ވޭލި ފުޓްސަލް ޗެލެންޖުގެ ސެމީގެ ޖާގަތައް ކަށަވަރުވެއްޖެ

"އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023" ގައި އެފްސީ ޗިކޯސް އާއި ހުޓިކޮޑާ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އަޔެގް

ގއ. އަތޮޅުގައި ބާއްވާ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް، "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023"ގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެއެވެ.

އެސޯސިއޭޝަން ފޯ ޔޫތު އެމްޕަވަމަންޓް އޮފް ގެމަނަފުށި (އަޔެގް) ޖަމިއްޔާގެ ފަރާތުން ގއ. ގެމަނަފުށީގައި ބާއްވާ އެ މުބާރާތް މި ފަހަރުު ޚާއްސަކޮށްފައިވަނީ ހަމައެކަނި ގެމަނަފުއްޓަށެވެ. އެ މުބާރާތުގައި އެ ރަށުން ނުވަ ޓީމަކުން ބައިވެރިވެފައިވެއެވެ. ނުވަ ޓީމުގެ މެދުގައި މެޗުތައް ކުޅެނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ.

އެ ގްރޫޕުގައި ރޭ ކުރިއަށް ގޮސްފައިވަނީ ގްރޫޕު ސްޓޭޖުގެ އެންމެ ފަހު މެޗުތަކެވެ. އެގޮތުން "ގްރޫޕު އޭ"ގައި އެފްސީ ހައިނަސް އިން ވަނީ 10-1 ގެ ނަތީޖާއަކުން ސީސީ އެފްސީ ބަލިކޮށްފައެވެ. އެ މެޗުގައި ހައިނަސްގެ ދިހަ ގޯލުގެ ތެރެއިން ފަސް ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މުހައްމަދު އައްޒާމެވެ. މެޗުގައި ހައިނަސްއަށް އިބްރާހިމް އަސްވާދު (ގަބޭ) އާއި އިބްރާހިމް އިބްރާހިމް ސަހަފް، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުމާނެވެ. އަދި މެޗުގައި ސީސީ އެފްސީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ފަނީޒެވެ.

"ގްރޫޕު އޭ"ގައި ކުޅުނު ފަހު މެޗުގައި އެފްސީ ޗިކޯސް އިން ވަނީ 15-1 ގެ ނަތީޖާއަކުން ހުޓިކޮޑާ ސްޕޯޓްސް ބަލިކޮށްފައެވެ. އެ މެޗުގައި ޗިކޯސްއަށް ހުސައިން ޝަރީފް (އޮންލީ) ދެ ގޯލު ކާމިޔާބުކޮށްދިން އިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މުހައްމަދު އިރުޝާން ފަސް ގޯލު ކާމިޔާބުކޮށްދިނެވެ. އަދި ޗިކޯސްގެ ދެ ގޯލެއް އަހުމަދު ޝިޔާން ކާމިޔާބުކޮށްދިން އިރު، އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ޔަމާނާއި ހުސައިން ޒިހާނެވެ.

"އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023" ގައި އެފްސީ ޗިކޯސް އާއި ހުޓިކޮޑާ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އަޔެގް

"ގްރޫޕު ބީ"ގެ ފަހު މެޗުގައި ލަނޑާ އެފްސީން ވަނީ 2-1 ގެ ނަތީޖާއަކުން ގެމާ ސިޓީ ބަލިކޮށްފައެވެ. އެ މެޗުގައި ލަނޑާ އެފްސީގެ ގޯލުތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޝިނާޒް މުހައްމަދާއި އަހުމަދު ރަވާހެވެ. އަދި ގެމާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު މަޒީނެވެ.

"ގްރޫޕު އޭ" އިން ސެމީ ފައިނަލުގެ ޖާގަތައް ހޯދީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދި އެފްސީ ބައްތިރީސް އާއި ނުވަ ޕޮއިންޓް ހޯދި އެފްސީ ހައިނަސްއެވެ. އެ ގްރޫޕުގެ ތިންވަނައިގައި ނިންމާލި އެފްސީ ޗިކޯސްއަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ހަތަރުވަނައިގައި ނިންމާލި ސީސީއެފްސީއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލީ ހަތަރު މެޗުން ވެސް ބަލިވެފައިވާ ހުޓިކޮޑާ ސްޕޯޓްސްއެވެ.

"ގްރޫޕު ބީ" އިން ސެމީގެ ޖާގަތައް ހޯދީ ތިން މެޗުން ހަތް ޕޮއިންޓް ހޯދި ލަނޑާ އެފްސީ އާއި ހަ ޕޮއިންޓް ހޯދި އެފްސީ ހެންޑްސަމް ޔުނައިޓެޑެވެ. އެ ގްރޫޕުން ތިންވަނައިގައި ނިންމާލި ނިއު އޭޖް ސްޕޯޓްސްއަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ފުލުގައި ނިންމާލީ ތިން މެޗުން ވެސް ބަލިވެފައިވާ ގެމާ ސިޓީއެވެ.

އެ މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭއެވެ. އެގޮތުން މިރޭ 8:30 ގައި އެފްސީ ހައިނަސްއާ ދެކޮޅަށް އެފްސީ ހެންޑްސަމް ޔުނައިޓެޑް ނުކުންނަ އިރު, މިރޭ 9:30 ގައި އެފްސީ ބައްތިރީސް ނުކުންނާނީ ލަނޑާ އެފްސީއާ ދެކޮޅަށެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023" ގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

އެ މުބާރާތާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން ޖަމިއްޔާގެ ފައުންޑަރު މުހައްމަދު ޖަޒްލާން ވިދާޅުވީ މުބާރާތް އިންތިޒާމުކުރެވި ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބުނީ ގިނަ ބައެއްގެ އެހީތެރިކަމަކާއެކު ކަމަށާއި އެހެންކަމުން ރަށުގެ ޒުވާނުންނާއި ރަށުގެ ރައްޔިތުންގެ ނަމުގައި ޖަމިއްޔާއަށް އެކި ގޮތްގޮޮތުން އެހީތެރިވަމުން އަންނަ ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މުބާރާތް މުޅި އަތޮޅަށް ހުޅުވައިލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ކިންގުން އަންނަނީ ގެމަނަފުއްޓަށް ޖަމާވަމުން. މުބާރާތަށް ޓީމުތަކުން ލިބިގެން އަންނަނީ އާދަޔާ ޚިލާފު ބޮޑު ތަރުހީބެއް،" ޖަޒްލާން ވިދާޅުވިއެވެ.

އަޔެގް ވޭލި ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކީ އެސްއެސްނެޓެވެ.

comment ކޮމެންޓް