އިންޑިއާ ކަނޑުގެ ސަރަހައްދަކަށް 5.4 މެގްނިޓިއުޓްގެ ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ރައްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ އެއީ މިރޭ ރާއްޖެ ގަޑިން 7:30 ހާއިރު އައި ބިންހެލުމެއް ކަމަށެވެ. އަދި، މި ބިންހެލުމުގެ ނުރައްކަލެއް ރާއްޖެއަށް ނެތް ކަމަށް އެ އިދާރާއިން ބުންޏެވެ.
ބިންހެލުން އައިސްފައިވަނީ އިންޑިއާ ކަނޑުގެ ކޮން ސަރަހައްދަކަށް ކަން މެޓް އޮފީހުން ހާމަ ކޮށްފައެއް ނުވެއެވެ.
މި މަހުގެ އެއްވަނަ ދުވަހު ވެސް އިންޑިއާ ކަނޑަށް ވަނީ ބިންހެލުމެއް އައިސްފައެވެ. އެ ބިންހެލުން އައިސްފައި ވަނީ، ދެކުނު އިންޑިއާކަނޑަށް 6.0 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.
މި ފަހަކުން މެއިމަހު ދެކުނު ޕެސިފިކް ކަނޑުގެ ސަރަހައްދަށް ވަނީ 7.7 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އައިސްފައެވެ. ދޭތެރެއަކުން ރާއްޖެއާ މާ ދުރުނޫން ކަނޑުގެ ހިސާބުތަކަށް ބިންހެލުން އަންނައިރު، އާންމުކޮށް ބިންހެލުން އަންނަނީ ސްމަޓްރާ ހިސާބަށެވެ.
މިގޮތަށް އައި ބިން ހެލުމެއްގެ އަސަރު ރާއްޖެއަށް މިހާތަނަށް ކޮށްފައިވަނީ، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް އެރި ބާރުގަދަ ބިންހެލުމާ ގުޅިގެންނެވެ. އެ ފަހަރު 9.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިން ހެލުމާ ގުޅިގެން އިންޑިއާ ކަނޑުގައި އުފެދުނު ސުނާމީގެ ސަބަބުން ރާއްޖޭގެ ބައެއް ރަށްތަކަށް ރާޅުއަރައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ސުނާމީގެ ސަބަބުން އެ ވަގުތު ރާއްޖޭގެ 14 ރަށަކުން މީހުން ހުސްކުރަން ޖެހުނެވެ.