ހުވަދު އަތޮޅުގައި ސްޕީޑް ފެރީ ފެށުމަށް ހަ ލޯންޗް ފޮނުވައިފި

ހުވަދު އަތޮޅަށް ފުރި އާރުޓީއެލްގެ ފެރީތައް --- ފޮޓޯ: މާހިލް އާތިފް

މުޅި ރާއްޖެ ދަތުރުފަތުރުން ގުޅާލުމަށް ސަރުކާރުން ހިންގާ, ރާއްޖެ ޓްރާންސްޕޯޓް ލިންކް(އާރުޓީއެލް)ގެ ޚިދުމަތް ހުވަދު އަތޮޅުގައި ފެށުމަށް ބޭނުންވާ ސްޕީޑް ލޯންޗްތައް އެ އަތޮޅަށް މިއަދު ފޮނުވާލައިފިއެވެ.

ހުވަދު އަތޮޅުގައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ލޯންޗް އެ އަތޮޅަށް ފޮނުވާލުމުގެ ކުރިން މީޑިއާތަކާ ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ސްޕީޑް ފެރީން ހުވަދު އަތޮޅު ގުޅާލުމަށް ބޭނުންވާ އަށް ލޯންޗް އޮޕަރޭޓް ކުރުމަށް 80 މުވައްޒިފުން ނަގާފައިވާ ކަމަށެވެ.

"މި ހިދުމަތް ހުވަދު އަތޮޅުގައި ރަސްމީކޮށް ފެށޭނީ 13 ވަނަ ދުވަހު. އެއް ހަފުތާ ހިލޭ ދަތުރުތައް ކުރިއަށް ދާނެ. އެއީ ފެމިލިއަރައިޒޭޝްން ޓްރިޕްތަކެއް ކުރިއަށް މިދަނީ. ރައްޔިތުން އަހްލުވެރިކުރުމުގެ ދަތުރުތަކެއް," އާޒިމް ވިދާޅުވިއެވެ.

ހުވަދު އަތޮޅަށް ފުރި އާރުޓީއެލްގެ ފެރީތައް --- ފޮޓޯ: މާހިލް އާތިފް

ރަސްމީކޮށް ޓިކެޓް ނަގައިގެން ދަތުރުތައް ކުރިއަށް ގެންދާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން މީގެ ދަތުރުފަތުރު ކުރައްވާ ބޭފުޅުން ވަރަށް ބޮޑަށް ސާފުތާހިރުކަމަށް އިސްކަން ދިނުމަށް. އެއީ ވަރަށް މުހިންމު ކަމެއް. މިއީ ހުރިހާ ރައްޔިތުންގެ މުދާ," އާޒިމް ވިދާޅުވިއެވެ.

ހުޅުމާލޭގައި ހުންނަ އެމްޓީސީސީ ޓާމިނަލް އިން މިއަދު ހުވަދު އަތޮޅަށް ދިއުމަށް ފުރާފައިވަނީ ހަ ލޯންޗެެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ފްލީޓްއާ އިތުރު ލޯންޗްތައް ގުޅޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެއާ އެކު ހުވަދު އަތޮޅާ އައްޑޫ ސިޓީ ގުޅުވާލުމުގެ މަސައްކަތް ފަށާނެ ކަމުގެ ފެހި ސިގްނަލް އާޒިމް ވަނީ ދެއްވާފައެވެ.

"އަޅުގަނޑުމެނަށް ވަރަށް ބޮޑު އުންމީދެއް އެބައޮތް އޯގަސްޓް މަސް ނިމުމުގެ ކުރިން އައްޑޫ އަތޮޅާއި ހުވަދު އަތޮޅު އަދި ފުވައްމުލަށް ގުޅުވާލެވޭނެ ކަމުގެ," އާޒިމް ވިދާޅުވިއެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް މިހާރު ފަށާފައި ވަނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގައެވެ. އެ ބޮޅަށް ހުވަދު އަތޮޅުގެ ގއ. އަދި ގދ އަތޮޅު އަތޮޅު އިތުރުވުމުން މިއީ ޚިދުމަތް ދޭންފަށާ ހަ ވަނަ އަތޮޅެވެ.

"މިހާރު އަޅުގަނޑުމެން އަމާޒް ހިފާފަ މިހުރީ 2024 ނިމުމުގެ ކުރިން މުޅި ދިވެހިރާއްޖޭގަ ރާޓީއެލްގެ ހިދުމަތް ތައާރަފްކޮށް ނިންމާލުމަށް," އާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް