އިންތިޚާބާ ގުޅޭ ޚަރަދުތަކަށް ރިޔާސީ ކެންޑިޑޭޓުން ވަކި ބޭންކް އެކައުންޓެއް ހުޅުވަން އެދިއްޖެ

އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންތިޚާބާ ގުޅޭ ޚަރަދުތައް ކުރުމަށް ކޮންމެ ރިޔާސީ ކެންޑިޑޭޓަކު ވަކިން އެކައުންޓެއް ހުޅުވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ.

އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭ ހުރިހާ ޚަރަދެއް ކުރުމަށް އެކަމަށް ވަކި ޚާއްސަ ބޭންކް އެކައުންޓެއް ހުޅުވަން ވާނެ ކަމަށެވެ.

އެ އެކައުންޓް ވާން ވާނީ ރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވޭ އެކައުންޓަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ކެންޑިޑޭޓުގެ ނަންމަތީ އަލަށް ހުޅުވާ އެކައުންޓަކަށް ވެސް ވާން ޖެހޭނެ ކަމަށް ހަބީބު ވަނީ ފަހާގަކުރައްވާފައެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން ކުރާ ހުރިހާ ޚަރަދުތަކަކާ އެކު ލިބޭ ފައިސާގެ އެހީވެސް ޖަމާކުރަން ޖެހޭނީ އެ އެކައުންޓަށްކަމަށް ހަބީބު ވިދާޅުވިއެވެ. އަދި މިފަދަ އެކައުންޓުތައް ފަސޭހައިން ވަކި ވަކި ކެންޑިޑޭޓުންނަށް ހުޅުވޭނެ އިންތިޒާމް ހަމަޖެއްސުމަށް އިލެކްޝަން ކޮމިޝަނުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އާ މަޝަވާރަކޮށްފައެވެ. އެމްއެމްއޭ އިން ބުނެފައިވަނީ ބޭންކުތަކާއެކު ކުރަން ޖެހޭ މަޝަވަރާތައް ނިންމުމަށްފަހު އެ އިންތިޒާމް ވީ އެންމެ އަވަހަކަށް ހަމަޖައްސައިދޭނެ ކަމަށެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބަކީ ދުނިޔޭގެ ފެންވަރުގައި ވެސް ބޭއްވޭ އެންމެ އިންސާފުވެރި އިންތިޚާބަށް ވާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ.

"ސަން"އާ ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ މިފަހަރުގެ އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ކުރިއަށްދާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ހިމެނިވަޑައިގަންނަވައެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވަން ނިންމަވާފައެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމުގައި ކަނޑައެޅިޔަސް ޝަރީއަތުން މައްސަލަ ނުނިމޭތީ އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށެވެ. އަދި އޭގެބަދަލުގައި ދަ ޑިމޮކްރެޓްސް އިން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް