ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލުމާއި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ އަހްމަދު އިސްމާއިލް (އަހަނދު) ދޫކޮށްލި މައްސަލަ އިސްތިއުނާފް ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
ރިލްވާނާއި ޔާމީންގެ މަރާ ގުޅިގެން، އަހަނދަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވި ކަމުގެ ދައުވާއެވެ.
މިދިޔަ އަހަރުގެ ޖޫން 26 ގައި ހައްޔަރު ކުރުމަށް ފަހު ޝަރީއަތް ނިމެންދެން ބަންދުކުރި އަހަނދުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ. އަހަރެއް ވާން ތިން ދުވަހަށް ވެފައިވަނިކޮށް މިދިޔަ މަހުގެ 23 ދުވަހު އޭނާ ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާ އެކުގައެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު މިއަދު 'ސަން' އަށް ވިދާޅުވީ, ފުލުހުންގެ ބަންދުން އަހްމަދު އިސްމާއީލް ދޫކޮށްލާފައިވަނީ ހަރުކަށި ޝަރުތުތަކެއް ކުރުމަށްފަހުގައި ކަމަށެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް ބޭރަށް ނުދިއުމަށް ޝަރުތުކޮށްފައިވާއިރު އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓައި ފައިގައި ޓެގް އަޅުވާފައިވާކަން ވެސް ޝަފީއު ފާހަގަކުރެއްވިއެވެ. އަދި އޭނާ ދޫކޮށްލުމުން އެ މައްސަލައިގައި ހިމެނޭ ހެކިންއަށް ޖިސްމާނީ ރައްކާތެރިކަން ދިނުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.
"އެހެންކަމުން ޕީޖީ އޮފީހުން ނިންމާފައިވަނީ އަހްމަދު އިސްމާއީލް ބަންދުން ދޫކޮށްލަން ކުރި އަމުރު އިސްތިއުނާފް ނުކުރުމަށް," ޝަފީއު ވިދާޅުވިއެވެ.
އަހަނދުގެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވަނީ އޭނާގެ މައްޗަށް އެ ދައުވާ އުފުލީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމު ކޮށްފައިވާތީއާއި އޭނާއާއި އޭނާގެ ބައިވެރިން ރާވާފައިވާގޮތުގެ މަތިން އެހެން ބަޔަކު މެދުވެރިކޮށް، ރިލްވާން ރަހީނުކޮށް މަރާލާފައިވާތީ ކަމަށެވެ.
އޭނާ ވަނީ ޔާމީން ރަޝީދަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް އެކަން ކުރުމަށް އެހީތެރިވެދީފައި ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
އެ ދެ މައްސަލައިގައި ދެން ދައުވާކޮށްފައި ވަނީ އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ)އަށާއި އަހްމަދު މުއާޒް (ގަޓު މުއާ)އަށެވެ. އެ ދެ މީހުން ވެސް ތިބީ ބަންދު ކޮށްފައެވެ.