ވަކި ސިނގިރޭޓް ވިއްކުން: މިހާރު ހަމައެއްލަމައެއް ނެތް!

ފިހާރައެއްގައި ސިނގިރޭޓް ވިއްކުމަށް ބަހައްޓާފައި: ވަކި ސިނގިރޭޓް ވިއްކުމާއި އިންޒާރު ނުހިމެނޭގޮތަށް ސިނގިރޭޓް ފޮށި ވިއްކުމަކީ މަނާކަމެއް-- ސަން ފައިލް ފޮޓޯ

މާލޭގެ ކަންމަތީ ފިހާރައެއްގެ ތެރޭގައި މަޑުކޮށްލައިގެން ހުއްޓައި ޔުނީފޯމުގައި ތިބި ދެ ފުލުހަކު ވަނެވެ. އޭގެ ތެރެއިން އެއް ފުލުހަކު އެދުނީ ފަސް ސިނގިރޭޓާއި ސުޕާރީ ފުޅިއެއް ދިނުމަށެވެ. ސޭޓަކަށް ހުރި ބިދޭސީ މީހާ، ކަނޑާފައި އޮތް ސިނގުރޭޓް ފޮއްޓަކުން ފަސް ސިނގިރޭޓް ނެގުމަށްފަހު އެ ފުލުސް މީހާ އަތަށް ދިއްކޮށްލިއެވެ. ދެން ދިނީ ސުޕާރީ ފުޅިއެވެ. އެތަކެއްޗަށް ފައިސާ ދެއްކުމަށް ފަހު އެ ދެ ފުލުހުން އެކުގައި ނިކުމެގެން ދިޔައެވެ.

އެ ސޭޓް މީހާއާ އަޅުގަނޑު އެ ވަގުތު ސުވާލު ކުރީމެވެ. ތި ކުރީ މަނާކޮށްފައި އޮތް ވިޔަފާރިއެއް ނޫންހެއްޔެވެ. އޭނާ ހީލާފައި ޖަވާބު ދެމުން ބުނީ ގައިމު އެ ވިޔަފާރި އެކުރީ ގާނޫނު ތަންފީޒު ކުރަން ތިބި ދެ ފުލުހުން ނޫން ހެއްޔެވެ.

މިކަން އިތުރަށް ޔަގީން ކުރުމަށް ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރާ ގަވައިދު ބާތިލް ކުރީތޯ ގެޒެޓުން ބަލާލީމެވެ. އެކަން ބާތިލް ކޮށްފައެއް ނެތެވެ. އަދި މިކަން ކިހާ ވަރަކަށް އާންމުތޯ ބެލުމަށް މަސައްކަތް ފެށީމެވެ. މާލެ އާއި ހުޅުމާލޭގެ އެތައް ފިހާރައެއްގައި މި ވިޔަފާރި އެބަ ކުރެއެވެ. އަދި ޖޫގޯ ޕޮއިންޓް ގޮތަށް ހިންގާ ތަންތަނުގައި މިކަން އަދި މާ އާންމެވެ. ހައެއްކަ ރުފިޔާ ދިނީމައި ވަކިން ސިނގިރޭޓް ގަންނަން ލިބެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަކީ އެއްވެސް ފައިދާއެއް ނެތް ނުރައްކާތެރި ކަމެއް

އަދި ފާހަގަވި އެހެން ކަމެއް އެބައޮތެވެ. ބައެއް ވިޔަފާރިތަކުން ކާޑުން ފައިސާ ދައްކާގޮތަށް ނުވަތަ ޓްރާންސްފާ ކުރާ ގޮތަށް ވަކި ސިނގިރޭޓެއް ނުވިއްކައެވެ. ހަމައެކަނި ވިއްކަނީ ސޭޓް މީހާގެ އަތަށް ސީދާ ފައިސާ ދިނުމުންނެވެ. މިކަމުން އެނގޭ ކަމަކީ އަސްލު ވިޔަފާރިވެރިޔާއަށް ނޭނގި ސޭޓަކަށް ހުންނަ ބިދޭސީ މީހާ ވަކި ސިނގިރޭޓް ވިއްކައި އާމްދަނީ ހޯދާ ކަމެވެ.

