އެކްޓަރުންގެ މަންމައިންގެ ރޯލް ކުޅެން ޝައުޤެއްނެތް: މަދޫ

ޢުމުރުން ދުވަސްވެފައިވިޔަސް އެއް ޢުމުރެއްގެ އެކްޓަރުންގެ މަންމައިންގެ ރޯލް ކުޅެން ޝައުގުވެރިކަމެއް ނެތްކަމަށް ބަތަލާ މަދޫ ބުނެފިއެވެ.

މަދޫއާއި އަޖޭ ދޭވްގަންއަކީ 1991ވަނަ އަހަރު ފިލްމު "ޕޫލް އޯރް ކާންޓޭ"އިން އެކީގައި ފިލްމީ ދާއިރާއަށް ނުކުތް ތަރިންނެވެ. ތަމަޅަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ހިންދީ ސިނަމާއާ ގުޅެން ނިންމާފައިވަނީ ތަމަޅަ ފިލްމުތަކުން ބަތަލާއަށް ބޮޑު ޑިމާންޑެއް އޮއްވައެވެ.

އިއްޔެގެ ވަގުތެއްގައި އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރި ސީރީސް "ސްވީޓް ކާރަމް ކޮފީ"ގެ ބަތަލާ ބުނީ ފިލްމީ ދާއިރާއިން ވަކިވުމަށް ނިންމީ ލިބެމުންދިޔަ ހުށަހެޅުންތަކާމެދު ހިތްހަމަނުޖެހިގެންނެވެ.

ފިލްމު "ރޯޖާ"، "ޔޯދާ"، "ޒާލިމް" އަދި "ޔެޝްވަންތު"ފަދަ ފިލްމުތަކަށްފަހު ހިންދީ ފިލްމުތަކުން ހުށަހެޅި ރޯލްތަކަކީ މާ އޮށްޓަރުހުރި ރޯލްތައް ނޫންކަން ފަހުން ފާހަގަކުރެވެން ފެށިކަމަށް މަދޫ ވަނީ ބުނެފައެވެ. އަދި މިހާރަކަށް އައިސް ބައެއް ޕްރޮޑިއުސަރުންގެ ފަރާތުން ހުށަހަޅާ ރޯލްތަކަކީ މަދޫއާ ދާދި އެއް ޢުމުރުގެ އެކްޓަރުންގެ މަންމައިންގެ ރޯލްކަމަށް މަދޫވަނީ ބުނެފައެވެ. މިކަމާ ގުޅުވައިގެން ޢުމުރުން 54 އަހަރުގެ ބަތަލާ ބުނީ އަޖޭ ދޭވްގަންގެ މަންމަގެ ރޯލް ކުޅެން އެއްވެސްވަރަކަށް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ފިލްމީ ދާއިރާއިން ދުރަށް ދިޔުމަށްފަހު މަދޫ ބޮޑަށް ފެނިފައިވަނީ ގެވެހި އަންބެއްގެ ގޮތުގައެވެ. ނަމަވެސް ފިލްމީ ދާއިރާއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން މަދޫވަނީ ފިލްމީ ދާއިރާއަށް ނުކުމެފައެވެ. އެހެންނަމަވެސް ކުޅޭ ފިލްމުތަކުގެ ޢަދަދު ބަތަލާ ވަނީ މަދުކޮށްފައެވެ.

ފިލްމީ ދާއިރާގެ ވަރަށް ގިނަ ކަންކަމަށް ހެޔޮ ބަދަލުތައް އައިސްފައިވާކަން ފާހަގަކޮށް ޢުމުރުން ދުވަސްވީ ބަތަލާއިންނަށްވެސް ރަގަޅު ފުރުސަތުތަކެއް މިއަދުގެ ސިނަމާގައި އެބަހުރިކަން މަދޫ ވަނީ ފާހަގަކޮށްފައެވެ. މިސާލެއްގެގޮތުން ބަތަލާ ތައްބޫއާއެކު އަޖޭ ދޭވްގަންގެ ގިނަ ފިލްމުތަކެއް ފަހަކަށްއައިސް ރިލީޒްވެފައިވާއިރު އެއީ ވަރަށް ރީތި ފިލްމުތަކެއްގެގޮތުގައި މަދޫ ވަނީ ސިފަކޮށްފައެވެ. އެހެންކަމުން ފިލްމު އިންޑަސްޓްރީއިން އެފަދަ ފުރުސަތުތައް ލިބޭނަމަ ފިލްމުތަކުން ކުރިޔަށްއޮތްތަނުގައި ބަތަލާ ފެންނާނެކަމަށް މަދޫ ވަނީ ބުނެފައެވެ.

comment ކޮމެންޓް