މިދިޔަ އަހަރުގެ ނިޔަލަށް އެވްރެޖްކޮށް ދިވެހި އަންހެނަކު ކުދިން ހޯދާ ނިސްބަތް (ޓީއެފްއަރް) 1.7 އަކަށް ދަށްވެއްޖެއެވެ.
ބޯހިމެނުން 2022 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދަރިމައިވުމުގެ ނިސްބަތް ރާއްޖޭގައި ވަނީ އެއް އަހަރުން އަނެއް އަހަރަށް ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި މިހާރު ރާއްޖޭގެ ދަރިމައިވުމުގެ ނިސްބަތްވަނީ ބިލޯ ރިޕްލޭސްމަންޓް ލެވެލްއަށް ގޮސްފައިއެވެ.
ބިލޯ ރިޕްލޭސްމަންޓް ލެވެލްއަށް ދިޔުމަކީ ދަރިމައިވުން، މީހުން މަރުވާ މިންވަރަށް ވުރެ ދަށަށް ދިޔުމެވެ. އެހެން ގޮތަކަށް ބުނާނަމަ އާބާދީ އިތުރުވާ ނިސްބަތް ދަށަށް ދިޔުމެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރު އެވްރެޖްކޮށް ދިވެހި އަންހެނަކު ދަރިމައިވުމުގެ ނިސްބަތް 6.4 ގައި ހުރިއިރު 2000 ވަނަ އަހަރު އެ އަދަދު ވަނީ 2.8 އަކަށް ވެއްޓިފައެވެ. އެއަށްފަހު 2006 ވަނަ އަހަރު ބޯހިމެނިއިރު އެ އަދަދު 2.2 ގައި ހުރުމަށްފަހު 2014 ވަނަ އަހަރު 2.5 ކަށް ވަނީ މަތިވެފައެވެ.
އެހެންނަމަވެސް މިދިޔަ އަހަރު ބޯހިމެނިއިރު ދަރިމައިވުމުގެ ނިސްބަތް އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން އެވްރެޖްކޮށް ދިވެހި އަންހެނަކު ދަރިމައިވުމުގެ ނިސްބަތް މިދިޔަ އަހަރު ވަނީ 1.7 އަކަށް ދަށްވެފައެވެ.
ދަރިމައިވުމުގެ ނިސްބަތް ދަށަށް ދިޔުމުން އެ ގައުމެއްގައި އުމުރުން ދުވަސްވާ މީހުންގެ އާބާދީ އިތުރުވެ ޒުވާން ޖީލެއް އުފެދުމުގެ ނިސްބަތް އެއް ދުވަހުން އަނެއް ދުވަހަށް ދާނީ ދަށްވަމުންނެވެ.
"ސަން" އިން ކުރިން ލިޔުނު ރިޕޯޓެއްގައި ބުނާގޮތުން މިހާރު ގިނައިން ކުދިން ނުހޯދާ ސަބަބުތަކުގެ ތެރޭގައި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުން ހިމެނެއެވެ. ހަމައެއާއެކު ސިއްހީ މައްސަލަތަކުގެ ސަބަބުން ދަރިން ނުލިބޭ މީހުން ވެސް ރާއްޖޭގައި ނިސްބަތުން ގިނައެވެ.
އަންހެނުންގެ ބަލިތަކަށް ފަރުވާދެއްވާ ޑރ. ޒާހިޔާ އަބްދުލް ބާރީ މީގެ ކުރިން ވިދާޅުވިގޮތުގައި ދަރިމައިނުވުމުގެ މައްސަލަތައް ރާއްޖޭގައި މިހާރު އިތުރުވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އޭގެ އެއް ސަބަބަކީ މީހުން ހޭލުންތެރިކަން އިތުރުވުމުން ފަރުވާ ހޯދާ މިންވަރު އިތުރުވުން ކަމަށާއި އަނެއް ސަބަބަކީ ލައިފްސްޓައިލްގެ ސަބަބުންނާއި ދިމާވާ ސިއްހީ މައްސަލަތައް ކަމަށް ޒާހިޔާ ވިދާޅުވިއެވެ. ދަރިމައިނުވުމުގެ މައްސަލަ ދިމާވެފައިވާ ދިވެހި އަންހެނުންގެ ތެރޭގައި އެންމެ އާއްމު އެއް ކަމަކީ، ޕޮލިސިސްޓިކް އޮވަރީ ސިންޑްރޯމް (ޕީސީއޯއެސް) ކަމަށް ޑރ ވިދާޅުވިއެވެ.
އެހެންނަމަވެސް މިހާރު ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދިނުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ޚިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުގައި ވަނީ ފަށައިފައެވެ.