ވޭލި ފުޓްސަލް ޗެލެންޖް: ހާއްޕެއާއެކު ޗެމްޕިއަންކަން ހެންޑްސަމް ޔުނައިޓެޑަށް

އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023ގެ ޗެމްޕިއަން ހެންޑްސަމް ޔުނައިޓެޑް -- ފޮޓޯ/ އަޔެގް

ގއ. އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023"ގެ ޗެމްޕިއަންކަން ހެންޑްސަމް ޔުނައިޓެޑުން ހޯދައިފިއެވެ.

އެސޯސިއޭޝަން ފޯ ޔޫތު އެމްޕަވަމަންޓް އޮފް ގެމަނަފުށި (އަޔެގް) ޖަމިއްޔާގެ ފަރާތުން ގއ. ގެމަނަފުށީގައި ބާއްވާ އެ މުބާރާތް މި ފަހަރުު ޚާއްސަކޮށްފައިވަނީ ހަމައެކަނި ގެމަނަފުއްޓަށެވެ. އެ މުބާރާތުގައި އެ ރަށުން ނުވަ ޓީމަކުން ބައިވެރިވެފައިވެއެވެ. ނުވަ ޓީމުގެ ދެ ގްރޫޕަކަށް ބަހާލައިގެން ފުރަތަމަ ކުރިއަށްދިޔައީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.

ހެންޑްސަމް ޔުނައިޓެޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލުގައި އެފްސީ ބައްތިރީސް ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުން ހެންޑްސަމް ޔުނައިޓެޑް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އަހުމަދު ވިޖުދާނާއި އަލީ ހާފިޒް (ހާއްޕެ) އެވެ. އަދި ބައްތިރީސްގެ ގޯލު ކާމިޔާބުކޮށްދިނީ އަލީ ޝާޒް ހަބީބެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ ހާއްޕެއެވެ.

ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހެންޑްސަމް ޔުނައިޓެޑަށް 50،000 ރުފިޔާގެ ރަމްޒީ ޗެކު ހަވާލުކޮށްދެއްވީ މުބާރާތުގެ އެއް ބާނީ ކަމަށްވާ އަހުމަދު އަސްމީނާއި ގެމަނަފުށި ކައުންސިލުގެ ރައީސް އިބްރާހިމް ނާޝިދެވެ. އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ރަމްޒީ ޗެކު ހަވާލުކޮށްދެއްވީ ގެމަނަފުށި ކައުންސިލުގެ ނައިބު ރައީސް ފާތިމަތު ސަމިއްޔަތާއި ކައުންސިލް މެންބަރު ފާތިމަތު މަދީހާއެވެ.

އެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ހޮވުނީ އެފްސީ ޗިކޯސްގެ ތަރި ހުސައިން ޝަރީފް (އޮންލީ) އެވެ. އޭނާ ވަނީ މުބާރާތުގައި 11 ގޯލު ޖަހައިފައެވެ. އެ މުބާރާތުގެ 18 އަހަރުން ދަށުގެ ކުޅުންތެރިޔަކަށް ގެމާ ސިޓީގެ ގޯލްކީޕަރު މުހައްމަދު މިޝްއާލް އަލީ ރަޝީދު ހޮވުނު އިރު، މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ އެފްސީ ޗިކޯސްއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެފްސީ ބައްތިރީސްގެ ގޯލްކީޕަރު މުހައްމަދު ސަމޫހު ރާމިޒާއި ޗިކޯސްގެ އޮންލީ އާއި ބައްތިރީސްގެ ޖުމައިލް ޖަމީލް (ޖުމްބެ) އާއި ހެންޑްސަމްގެ ހާއްޕެގެ އިތުރުން އެ ޓީމުގެ ވިޖުދާނެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖުމްބެއެވެ.

ފުޓްސަލްގެ ގިނަ ތަރިންތަކަކާއެކު ނިމުނު އަޔެގް ވޭލި ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކީ އެސްއެސްނެޓެވެ.

comment ކޮމެންޓް