ފިލްމު 'ޕްރޮޖެކްޓް ކޭ'ގެ ޓީމް އެމެރިކާގެ ކެލިފޯނިއާއަށް

ބޮޑު ކާސްޓެއް ހިމެނޭގޮތަށް ތެލުގޫ ޑައިރެކްޓަރު ނާގް އަޝްވިން އުފައްދާ ފިލްމު "ޕްރޮޖެކްޓް ކޭ"ގެ ޓްރެއިލާ އިންޓަނޭޝަނަލް ޕްލެޓްފޯމްއެއްގައި ރިލީޒްކުރާގޮތަށް ނިންމައިފިއެވެ.

ފިލްމު "ޕްރޮޖެކްޓް ކޭ"ގެ ޓްރެއިލާ އަދި އާއްމުންނަށް ދައްކާލާ ފިލްމުގެ ފުރަތަމަ ފުޓޭޖް ރިލީޒްކުރާގޮތަށް ހަމަޖެހިފައިވަނީ ސެން ޑިއެގޯ ކޮމިކް-ކޮން އިންޓަނޭޝަނަލްގައެވެ. މިއީ އެމެރިކާގެ ކެލިފޯނިއާގައި ދޭތެރެ ދޭތެރެއިން ބާއްވަމުންދާ ކޮމިކް-ކޮން ނުވަތަ އެސްޑީސީސީގެ ނަމުން ގިނަބަޔަކު ދަންނަ އިވެންޓެކެވެ.

މިފިލްމު ގެނެސްދޭ ވިޖަޔަންތީ މޫވީސްއިން ޓްވިޓާގައި ޢާއްމުކުރި ޕޯސްޓާއެކު ބުނެފައިވަނީ މިއީ އިންޑިއާގެ ތާރީޚުގައިވެސް މިފަދަ އިވެންޓެއްގައި އިންޑިއާގެ ފިލްމެއްގެ ޓްރެއިލާ ޢާއްމުންނަށް ދައްކާލާ ފުރަތަމަ ފަހަރުކަމަށެވެ.

ފިލްމުގެ ކާސްޓުންގެތެރޭގައި ހިމެނޭ އަމީތާބް ބައްޗަން، ކަމަލް ހަސަން، ޕްރަބާސް، ދިޕިކާ ޕަދުކޯން އަދި ދިޝާ ޕަތާނީ ވަރަށް އަވަހަށް މި އިވެންޓުގައި ބައިވެރިވުމަށް ކެލިފޯނިއާއަށް ދަތުރުކުރާނެކަމަށް ފިލްމު ގެނެސްދޭ ކުންފުނިންވަނީ ބުނެފައެވެ.

މި ޕޯސްޓާއެކު އެކްޓަރު އަމީތާބް ބައްޗަން އަދި ދިޕިކާ ޕަދުކޯން ބުނެފައިވަނީ ކޮމިކް-ކޮންއިން ފިލްމަށް ފުރުސަތު ލިބުމަކީ މުޅި އިންޑިއާވެސް އެކަމަށް ފަޚުރުވެރިވާނެކަމެއްކަމަށެވެ. އަދި މިފަދަ ހައިބަތު ހުރި ފިލްމަކުން ފުރުސަތު ލިބުނީތީ އެކަމާ ފަޚުރުވެރިވާކަމަށް ބުނެ ދެ ތަރިންވެސްވަނީ އުފާފާޅުކޮށްފައެވެ.

ވަގުތީގޮތުން "ޕްރޮޖެކްޓް ކޭ"ގެ ނަމުން ނަންދެވިފައިވާ މިފިލްމަކީ، ވަރަށް ވަރުގަދަ ސައިންސް ފިކްޝަން ފިލްމެކެވެ. ކުރިޔަށްއޮތް އަހަރުގެ ޖަނަވަރީ 12ވަނަ ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމަކީ، 75 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ.

މިފިލްމުގެ ކާސްޓުންގެތެރޭ ހިމެނޭ އެކްޓަރު އަމީތާބް ބައްޗަންއަށް ފިލްމުގެ ޝޫޓިންގްތެރޭގައި ލިބުނު އަނިޔާއާއެކު ފިލްމުގެ މަސައްކަތާ ގުޅުނީވެސް ދާދިފަހުންނެވެ.

comment ކޮމެންޓް