ރަންވީރު ސިންގްއަށް ސަންޖޭ ލީލާ ބަންސާލީގެ ހާއްސަ ހަދިޔާއެއް

އިއްޔެ ޢުމުރުން 38 އަހަރު ފުރުނު ބޮލީވުޑް އެކްޓަރު ރަންވީރު ސިންގްއަށް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.

ސަންޖޭގެ ކުރިޔަށްއޮތް ފިލްމު "ބައިޖޫ ބާވްރާ"ގެ ލީޑް ރޯލްގެގޮތުގައި ރަންވީރު ސިންގް ހަމަޖެހިފައިވާކަމުގެ ޚަބަރު ދެމުން ޕްރޮޑިއުސަރު ބުނީ މިއީ އެކްޓަރުގެ އުފަންދުވަހުގެ ހަދިޔާކަމަށެވެ.

ރަންވީރު ސިންގްގެ ފިލްމު "ޖަޔޭޝްބާއި ޖޯރުދާރު" އަދި "ސާކަސް"އަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ސަންޖޭގެ ފިލްމަކުން އެކްޓަރަށް ފުރުސަތު ގެއްލިފައިވާކަމުގެ ޚަބަރުތައްވެސް ތަންކޮޅެއް ކުރިން ވަނީ މީޑިއާގައި ފެންމަތިވެފައެވެ. އެހެންނަމަވެސް ސަންޖޭގެ ފިލްމު ކުންފުނިން ވަނީ މި ޚަބަރު ދޮގުކޮށްފައެވެ. އަދި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ މި ފިލްމަށް ފުރަތަމަ ވެސް ހޮވާފައިވަނީ ރަންވީރު ސިންގްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސަންޖޭގެ ޚާއްޞަ މި މިއުޒިކަލް ޑްރާމާއިން ރަންވީރު ސިންގްއާއެކު ލީޑް ރޯލްއިން ފެންނާނީ ބަތަލާ އާލިއާ ބަޓްއެވެ. ފިލްމު "ޕަދްމަވާތު"އަށްފަހު ސަންޖޭއާއި ގާތްގުޅުން އޮންނަ ފަރާތަކުން ރަންވީރުއާއެކު ދެން އިތުރު ފިލްމެއް ނުއުފައްދަންވެސް ޚިޔާލުދީފައިވާ ކަމަށް ސަންޖޭގެ ގާތް ފަރާތަކުން މީޑިއާއަށް ވަނީ މަޢުލޫމާތު ދީފައެވެ.

ރަންވީރު ސިންގް ކުޅެފައިވާ ސަންޖޭ ބަންސާލީގެ ތިން ފިލްމަކީވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ތިން ފިލްމެވެ. އެއީ ފިލްމު "ގަލިޔޯންކީ ރާސްލީލާ"،"ބަޖީރާއޯ މަސްތާނީ" އަދި ފިލްމު "ޕަދުމަވާތު"އެވެ. ސަންޖޭގެ ފިލްމު "ބައިޖޫ ބާވްރާ"އަށް ރަންވީރު ސިންގު ޚިޔާރުކޮށްފައިވާއިރު ރަންވީރު ފިލްމުގައި ކުޅޭނެ ރޯލާބެހޭ މަޢުލޫމާތު އަދި ހާމައެއް ނުކުރެއެވެ.

ރަންވީރު ސިންގްއާއި އާލިއާ ބަޓް އެކީގައި ދެން އެންމެ އަވަހަށް ފެންނާނީ ކުރިޔަށްއޮތް ޖުލައި މަހުގެ 28ގައި ރިލީޒްކުރާ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"އިންނެވެ. މި ފިލްމަކީ ކަރަން ޖޯހަރު ޑައިރެކްޓްކޮށް ދަރްމާ ކުންފުނީގެ ދިދައިގެ ދަށުން ގެނެސްދޭ ފިލްމެކެވެ.

comment ކޮމެންޓް