ނޫސްވެރިންގެ ގަލަންތައް ވާންވާނީ އިލްމު ފޯރުކޮށްދޭ ގަލަންތަކަކަށް: މުސްތަފާ

މީޑިއާ ކައުންސިލްގެ ރައީސް އަހްމަދު މުސްތަފާ

ނޫސްވެރިންގެ ގަލަންތައް ވާންވާނީ މުޖުތަމައަށް އިލްމު ފޯރުކޮށްދޭ އަދި މުޖުތަމައު ހޭލުންތެރިކޮށްދޭ ގަލަންތަކަކަށް ކަމަށް މީޑިއާ ކައުންސިލްގެ ރައީސް އަޙުމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި މުސްތަފާ ދެއްވި ޚިތާބުގައި އޭނާ ވިދާޅުވީ ލިޔުންތެރިކަމަކީ ގައުމީ މަސައްކަތެއް ކަމަށާއި، ގައުމެއްގެ ތާރީޚު ދެމެހެއްޓޭނީ އެ ގައުމެއްގައި ހިނގަމުންދާ ކަންކަން ލިޔެ، ރައްކާކޮށް އަންނަން އޮތް ޖީލަށް އެ ލިޔުންތައް ވާރުތަކޮށްދީގެން ކަމަށެވެ.

އަދި ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތް ކުރާ ހީވާގި ނޫސްވެރިންނަކީ ލިޔުންތެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ފަރާތްތައް ކަމަށް މުސްތަފާ ވިދާޅުވިއެވެ. މީގެއިތުރުން، ޑިމޮކްރަސީގެ ހަތަރުވަނަ ބާރަކީ މީޑިއާ އޭ ބުނެވެނީވެސް ނޫސްވެރިން ލިޔާ ލިޔުންތަކުން ވެރިކަން ހިންގާ ފަރާތާއި، ގާނޫނު ހަދާ ފަރާތާއި އަދުލުއިންސާފު ގާއިމް ކުރާ ފަރާތުގެ ވާހަކަތަކާއި މައުލޫމާތު އާންމުންނަށް ގެންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހިކުމަތްތެރިއަކު ބުނެފައިވެއެވެ. "ތަނެއް ހަލާކު ކުރުމަށް ހަތިޔާރެއް ބޭނުމެއް ނުވެއެވެ. ބޭނުމީ ލިޔުންތެރިންގެ ގަލަންތައް ހުއްޓުވާލުމާއި އިލްމުވެރިންގެ އަޑު ކަނޑުވާލުމެވެ. އޭރުން ދާދި އަވަހަށް އެތަނެއްގެ މަސްލަހަތު ގެއްލި ފަސާދަ ވެދާ ހުއްޓެވެ." މިއީ ކިހާ ބޮޑު ތެދެއްތޯއެވެ؟" އެ ޚިތާބުގައިވެއެވެ.

ދިވެހި މުޖުތަމައުގެ ކުރިމަގު ބިނާ ކުރުމުގައި ނޫސްވެރިންގެ ޒިންމާ ވަރަށް ވެސް ބޮޑު ކަމަށް ވިދާޅުވެ، މުޖުތަމައުގައި ހިނގާ ކަންކަން އެކަމެއްގެ ހަގީގަތާ އެއްގޮތަށް މީޑިއާތަކުގައި ރިޕޯޓު ކުރުމަށްވެސް މުސްތަފާ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އަދި ޑިމޮކްރަސީ ވަރުގަދަކޮށް ތަހުޒީބު މުޖުތަމައެއް ބިނާ ކުރުމުގައި ދިވެހި ނޫސްވެރިންގެ ދައުރު ވަރަށް ބޮޑު ކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މުސްތަފާގެ ޚިތާބުގައި އޭނާ ވަނީ ދޮގު ޚަބަރާއި މައުލޫމާތުގެ ލިޔުންތައް ލިޔާ ބަޔަކަށް ނުވުމަށާއި، ހަގީގަތް ހާމަކުރާ އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ނުތަނަވަސްކަމަށް ތަސައްލީ ގެނެސްދޭ ފަދަ އޮއްޓަރު ހުރި ލިޔުންތަކެއް ޝާއިރު ކުރަން އިސްކަންދޭ ބަޔަކަށް ވުމަށް ނޫސްވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.

comment ކޮމެންޓް