ޑިބާލާ ޗެލްސީއާ ގުޅިއްޖެ ނަމަ، މުހިންމު ކުޅުންތެރިޔަކަށް ވާނެ: ސިލްވާ

ރޯމާގެ އާޖެންޓީނާ ފޯވަޑް ޕައުލޯ ޑިބާލާ -- ފޮޓޯ/ ގެޓީ

ރޯމާގެ އާޖެންޓީނާ ފޯވަޑް ޕައުލޯ ޑިބާލާ، ޗެލްސީއާ ގުޅިއްޖެ ނަމަ، މުހިންމު ކުޅުންތެރިޔަކަށް ވެގެންދާނެ ކަމަށް ޗެލްސީގެ ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާ ބުނެފިއެވެ.

އިޓަލީގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޗެލްސީން ޑިބާލާގެ ސޮއި ހޯދުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އިޓަލީން ބޭރުގެ ކްލަބަކުން ޑިބާލާ ހޯދާ ނަމަ، ރިލީސް ފީގެ ގޮތުގައި 10 މިލިއަން ޕައުންޑް (12.8 މިލިއަން ޑޮލަރު)ގެ އަގެއް ހުށަހަޅަން ޖެހޭ އިރު، މިހާރު ޗެލްސީގެ ކޯޗަކަށް ހުރި މައުރީސިއޯ ޕޮކެޓީނޯއަކީ ކުރިން ޓޮޓެންހަމް ހޮޓްސްޕާ އާއި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަށް ޑިބާލާ ގެންދިއުމަށް ވެސް މަސައްކަތްކުރި ކޯޗެކެވެ.

ޑިބާލާއާ ގުޅޭގޮތުން ޗެލްސީގެ ތަޖުރިބާކާރު ޑިފެންޑަރު ސިލްވާ ވެސް ވަނީ ވާހަކަދައްކައިފައެވެ. ސިލްވާ ދެކޭގޮތުގައި ޑިބާލާއަކީ ޗެލްސީން ލޯބިކުރާނެ ފަދަ ދުނިޔޭގެ މޮޅު ކުޅުންތެރިއެކެވެ.

"އަހަރެންނާ ޑިބާލާއާ ދިމާވި. މީޑިއާ އިން އޭނާ ޗެލްސީއާ ގުޅޭ ވާހަކައެއް އަޑު އިވުނު. އަހަރެން އޭނާ ކައިރީވެސް އެހިން ޗެލްސީއާ ގުޅެނީތޯ. ޑިބާލާއަކީ މޮޅު ކުޅުންތެރިއެއް. އޭނާ ޗެލްސީއާ ގުޅިއްޖެ ނަމަ، ޗެލްސީއަށް މުހިންމު ކުޅުންތެރިޔަކަށް ވާނެ،" 'ސްކައި ސްޕޯޓްސް'އަށް ދިން އިންޓަވިއުއެއްގައި ސިލްވާ ބުންޏެވެ.

ޗެލްސީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލައި، ސްކޮޑަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރަމުންދާ އިރު، ޑިބާލާއަކީ ޗެލްސީގެ އެޓޭކަށް މުހިންމު ކުޅުންތެރިޔަކަށް ވާނެއެވެ. މިދިޔަ ސީޒަނުގައި ރޯމާއަށް 18 ގޯލާއި 8 އެސިސްޓް ހަދައިދިން ޑިބާލާ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2025 ވަނަ އަހަރުއެވެ.

comment ކޮމެންޓް