ގަވާއިދު ބުނަނީ ކީކޭ؟

ދުންފަތުން ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދަށް އަމަލު ކުރަން ފެށީ 31 މެއި 2019 ގައެވެ. އެ ގަވާއިދުގެ ދަށުން ވަކިން ސިނގިރޭޓް ވިއްކުމާއި ސިނގިރޭޓް ފޮށީގެ ބޭރުގައި ފޮޓޯ ޖެހި އިންޒާރާ ނުލައި ސިނގިރޭޓް ވިއްކުމަކީ މަނާކަމެކެވެ.

އެ ގައިވާއިދުގައިވާ ގޮތުން ރާއްޖޭގައި ވިއްކޭނީ، މަދުވެގެން 20 ސިނގިރޭޓް ހިމެނޭ ފޮށްޓެވެ. ބިޑި ވިއްކާ ނަމަ ވިއްކޭނީ މަދުވެގެން 50 ބިޑި ހިމެނޭ ފޮށްޓެއް ނުވަތަ ބޮނޑިއެކެވެ. އަދި ދުންފަތާއި ދުންފަތުގެ އެހެން ބާވަތްތައް ވިއްކޭނީ އޭގައި މަދުވެގެން 30 ގުރާމް ހުންނަ ނަމައެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތައް، އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ. އަދި ދެ ވަނަ ފަހަރަށް ގަވާއިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5،000 ރުފިޔާ އަދި ތިން ވަނަ ފަހަރަށް، 10،000 ރުފިޔާއިން ޖޫރިމަނާކޮށް، ހަތަރު ވަނަ ފަހަރަށް 20،000 ރުފިޔާއިން ޖޫރިމަނާ ކުރާން ހިމެނެއެވެ.

މި ގަވައިދަށް އަމަލު ކުރަން ފެށި ދުވަސްކޮޅު ގަދާއިވު ތަންފީޒު ކުރިއެވެ. އެގޮތުން ވަކި ސިނގިރޭޓް ވިއްކި ވިޔަފާރިތަކަށް ދިޔައީ ފިޔަވަޅު އަޅައި، ޖޫރިމަނާތައް ކުރަމުންނެވެ. ނަމަވެސް ރާއްޖޭގައި ގާނޫނާއި ގަވާއިދު ތަންފީޒު ކުރުމުގައި އާންމުކޮށް ދިމާވާ މައްސަލަ މިހާރު މިއޮތީ މި މުހިންމު ގަވާއިދަށް ވެސް ދިމާވެފައެވެ. ބޮނޑުނަގުލަށް ކަންކަން ދާ އުސޫލުން މިހާރު މި ގަވާއިދު އެންމެ ރަނގަޅަކަށް ތަންފީޒެއް ނުކުރެވެއެވެ.

https://sun.mv/168817

ތަންފީޒު ނުވަނީ ކީއްވެ؟

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ހަސަން މުޙައްމަދު ވިދާޅުވިގޮތުގައި ވަކި ސިނގިރޭޓް ވިއްކުން ހުއްޓުވުމަށް ހަދާފައި އޮތީ ރަނގަޅު ގަވާއިދެކެވެ. އަދި އެކަމަށް އާއްމުންނާއި ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ހަސަން ގަބޫލު ކުރައްވައެވެ. އެހެންކަމުން އެ ވިޔަފާރި ނުހުއްޓިގެން އުޅެނީ އެނގިތިބެ ބަޔަކު ގާނޫނާ ހިލާފު ވާތީ ކަމަށް ހަސަން ވިދާޅުވިއެވެ.

