ގޮންޖެހުންތަކާ އެކު ވެސް ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމްކުރެވިއްޖެ: ފައްޔާޒް

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ކެމްޕޭން ލޯންޗު ކުރުމަށް ށ. ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް -- ފޮޓޯ/ އެމްޑީޕީ

ގިނަގުނަ ގޮންޖެހުންތަކާ އެކު ވެސް ރާއްޖޭގެ ރައްޔިތުން އެދޭފަދަ ހެޔޮ ވެރިކަމުގެ ނިޒާމެއް މިއަދު ގާއިމްކުރެވިފައިވާ ކަމަަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ކެމްޕެއިން ފެއްޓެވުމަށް ށ. ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވަނީ ޑިމޮކްރަސީއަށް އެމްޑީޕީ ކުރި ދަތުރު ހިއްސާކުރައްވާފައެވެ.

"މީގެ އެތައް އަހަރެއް ކުރިން އަޅުގަނޑުމެން ދަތުރެއް ފެށީމު. އެ ދަތުރަކީ އިންސާނަކަށް ވީތީ ލިބެންޖެހޭ އެންމެ އަސާސީ ހައްގު ކަމަށްވާ ބަސްބުނުމުގެ މިނިވަންކަމާ އަނިޔާއިން މިންޖުވުމާ، ރައްޔިތުންގެ ބަސްވިކޭ ޑިމޮކްރެޓިކް ނިޒާމެއް މި ގައުމަށް ގެނައުމަށްޓަކާ ފެށި ދަތުރު،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެ ދަތުރު ވީ ލައްކަ ގިނަ ހުރަސްތަކާ ކުރިމަތިވި ދަތުރަކަށް ކަމަށެވެ. އަދި، އުންމީދު ކުރި ގޮތަށް ދަތުރުގެ މަންޒިލަށް ވާސިލް ވެވުނު ނަމަވެސް ދެން ކުރިމަތިވީ އެއަށްވުރެ ހިތާމަވެރި ދުވަސްތަކެއް ކަމަށެވެ.

"ހަމަޖެހިލާނެ ފުރުސަތެއް ނުލިބުނު. އަނެއްކާ ވެސް އަޅުގަނޑުމެން ވީ ކަނޑުމަތި. އަލުން ބަލުން ޖެހުނީ ދަތުރު ފަށަން. ކުރީގެ ހާލަތަށް ވުރެ ނިކަމެތިކޮށް އެ ދަތުރު ކުރަން ޖެހުނީ،" އޭނާ ވިދާޅުވީ އެއީ ދިވެހި ރައްޔިތުންގެ ހަނދާނުން ފޮހެވިގެން ވާނެ ދަތުރެއް ނޫން ކަމަށެވެ.

ށ. ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ފައްޔާޒް ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އެ ދަތުރު އަމާން ބަނދަރަކަށް ގެނެސްދެއްވީ ރައީސް ޞާލިހްކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މިތިބީ އެ އަމާން ބަނދަރު ހާސިލްކޮށްގެން. އެތައް ހުރަސްތަކަކާ ގޮންޖެހުންތަކަކާ އެކު ވެސް ދިވެހިން ބޭނުންވާ ހެޔޮ ވެރިކަމުގެ ނިޒާމެއް ފައްކާކޮށްދެވިއްޖެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ވެރިކަމުގައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރެވިފައި ވާކަމަށެވެ. އަދި، ރައްޔިތުން އެދިއެދި ތިބި އަސާސީ ޚިދުމަތްތައް ލިބި، ގައުމުގައި ތަރައްގީގެ ބިންގާ އަޅުއްވާފައި ވާކަމަށެވެ.

"ދުވަހަކު ވެސް ދިވެހިރާއްޖޭގެ ތާރީޚުގައި ނުދެކޭފަދަ ތަރައްގީއާ ކުރިއެރުން މިއަދު މި ރައްޖެއަށް މި ވަނީ ލިބިފައި. ހުރިހާ ރޮނގަކުން ބަލާލި ކަމުގައި ވިއަސް. އެއީ އިގްތިޞާދީ ގޮތުން ކަމަށް ވިޔަސް، އިޖްތިމާއީ ގޮތުން ކަމަށް ވިއަސް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ރައީސް ޞާލިހް ދެވަނަ ދައުރަކަށް ކުރައްވާ ދަތުރުފުޅާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.

"މި ދަތުރުގެ ތަފާތަކީ ކުރިއާ ޚިލާފަށް އަޅުގަނޑުމެން މި ތިބީ ވަރަށް ވަރަށް ވަރަށް ގަދަކޮށް. އަޅުގަނޑުމެންގެ އޮޑިއަށް ވަނީ ކޮއްތަ ތެލާ ފެނާ އަރުވާ ބަރުކޮށްލާފައި. ވާދަވެރިންނަށް އަރާ ހަމަނުކުރެވޭ ވަރުގެ އިންޖީނު އަޅާލާފަ އަޅުގަނޑުމެންގެ އޮޑީގައި މި ފުރަނީ،" ފައްޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް