް ހަބީބު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކޮމިޝަންގެ މެމްބަރުންގެ މަސްއޫލިއްޔަތު ހަމަ މެމްބަރުން އެބަ އަދައިކުރައްވައި. ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް އެބަ ކުރިއަށްދޭ. ކޮމިޝަނުން ކުރަންޖެހޭ ކަންކަން އެއީ ރިޔާސީ އިންތިޚާބުގެ ކަންކަން. އިންތިޚާބުގެ ކަންކަން އެއީ ގާނޫނުތަކާއި ގަވާއިދުގައި ލިޔެފައި ހުންނަ ކަންކަން،" ހަބީބު ވިދާޅުވިއެވެ.

އެގޮތުން ޖަލްސާތަކުގައި ވެސް މެމްބަރުންގެ ބައިވެރިވުން ހިމެނޭ ކަމަށާއި ނިންމުންތައް ނިންމުމުގައި ވެސް ދައްޗެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން ފަހުން ވާހަކަދައްކަވަމުން އިލެކްޝަންސްގެ ރައީސް ފުއާދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ތެރޭގައި ހިނގާ ކަންކަމަކީ ބޭރަށް ސިއްރު ކަންކަން ކަމަށެވެ.

އެއީ ކޮމިޝަނާއި ކޮމިޝަންގެ މެމްބަރުންގެ މެދުގައި މަސްލަހަތު ދެމެހެއްޓުމަށް ކުރާ ކަމެއް ކަމަށާއި އެތެރޭގެ މައުލޫމާތު ހާމަކުރެވޭނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ފުއާދު ވިދާޅުވިއެވެ.

"ދިޔަ ބޭފުޅުންގެ ހާޒިރީއާއި، ޗެއާކުރީ ކޮން ބައެއްތޯއާއި، ވޯޓު ދިނީ ކޮން ބައެއްތޯއާއި، އެ އެއްޗިއްސަކީ އަޅުގަނޑުމެންގެ އެތެރޭގެ މަސްލަހަތަށް ޓަކައި ބެހެއްޓިފައިވާ މައުލޫމާތު. ވަކިވަކި ފަރާތްތަކުން އެ މައުލޫމާތު ހޯއްދަވަން އިންފޮމޭޝަން ކޮމިޝަނަރު މެދުވެރިކޮށް ހުށަހަޅުއްވައިފިކަމުގައިވަނީ ނަމަ ކޮމިޝަނުން ލިބެންޖެހޭ މައުލޫމާތެއްކަމަށް ފެނިވަޑައިގެންފިއްޔާ އަޅުގަނޑުމެން އެެ މައުލޫމާތެއް ދޫކުރާނަން،" ފުއާދު ވިދާޅުވިއެވެ.

އިންތިޚާބަށް ބާކީ ދެ މަސް ދުވަހަށްވުރެ ކުރު މުއްދަތެއް އޮތް އިރު މިހާރު އެ ކޮމިޝަނުން އަންނަނީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާތައް ބާއްވަމުންނެވެ. އަދި އިންތިޚާބާ ގުޅޭގޮތުން ނިންމަންޖެހޭ މުހިންމު ކަންކަން ނިންމަމުންނެވެ.

comment ކޮމެންޓް