އެގޮތަށް ގާނޫނާ ހިލާފަށް އަމަލު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭކަމަށާއި ނަމަވެސް އަބަދު ވިޔަފާރި ކުރާ މީހުން އަމަލު ކުރާގޮތް ބެލުމަށް ތިބުމަކީ ކުރެވޭނެ ކަމެއް ނޫންކަން ހަސަން ފާހަގަ ކުރެއްވިއެވެ. އެޗްޕީއޭއިން މިހާރު ވެސް ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަން މޮނީޓާ ކުރަމުން އަންނަ ކަމަށާއި އަދި ވަކި ސިނގިރޭޓް ވިއްކާކަމުގެ ރިޕޯޓެއް ލިބުމުން އެތަނަކަށް ގޮސް ފިޔަވަޅު އަޅާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަކި ސިނގިރޭޓް ވިއްކާ މީހާ އާއި ގަންނަ މީހާ ވެސް ގާނޫނާ ހިލާފު އެ ވަނީ. މި މުޖުތަމައުގައި ބައެއް މީހުންނަކީ ގަވައިދަށް އުޅޭ ބައެއް ނޫން. އެހެންވެ މި ޖެހެނީ ގަވައިދަށް އުޅުވަން ފިޔަވަޅު އަޅަން. ތަންތަން ހިންގާ ހިދުމަތް ދޭން ގިނައިން ތިބެނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން. އެ މީހުންނަކީ ފައިސާ ހޯދަން އުޅޭ މީހުން، ވެރިފަރާތުން ނުބެހެއްޓިޔަސް އަމިއްލައަށް ވެސް ވިއްކާ،" ހަސަން ވިދާޅުވިއެވެ.

ހަސަން ވެސް ގަބޫލު ކުރައްވާ ގޮތުގައި ގަވާއިދުން ފިޔަވަޅުތައް އެޅޭނަމަ ކުށެއް ކުރެވޭ ކަމުގެ އިހުސާސް ކުރެވި ގަވައިދަށް ބޯ ލަނބާ މީހުން ގިނަ ވާނެއެވެ. މިހާރު މިއޮތް ހާލަތަށް ކަންކަން ދިޔައީ މާ ބޮޑަށް ދޫކޮށްލެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފިހާރަތަކުން ގަވާއިދަށް އަމަލު ކުރޭތޯ ބެލުމުގެ މައިގަނޑު ޒިންމާ ހަވާލު ކޮށްފައިވަނީ ކައުންސިލްތަކަށާއި އިކޮނޮމިކް މިނިސްޓްރީއަށެވެ. މި މައްސަލާގައި މާލޭ ސިޓީ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ވަކިން ސިނގިރޭޓް ވިއްކުން ހުއްޓުވަނީ ކީއްވެ؟

މިއީ ދުނިޔޭގައި އާ ކަމެއް ނޫނެވެ. ތަރައްގީ ވެފައިވާ ގައުމުތަކުގައި މިކަންކޮށް އޭގެ ހެޔޮ ނަތީޖާ ފެނިފައިވާ ކަމެކެވެ. ވަކި ސިނގިރޭޓް ވިއްކުން މަނާކުރާ ސަބަބުތަކުގެ ތެރޭގައި ކުޑަކުދިން ދުންފަތުގެ އިސްތިއުމާލަށް ވަނުން ހުއްޓުވުން ހިމެނެއެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުގައި އާންމުކޮށް މީހުން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށަނީ އުމުރުން 18 އަހަރު ވުމުގެ ކުރިންނެވެ. އެއީ އާއްމުކޮށް ވަޒީފާގައި ނޫޅެ، ތައުލީމް ހާސިލު ކުރަން އުޅޭ އުމުރެވެ. އެހެންކަމުން ސިނގިރޭޓް ފޮއްޓެއް ގަތުމަށް ބޭނުންވާ ފައިސާ ގިނަ ކުދިންނަކަށް އާންމުކޮށް ނުލިބޭނެއެވެ. އޭގެ ބަދަލުގައި ވަކި ސިނގިރޭޓް ވިއްކާނަމަ ފަސޭހައިން ގަނެގެން ބޮވެއެވެ. އެހެންކަމުން މި ނުރައްކާތެރި އިސްތިއުމާލަށް ވަންނަ ކުދިން މަދު ކުރުމަށްޓަކައި ވަކި ސިނގިރޭޓް ވިއްކުން ހުއްޓުވުން ވަރަށް މުހިންމެވެ.

ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރާ އަނެއް ސަބަބަކީ އަލަށް ފަށާ މީހުން މަދުކުރުމެވެ. ދިރާސާތަކުން ދައްކާގޮތުގައި ގިނަ މީހުން އަލަށް ސިނގިރޭޓް ބޯން ފަށަނީ ވަކިން ގަނެގެންނެވެ. ފޮއްޓެއް ގަނެ ބޮޑު ހަރަދެއް ކޮށްގެން އަލަށް އެކަމުގެ ތެރެއަށް ވަނުމުގެ ޝައުގު މީހުންގެ ނުހުރެއެވެ. މިއީ ވެސް ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރަން ޖެހޭ ސަބަބެކެވެ.

ރާއްޖޭގެ ގާނޫނާއި ގަވައިދުތައް ބުނާގޮތުން ސިނގިރޭޓް ފޮށި ވިއްކަން ޖެހޭނީ އިންޒާރު ހިމެނޭ ފޮޓޯއާއި ލިޔުންކޮޅު ހިމަނައިގެންނެވެ. ސިނގިރޭޓް ފޮށީގައި ހުންނަ އެ އިންޒާރުގެ މެސެޖްގައި އެ އިސްތިއުމާލު ކުރުމުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުގެ ހަގީގީ ފޮޓޯތައް ހިމެނެއެވެ. މިއީ އެ އިސްތިއުމާލުން ދުރުވުމަށް ގިނަ މީހުން ނިންމާ ސަބަބެކެވެ. ރާއްޖޭގެ ހެލްތް މިނިސްޓްރީން މިހާރު ކުރަމުން އަންނަ ދިރާސާއަކުން ދައްކާގޮތުގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރަމުން އައި ގިނަ ދިވެހީންތަކެއް އެކަން ހުއްޓާލީ އެ އިންޒާރުގެ ފޮޓޯ ފެނި، އޭގެ ގެއްލުން އަމިއްލައަށް ގަބޫލު ކުރެވިގެންނެވެ. ވަކި ސިނގިރޭޓް ގަންނަން ލިބޭނަމަ އެ އިންޒާރު މީހުންނަށް ނުފެނެއެވެ. މިއީ ވެސް ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރާ ސަބަބެކެވެ.

އެތައް ދިވެހިންނެއްގެ މަރާ ގުޅިފައި

ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން ސީދާ ދުންފަތުގެ ސަބަބުން މަރުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އަންދާޒާ ކުރެއެވެ. މިދިޔަ އަހަރުގެ މެއި މަހު ޑަބްލިއުއެޗްއޯއިން ނެރުނު އެ ރިޕޯޓްގައި އަންދާޒާ ކުރާގޮތުގައި ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެއްދުވަހު އެކަކު ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ރާއްޖޭގައި މަރުވެއެވެ.

އެ ރިޕޯޓުގައި ވަނީ ރާއްޖޭގައި މީހުންނަށް ޖެހޭ ބަލިތަކުގެ ތެރެއިން 84 އިންސައްތައަކީ ހިތުގެ ބައްޔާއި ސްޓްރޯކާއި ކެންސަރާއި ހަކުރުބައްޔާއި ނަފުސާނީ ބަލިތައް ކަމަށެވެ. މި ހުރިހާ ބަލިތަކަށް އެންމެ އާއްމު އެއް ރިސްކަކީ ދުންފަތްކަން ފާހަގަކޮށް ރިޕޯޓުގައި ވަނީ އަހަރުން އަހަރަށް ބަލާއިރު އާސަންދައިން އެންމެ ބޮޑު ހޭދައެއް ކޮންމެ އަހަރަކުވެސް ކުރަނީ މިފަދަ ބަލިތައް ތަހައްމަލު ކުރާ މީހުންގެ ބޭސްފަރުވާއަށް ކަމަށެވެ.

ދުންފަތުގެ ސަބަބުން ދުނިޔޭގައި އަހަރަކު އަށް މިލިއަން މީހުން މަރުވާ ކަމަށް ވެސް އެޗްޕީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެއީ ކޮންމެ ސިކުންތަކުން މީހެކެވެ. މީގެ ތެރެއިން 1.2 މިލިއަން މީހުންނަކީ ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅިގެން މަރުވާ މީހުން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނާއި ދުންފަތުގެ ވިހަ މާއްދާތަކަށް ހުށަހެޅޭ ދުންފަތުގެ އިސްތިޢުމާލު ނުކުރާމީހުންގެ ނަފުސާނީ ދުޅަހެޔޮކަމަށްވެސް ހުރަސްއެޅޭ ކަމަށެވެ. މީގެ އިތުރުން ފުއްޕާމޭގެ ކެންސަރުގެ 90 އިންސައްތައަކީ ސީދާ ދުންފަތާ ގުޅިގެންޖެހޭ ކެންސަރެވެ. އަދި ކެންސަރުގެ އިތުރު 16 ވައްތަރުގެ ރިސްކް ފެކްޓާ އަކީ ދުންފަތް ކަމަށް އެ ރިޕޯޓުގައިވެއެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، ޓީބީ އަށާއި ދަރިން ނުލިބުމުގެ މައްސަލަތަކަށް ހޯދާ ފަރުވާގެ ފައިދާ އެންމެ ރަގަޅަށް ލިބުމަށް ހުރަސްއަޅާ ކަމެއް ކަމަށް ވެސް ރިޕޯޓުގައި ފާހަގަކުރެއެވެ. އަދި ދަރިމައިވުމުގެ ސިއްހަތަށް ބަލާއިރު ދަރިން ނުލިބުމާއި ބައިގެން ދިއުމާއި ވިހެއުމުގައި އައިބު ހުރުމާއި ވިހެއުމަށްފަހު ކުއްލިއަކަށް ދަރިފުޅު މަރުވުމާއި ތުއްތު ދަރިފުޅަށް ނޭވާހިއްލުން ފަދަ ބަލިތައްޖެހުމަކީ، މައިންބަފައިން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ނުވަތަ ދުންފަތުގެ ވިހަތަކަށް ހުށަހެޅުމުން ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ދެހާސް ސޯޅަ އަދި ދެހާސް ސަތާރަ ވަނަ އަހަރު ހެދިފައިވާ ޑިމޮގްރަފިކް ހެލްތު ސާވޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި 15 އަހަރާއި 49 އަހަރާ ދެމެދު އުމުރުފުރާގެ މީހުންގެ މެދުގައި ދުންފަތުގެ އިސްތިއުމާލު ކުރަނީ 22.6 އިންސައްތަ މީހުންނެވެ. އެޗްޕީއޭގެ ރިޕޯޓުގައިވާގޮތުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ޖުމްލަ އަދަދުގެ ފިރިހެނުންގެ ހިއްސާ އަކީ 97.2 އިންސައްތައެވެ. އަންހެނުންގެ ހިއްސާއަށް ބަލާއިރު 2.8 އިންސައްތަ އަކީ އަންހެނުން ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

އެޗްޕީއޭއިން ބުނީ 2019ގެ ސްޓެޕްސް ސާވޭގެ ވަގުތީ ނަތީޖާއަށް ބަލާއިރު 23.1 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ޖުމްލަ އަދަދުގެ ފިރިހެނުންގެ ހިއްސާ އަކީ 64.4 އިންސައްތައަށް ވާއިރު އަންހެނުންގެ ހިއްސާއަކީ 35.6 އިންސައްތައެވެ.

ގައުމުގައި ބަލި މީހުން ގިނަވެއްޖެ ނަމަ އެ ގައުމެއް ކުރިއަރައި ދިއުމަށް އެތައް ގޮންޖެހުމެއް ކުރިމަތިވާނެއެވެ. އަދި އެއީ ދައުލަތުގެ ސިއްހީ އިންޝުއަރެންސް ސްކީމަށް ވެސް ބާރުބޮޑުވާނެ ކަމެކެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ މުޖުތަމައުއެއް ބިނާ ކުރަން ޖެހެއެވެ. އެކަން ކުރުމަށް ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރުން ވަރަށް މުހިންމެވެ. ނަމަވެސް މިއަދު މިފެންނަނީ އެ ގަވާއިދު ތަންފީޒު ނުވާ ކަމެވެ. ފުލުހުން ފިހާރަތަކަށް ގޮސް ވަކި ސިނގިރޭޓް ގަންނަ ހިސާބަށް ކަންކަން ގޮސްފިއެވެ.

comment ކޮމެންޓް