ކްރިތީ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު ކާޖޮލްއާއެކު

ބަތަލާ ކްރިތީ އަލަށް ޕްރޮޑިއުސްކުރާ ތްރިލާ ފިލްމު "ދޯ ޕައްތީ" އިޢުލާނުކޮށްފިއެވެ. ކްރިތީއާއެކު މިފިލްމުގައި ލީޑް ރޯލްއިން ފެންނާނީ ކާމިޔާބު ބަތަލާ ކާޖޮލް ދޭވްގަންއެވެ. ކްރިތީގެ އިތުރުން މިފިލްމަކީ، ސެލެބްރިޓީ ލިޔުންތެރިޔާ ކަނިކާ ދިއްލޮންވެސް ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތަށް ތަޢާރަފްވާ ފިލްމެވެ.

އިންޑިއާގެ އުތުރުގެ ފަރުބަދަ މަތީ ސަރަޙައްދުގައި މިފިލްމުގެ ބޮޑު ބައެއް ޝޫޓްކުރުމަށް ނިންމާފައިވާއިރު ފިލްމުގައި ގޮތް ނޭނގޭ ވަރަށް ގިނަ ކަންތައްތަކެއް އެކުލެވޭނެކަމަށް ފިލްމު ގެނެސްދޭ ކުންފުނި ބްލޫ ބަޓަފްލައިސްއިންވަނީ ބުނެފައެވެ. ބްލޫ ބަޓަފްލައިސްއަކީ ކްރިތީ ސެނޮންއާއި ކޮއްކޮ ނުޕޫރު ގުޅިގެން ދާދިފަހުން އުފެއްދި އަމިއްލަ ފިލްމު ކުންފުންޏެކެވެ.

ކްރިތީއާއި ބަތަލާ ކާޖޮލްވަނީ މީގެކުރިން ފިލްމު "ދިލްވާލޭ"ގައިވެސް އެކީގައި މަސައްކަތްކޮށްފައެވެ. ނެޓްފްލިކްސްއާއި ގުޅިގެން ގެނެސްދޭ މިފިލްމާބެހޭގޮތުން ކާޖޮލް ބުނެފައިވަނީ، "ތްރިބާންގާ" އަދި "ލަސްޓް ސްޓޯރީ2"ފަދަ ފިލްމުތަކުގައި މަސައްކަތްކުރިއިރު ނެޓްފްލިކްސްއާއެކު ކުރެވުނު ތަޖުރިބާތަކާމެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ. މިފިލްމުގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ ކްރިތީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ދަ ކްރޫ"ގެ މަސައްކަތް ނިންމާލެވުމުންނެވެ.

ކާޖޮލްއާއި ކްރިތީއަށް މިއަހަރަކީ ވަރަށްގިނަ ފިލްމުތަކެއްގައި މަސައްކަތްކުރަންޖެހޭ އަހަރެއްކަމުން ފިލްމު "ދޯ ޕައްތީ" ރިލީޒްކުރާނެ ތާރީޚަކާމެދު އަދި ގޮތެއް ނުނިންމައެވެ. ކާޖޮލްގެ ފުރަތަމަ ވެބް ސީރީސް "ދަ ޓްރައަލް" މިމަހުގެ 14ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓް ސްޓާއިން ރިލީޒްކުރުމަށްވަނީ ނިންމާފައެވެ.

މިދުވަސްކޮޅު ކާޖޮލްގެ ގިނަ ވަގުތު ހުސްކޮށްފައިވަނީ މި ވެބް ސީރީސްގެ ޕްރޮމޯޝަން އިވެންޓުތަކަށެވެ. މީގެއިތުރުން ކާޖޮލްވަނީ "ސަރްޒަމީން"ގެ ނަމުގައި އަންނަ އަހަރު މަސައްކަތް ފަށަން ނިންމާފައިވާ ފިލްމަކަށްވެސް ސޮއިކޮށްފައެވެ. ބަތަލާ ކްރިތީގެ ކުރިޔަށްހުރި މަސައްކަތްތަކަށް ބަލާއިރު ޓައިގާ ޝްރޮފްއާއެކު ކުޅޭ ފިލްމު "ގަންޕަތު-ޕާޓް 1" އަދި ޝާހިދު ކަޕޫރާއެކު ލީޑް ރޯލްއިން ފެންނަ ލޯބީގެ ކޮމެޑީ ޑްރާމް ފިލްމު ހިމެނެއެވެ. މި ދެ ފިލްމުގެ މަސައްކަތްވެސްވަނީ ޕޯސްޓް ޕްރޮޑަކްޝަން މަރުޙަލާގައެވެ.

comment ކޮމެންޓް