އެސްޓީއޯއިން ޖޫން މަހު އެކި ސަރަހައްދުތަކަށް 78،000އަށް ވުރެ ގިނަ ބަސްތާ ކާޑު ފޮނުވި

އެސްޓިއޯ ކާޑު ކުދަނުން، ކާޑުގެ ބާވަތްތައް ލޮރީއަށް އެރުވުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯއިން މިދިޔަ މަހު މާލެ ހިމެނޭހެން އެކި ސަރަހައްދުތަކަށް 78،000އަށް ވުރެ ގިނަ ބަސްތާ ކާޑު ފޮނުވައިފިއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން 78،149 ބަސްތާ ކާޑު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޮނުވާފައެވެ.

މީގެ ތެރޭގައި ހިމެނެނީ:

ހަނޑޫ: 37،646 ބަސްތާ

ހަކުރު: 12،230 ބަސްތާ

ފުށް: 28،273 ބަސްތާ

މި ތަފާސްހިސާބަށް ބަލާއިރު އެސްޓީއޯއިން ޖޫންމަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކާޑުގެ ބާވަތްތައް ފޮނުވުމަށް 1،822 ޑެލިވަރީ ވަނީ ކޮށްފައެވެ. މިގޮތުން އެންމެ ގިނަ އަދަދަކަށް ކާޑު ފޮނުވާފައިވަނީ މާލެ ސަރަހައްދަށެވެ.

މާލެ ސަރަހައްދަށް 1،270 ޑެލިވަރީ ކޮށްފައިވާއިރު، މި ސަރަހައްދަށް 18.798 ބަސްތާ ހަނޑުލާއި 13،5369 ބަސްތާ ފުށާއި، 6،173 ބަސްތާ ހަކުރު ވަނީ ޑެލިވަރީކޮށްފައެވެ.

ރަށަކަށް ގެންދިއުމަށް ހަކުރު ބަސްތާއެއް ދޯންޏަކަށް އަރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯގެ ކާޑު އޭޖެންޓުންނަށް ކުރި ޑެލިވަރީގެ އަދަދު އުޅެނީ 547 ގައެވެ. މި އޭޖެންޓުންނަށް ހުސްވިމަހުގެ ތެރޭގައި 16،118 ބަސްތާ ހަނޑޫ ފޮނުވިއިރު، 5317 ބަސްތާ ހަކުރާއި، 12،355 ބަސްތާ ފުށް ވަނީ ފޮނުވާފައެވެ.

އަތޮޅުތެރޭގައިވާ އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް މިދިޔަ މަހު ފަސް ޑެލިވަރީކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 2،730 ބަސްތާ ހަނޑުލާއި، 740 ބަސްތާ ހަކުރުގެ އިތުރުން 2،379 ބަސްތާ ފުށެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަސް ފާއިތުވެގެން ދިޔައިރު، އެންމެ ގިނައިން ކާޑުގެ ބާވަތްތައް ފޮނުވާފައިވަނީ މާޗު މަހުގެ ތެރޭގައެވެ. އެމަހުގެ ތެރޭގައި ކާޑުގެ ބާވަތްތައް ފޮނުވިވަރު އިތުރުވިކަމަށް ބެލެވެނީ ރަމަޟާންމަހުގެ ތެރޭގައި ކާޑުގެ ބާވަތްތަކަށް އޮތް ޑިމާންޑުގެ ސަބަބުންނެވެ. ޚާއްޞަގޮތެއްގައި ރަމަޟާން މަހަކީ ކާޑުގެ ބާވަތްތަކުގެ ތެރެއިން ހަކުރަށް އޮންނަ ޑިމާންޑު އެންމެ އިތުރުވާ މަހެވެ.

comment ކޮމެންޓް