ގައުމެއްގެ މުޖުތަމައުއެއްގައި ހަމަޖެހުމެއް ގާއިމުކުރުމަށްޓަކައި، ހުރިހާ ދާއިރާއަކުން އަންހެނުންނަށް އޮންނަ ފުރުސަތުތައް އިތުރުކޮށް މުޖުތަމައުގެ ކަންތައްތައް ނިންމުމުގެ ފުރުސަތުތައް އަންހެނުންނަށް އޮންނަންޖެހޭނެ ކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ނައިބުރައީސް ވިދާޅުވީ، އަންހެނުންނަށް ހުރިހާ ދާއިރާތަކުންވެސް ފުރުޞަތު ފަހިކޮށްދިނުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި ހަމަޖެހޭ އަމާން މުޖުތަމައުއެއް ބިނާކުރުމަށް އަންހެނުންގެ ދައުރު ވަރަށް މުހިންމުކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އަންހެނުންނަށް އޮންނަ ފުރުސަތުތައް އިތުރުކުރަންޖެހޭ. އަދި މުޖުތަމައުގެ ކަންތައްތައް ނިންމުމުގެ ފުރުސަތުތައް ވެސް އަންހެނުންނަށް އޮންނަންޖެހޭނެ ވާހަކަ ދައްކަނީ. ހަގީގަތުގައިވެސް އޭގަ ވަރަށް ބޮޑު ބޭނުމެއް އޮވެގެން. އަޅުގަނޑުމެން މި ފުރުސަތުތައް ފަހި ނުކޮށް ގައުމެއްގަ، މުޖުތަމައުއެއްގަ ހަމަޖެހުމެއް ގާއިމެއް ނުކުރެވޭނެ ނައިބުރައީސް ފައިސަލް ނަސީމް
ނައިބު ރައީސް ވިދާޅުވީ އަންހެނުން ބާރުވެރިކުރުމަށާއި އަންހެނުން މުޖުތަމައުގެ ހަމަޖެހުމާއި ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް މިހާރުވެސް ވަރަށް ބޮޑަށް ފެންނަމުންދާކަމަށެވެ. އެގޮތުން ރަށްރަށުގައި އުފެދިފައިވާ އަންހެނުންގެ ކޮމިޓީތަކާއި ރަށުގެ މުޖުތަމައުން ނަން ކިޔާލެވޭ އަންހެން ލީޑަރުން ކުރީގައިވެސް އަދި މިހާރުވެސް ފެންނަމުންދާކަމަށެވެ.
އެ މަނިކުފާނު ވަނީ ޤައުމު ތަރައްޤީކުރުމުގެ މަސައްކަތުގައި މިހާރަށްވުރެވެސް އަންހެނުންގެ ދައުރު އިތުރުކުރުމަށް ބާރުއަޅުއްވާފައެވެ.
އަންހެނުންނަށް ލިބޭ ފުރުސަތުތަކުގެ ނަތީޖާއަކީ، ވަކިވަކި ފަރާތްތަކުން އެމްޕަވާވެގެން ދިޔުން. އާއިލާތައް ވަރުގަދަވެގެން ދިޔުން. މުޖުތަމައު ދުޅަހެޔޮވުން. ހުރިހާ ގޮތަކުންވެސް ފުދޭ މުޖުތަމައުއަކަށް ބަދަލުވެގެން ދިޔުން. ނައިބުރައީސް ފައިސަލް ނަސީމް
ނައިބުރައީސް ވަނީ ބޯހިމެނުމުގެ މަސައްކަތްކުރެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ނައިބުރައީސް ވަނީ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ ރަސްމީކޮށް އިފްތިތާހް ކޮށްދެއްވާފައެވެ.
ޖަލްސާއަށް ފަހު ނައިބު ރައީސް ވަނީ ޔޫއެންއެފްޕީއޭ އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެން ކުރިއަށްގެންދިޔަ "ފޯ އެވްރީ އޭޖް" ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ.
އިސްލާމީ މަރުކަޒުގެ ކޮރިޑޯގައި ކުރިއަށްގެންދިޔަ މި މައުރަޒުގައި ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ވަކިވަކި ފަރުދުންގެ ތަފާތު ވާހަކަތަކާއި ތަޖުރިބާތައް ދައްކާލާފައިވެއެވެ. އަދި މި މައުރަޒަކީ އާބާދީ މުސްކުޅިވުން ހުއްޓުވުމުގައި ލައިފް-ސައިކަލް އެޕްރޯޗާއި ޖެންޑާ ޑައިމެންޝަނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ވަކާލާތު ކުރުމުގެ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދިޔަ މައުރަޒެކެވެ.