ރާޖްކުމާރު ހިރާނީއާއި އާމިރު ޚާން ގުޅުވައިދޭ ބައޮޕިކްއެއް

ރާޖްކުމާރު ހިރާނީއާއި އާމިރު ޚާން އެކީގައި ވަރަށް ހާއްސަ ބައޮޕިކްއެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި ފިލްމުގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ އެކްޓަރު ޝާހްރުކް ޚާންއާއެކު ފަށާފައިވާ ފިލްމު "ދުންކީ"ގެ މަސައްކަތް ނިންމާލުމަށްފަހުކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ވަކި ނަމެއް ހަމަޖެހިފައިނުވާ މި ބައޮޕިކްގެ މަޢުލޫމާތު ވަރަށް އަވަހަށް މީޑިއާތަކާ ހިއްސާކުރާނެކަމަށް ރާޖް ކުމާރުއާ ގާތްގުޅުމެއް އޮންނަ ފަރާތަކުން ވަނީ އިންޑިއާގެ ނޫސްތަކަށް މަޢުލޫމާތު ދީފައެވެ. މިހާރު ކުރިޔަށްދާ ފިލްމު "ދުންކީ" ރިލީޒްކުރުމާއެކު މި ބައޮޕިކްގެ ފައިނަލް ސްކްރިޕްޓްގެ މަސައްކަތާއެކު ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް ވެސް ފަށަން ނިންމާފައިވާކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

އާމިރު ޚާންއާއި ރާޖްކުމާރު ހިރާނީއަކީ ވަރަށް ގާތް ދެ ފަރާތްކަމަށާއި މީގެކުރިންވެސް ދެ މީހުން ވަނީ ވަރަށް ގިނަ ފިލްމީ މަސައްކަތްތަކާމެދު މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މީގެކުރިން އާމިރު ޚާން ކުޅެފައިވާ ފިލްމު "ތްރީ އިޑިއަޓްސް" އަދި "ޕީކޭ"އަކީ ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ ދެ ފިލްމެވެ. އަދި މިއީ އިންޑިއާގެ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ދެ ފިލްމުވެސްމެއެވެ.

އާމިރު ޚާންއަކީ އަބަދުވެސް ވަރަށް ޗެލެންޖިންގް ރޯލްތައް ކުޅެން ޝައުޤުވެރިވާ އެކްޓަރެއްކަމުން މިފަހަރުގެ ބައޮޕިކްގެ ވާހަކަ އެކްޓަރަށް ވަރަށްބޮޑަށް ކަމުދިޔަކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ. އާމިރު އިތުރު ފިލްމަކަށް ތައްޔާރުވަމުން އަންނަކަމުގެ ޚަބަރުތައް ފެތުރިފައިވާއިރު އެކްޓަރު މިވަގުތު ހުރީ ފިލްމީ މަސައްކަތްތަކުން ދުވަސްކޮޅަކަށް ދުރުވެފައެވެ. އަދި އެނބުރި ފިލްމީ މަސައްކަތްތަކަށް ނިކުންނާނެ ދުވަހެއް އާމިރު ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް