އާމްދަނީ ހޯދަން މަސައްކަތް ކުރަނީ 49 ޕަސެންޓު އަންހެނުން

މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މަސައްކަތެރިންގެ ތެރޭ ހިމެނޭ އަންހެނުންގެ ނިސްބަތް ފިރިހެނުންނާއި އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.

ބޯހިމެނުން 2022 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ މަސައްކަތު އުމުރުފުރާގެ އާބާދީއަކީ 411،219އެވެ. އެއީ އާބާދީގެ 80 ޕަސެންޓެވެ. މީގެ ތެރެއިން 37 ޕަސެންޓަކީ އަންހެނުންނެވެ. އަދި 63 ޕަސެންޓަކީ ފިރިހެނުންނެވެ.

މަސައްކަތު އުމުރުފުރާގެ އާބާދީގެ ތެރެއިން 68 ޕަސެންޓަކީ ދިވެހިން ކަމަށްވާއިރު އަނެއް 32 ޕަސެންޓަކީ ބިދޭސީންނެވެ.

އެހެންނަމަވެސް މިދިޔަ އަހަރު ރާއްޖޭގައި ދިރިއުޅޭ މަސައްކަތެރިންގެ ތެރޭ ހިމެނޭ އަންހެނުންނާއި ފިރިހެނުންގެ ފަރަގު ވަރަށް ބޮޑެވެ. އެގޮތުން ފިރިހެނުންގެ ތެރެއިން 80 ޕަސެންޓު މީހުންނަކީ މަސައްކަތްތެރިންނެވެ. އަންހެނުންގެ ތެރެއިން މަސައްކަތްތެރިންގެ ތެރޭ ހިމެނެނީ އެންމެ 49 ޕަސެންޓު އަންހެނުންނެވެ.

އުމުރުން 15 އަހަރުންމަތީގެ ދިވެހި އާބާދީގެ ތެރެއިން މަސައްކަތެއް ލިބިފައިނުވާ އާބާދީއަކީ 5 ޕަސެންޓެވެ. މަސައްކަތެއް ލިބިފައި ނުވާ އާބާދީގެ ނިސްބަތަށް ބަލާއިރު ފިރިހެނުންނަށްވުރެ އަންހެނުންގެ މެދުގައި މަސައްކަތެއް ލިބިފައި ނުވާ މީހުން ގިނައެވެ.

މަސައްކަތް ލިބިފައިނުވާ އާބާދީގެ ތެރޭގައި ހިމެނެނީ ވަޒީފާއެއް ހޯދުމަށް މަސައްކަތްކޮށް އަދި މަސައްކަތެއް ލިބިއްޖެނަމަ ކުރަން ތައްޔާރަށް ތިބި މިހުންނެވެ.

މަސައްކަތް ލިބިފައިވާ އާބާދީގެ ތެރެއިން ގިނަ މީހުން މަސައްކަތް ކުރަމުން ގެންދަނީ އެކޮމޮޑޭޝަން އަދި ފުޑް އިންޑަސްޓްރީގައެވެ. އަދި އެއަށްފަހު ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާގައެވެ. ބިދޭސީ އާބާދީ އެންމެ ގިނައިން މަސައްކަތްކުރަނީ އެކޮމޮޑޭޝަން އަދި ފުޑް އިންޑަސްޓްރީ އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީގައެވެ.

comment ކޮމެންޓް