ސްޓެފަން ބުނަނީ ''ވެމްޕަޔާ ޑައިރީސް'' މަތިން ފޫހިވެއްޖެ ކަމަށް!

ސްޓެފަން ސެލްވެޓޯގެ ރޯލުން ފެނުނު ޕޯލް ވީޒްލީ ---

ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ފެންޓެސީ ޑްރާމާ "ވެމްޕަޔާ ޑައިރީސް" މަތިން ފޫހިވާ ކަމަށް ޝޯގެ ލީޑް ކެރެކްޓަރު ސްޓެފަން ސެލްވެޓޯގެ ރޯލުން ފެނުނު ޕޯލް ވީޒްލީ ހާމަކޮށްފިއެވެ.

ސީޑަބްލިއުއިން ދެއްކި ވެމްޕަޔާ ޑައިރީސް އަކީ އެ ނެޓްވޯކްގެ އެންމެ މަގުބޫލު ޝޯތަކުގެ ލިސްޓުގައި ހިމެނޭނެ ޝޯއެކެވެ. އެ ނެޓްވޯކުން 2009 ވަނަ އަހަރު ދައްކަން ފެށި އެ ޝޯގެ އަށް ސީޒަން ރިލީޒް ކުރިއެވެ.

"އިން ސްޓައިލް"އަށް ދިން އިންޓަވިއުއެއްގައި ޕޯލް ދާދި ފަހުން ބުނެފައިވަނީ ވެމްޕަޔާ ޑައިރީސް މަތިން މިހާރު ފޫހިވެއްޖެ ކަމަށެވެ. އަށް އަހަރަށް ވުރެ ގިނަ ދުވަހު އެއް ރޯލެއްގައި އަދި އެއް ކެރެކްޓަރެއް ކުޅެން ޖެހުމުން އެކަމަށް ޝައުގުވެރިކަން ގެއްލިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ވެމްޕަޔާ ޑައިރީސްއަށް ފަހު ދެން "ވެމްޕަޔާ" އެއްގެ ރޯލު ވެސް ކުޅެން ބޭނުން ނުވާ ކަމަށް އޭނާ އިންޓަވިއުގައި ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ޝޯގެ އެއްވެސް ކަމެއްގެ މަތީން މިހާރު ހަނދާން ކުރަން ބޭނުން ނުވާ ކަމަށެވެ.

"އަހަރެން މިހެން މިބުނަނީ ނެގެޓިވް ކޮށެއް ނޫން. އެއީ އަށް އަހަރު ވަންދެއް ބޮޑު ރޯލެއް ކުޅެފައިވާތީ. އަށް އަހަރަކީ ވަރަށް ދިގު މުއްދަތެއް އެއް ރޯލެއް ކުޅެން،" ޕޯލް ބުންޏެވެ.

ގިނަ ބަޔަކަށް އަދިވެސް ޕޯލް އެނގެނީ ވެމްޕަޔާ ޑައިރީސްގެ ސްޓެފަންގެ ގޮތުގައެވެ. ވެމްޕަޔާ ޑައިރީސްއަށް ފަހު ވެސް އޭނާ އެކި ކަހަލަ ޕްރޮޖެކްޓްތަކުން ފެނިފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ޕްރޮޖެކްޓަކީ ވެމްޕަޔާ ޑައިރީސް ފަދަ ބޮޑު ޕްރޮޖެކްޓެއް ނޫން ކަމުގައި އޭނާ ވެސް ގަބޫލު ކުރެއެވެ.

comment ކޮމެންޓް