ފިލްމު 'ސަލާރު'އަށް 'ކޭޖީއެފް'އަށް ލިބުނު ތަރުހީބު ލިބޭނެބާ؟

އެކްޓަރު ޕްރަބާސްގެ ކުރިޔަށްއޮތް ވަރުގަދަ އެކްޝަން ފިލްމު "ސަލާރު"ގެ ޓީޒާ ޢާއްމުންނަށް ދައްކާލައިފިއެވެ.

ޕްރަބާސްގެ އިތުރުން ލީޑް ރޯލްއިން ބަތަލާ ޝްރޫތީ ހަސަން ފެންނަ މި ފިލްމުން އެކްޓަރު ޕްރިތުވީރާޖު، ޓިނޫ އާނަންދު ވަރަށް މުހިއްމު ރޯލްއިން ފެންނާނެއެވެ.

މި ފިލްމަކީ، ބޮޑު މަޤުބޫލުކަމެއް ހޯދި ފިލްމު "ކޭޖީއެފް"ގެ ސީރީސްތައް ގެނެސްދިން ޑައިރެކްޓަރު ޕްރަޝާންތު ނީލްގެ ފިލްމެކެވެ. ފިލްމު "ކޭޖީއެފް"އަށް ލިބުނުފަދަ މަގުބޫލުކަމެއް ޕްރަބާސްގެ "ސަލާރު"އަށް ލިބޭނެތޯ ނުވަތަ ނޫންތޯ މިސުވާލު ދޫކޮށްލާނީ ބެލުންތެރިންނަށެވެ.

ބެލުންތެރިންނަށް ސެޕްޓެމްބަރ މަހުގެ 28ގައި މިނިންމުމާމެދު ގޮތެއް ނިންމުމުގެ ފުރުސަތު ލިބޭނެއެވެ. މިހާތަނަށް ޕްރަބާސް ކުޅެފައިވާ ގިނަ އެކްޝަން ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދި ފިލްމުތަކެއްކަމުން މި ފިލްމުވެސް ބެލުންތެރިންގެ ހިތް ފަތަޙަކުރާނެކަމަށް އުއްމީދުކުރާކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމުގެ ކުޑަ ޓީޒާއިންވެސް މިކަން ބެލުންތެރިންނަށް ޔަޤީންކޮށްލެވޭނެހާވެސް މަންޒަރުތައް ވަރުގަދައެވެ.

ފިލްމު "ބާހޫބަލީ"އިން އިންޑިއާގެ ފިލްމުތަކަށް ލޯބިކުރާ ގިނަ ބައެއްގެ ފަތަޙަކޮށްފައިވާ އެކްޓަރު ޕްރަބާސްގެ އެންމެފަހުން ރިލީޒްވެފައިވަނީ ދާދިފަހުން ރިލީޒްވި ފިލްމު "އަދީޕުރުޝް"އެވެ.

މިފިލްމަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ފިލްމު "ސަލާރު"އިން މިފަރާތްކަށް ހިތްހަމަޖެހުމެއް ލިބޭނެކަމަށް ރިޕޯޓުތަކުން ބުނެއެވެ. ސަބަބަކީ ފިލްމު "ސަލާރު"އަކީ މީގެކުރިން ސިނަމާއިން ފެނިފައިނުވާފަދަ ކެރެކްޓާއަކުން ޕްރަބާސް ފެންނާނެ ފިލްމަކަށްވާތީއެވެ. ހަމަ އެހެންމެ ފިލްމު "ކޭޖީއެފް"ގެ ޑައިރެކްޓަރު ބެލުންތެރިންނަށް ގެނެސްދޭނެ ފިލްމަކީ، "ކޭޖީއެފް"ގެ ސީރީސްތަކުގެ އަގު ހިފަހައްޓާލާދޭނެ ވަރުގަދަ ފިލްމަކަށް މިފިލްމުވާނެކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

ބެލުންތެރިންގެ ތަރުހީބު ފިލްމަށް ލިބޭނެކަން ހަމައެކަނި "ސަލާރު"ގެ ޓީޒާ ބެލި މީހުންގެ ޢަދަދަށް ބަލާލިޔަސް ޔަގީންވެއެވެ. މި ފިލްމުގެ ޓީޒާ ރިލީޒްކުރިތާ ފަސް ގަޑިއިރުތެރޭގައި 9.1 މިލިއަން ވިއުސް ޓީޒާއަށްވަނީ ލިބިފައެވެ. އެހެންކަމުން ފިލްމު ބަލަން ސިނަމާއަށް ވަންނާނެ މީހުންގެ ޢަދަދު ގުނާ ޢަދަދު ނުކުރެވޭނެކަން މިހާރުވެސް ކަށަވަރުވެއްޖެކަމަށް ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.

comment ކޮމެންޓް