ބަތަލާ ޖާންވީ ކަޕޫރަށް ތަމަޅަ ފިލްމެއް

ބަތަލާ ޖާންވީ ކަޕޫރު ކެރިއަރުގެ ފުރަތަމަ ތަމަޅަ ފިލްމަށް ތައްޔާރުވެފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ބޮލީވުޑުގައި ކާމިޔާބުކަމާއެކު ފައިތިލަ ސާބިތުކޮށްފައިވާ ބަތަލާގެ ފުރަތަމަ ތަމަޅަ ފިލްމަކީ އެކްޓަރު އަދި ފިލްމު ޕްރޮޑިއުސަރު ކަމަލް ހާސަންގެ ފިލްމެކެވެ. ޖާންވީއަށް މިފިލްމުގެ ލީޑް ރޯލް ހުށަހަޅަން ނިންމާފައިވާއިރު، ޖާންވީއާއެކު ދެން ފިލްމުން ފެންނާނީ މިދިޔަ އަހަރު ރިލީޒްވި ފިލްމު "ލަވް ޓުޑޭ"ގެ އެކްޓަރު ޕްރަދީޕްއެވެ.

ކަމަލް ހާސަންގެ ފިލްމަކުން ޖާންވީއަށް ފުރުސަތު ލިބިފައިވާކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު، ބަތަލާ އަންނަނީ ސައުތު ފިލްމެއްކަމަށްވާ "ދެވަރާ"ގައިވެސް މަސައްކަތްކުރަމުންނެވެ. މިފިލްމުގައި ޖާންވީއާއެކު ފެންނާނީ ތެލުގޫ އެކްޓަރު ޖޫނިއަރ އެންޓީއާރްއެވެ.

މީގެއިތުރުން މިފިލްމުގެ ވަރަށް ޚާއްސަ ރޯލަކުން އެކްޓަރު ސައިފް ޢަލީ ޚާންވެސް ފެންނާނެއެވެ. ކަމަލް ހަސަން ޕްރޮޑިއުސްކޮށް ވިގްނޭޝް ޝިވަން ޑައިރެކްޓްކުރާ ތަމަޅަ ފިލްމާބެހޭ މަޢުލޫމާތު މީޑިއާތަކާ އަދި ހިއްސާކޮށްފައެއް ނުވެއެވެ. އެހެންވެ ފިލްމުގައި ޖާންވީ ކުޅޭ ރޯލާބެހޭގޮތުން މަޝްވަރާތައް އަދި ދަނީ ކުރިޔަށެވެ.

ހިންދީ ސިނަމާގެ ފަހުގެ ޖީލުން ފާހަގަކޮށްލެވޭ ޒުވާން ބަތަލާއަކީ، ފިލްމީ ދާއިރާއަށް ތަޢާރަފްވުމަށްފަހު ވަރަށް ކުޑަ ދުވަސްކޮޅެއްގެތެރޭ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ބަތަލާއެކެވެ. ކުރީގެ ބަތަލާ ސްރީދޭވީ އަދި ބޮނީ ކަޕޫރުގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު ޖާންވީއަކީ ކުޑަ އިރުސުރެވެސް ފިލްމީ ދާއިރާއިން ކުރިޔަށްދާން ބޭނުންވި ބަތަލާއެކެވެ.

ޖާންވީއެކޭ އެއްގޮތަށް ކޮއްކޮ ޚުޝީ ކަޕޫރުވެސްވަނީ ފިލްމީ ދާއިރާއަށް ނުކުންނަށް ތައްޔާރުވެފައެވެ. ޚުޝީ ފިލްމީ ދާއިރާއަށް ތަޢާރަފްވާނީ ނެޓްފްލިކްސްއިން ޕްރިމިއަކުރާ ފިލްމު "ދަ އާޗީސް"އިންނެވެ.

ބަތަލާ ޖާންވީ ކަޕޫރު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިމަހުގެ 21ގައި އެމޭޒަން ޕްރައިމްގައި ޕްރިމީއަކުރާ ފިލްމު "ބަވާލް"އިންނެވެ. ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މިފިލްމުގައި ޖާންވީއާއެކު ފެންނާނީ އެކްޓަރު ވަރުން ދަވަންއެވެ.

comment ކޮމެންޓް