ވޭލި ފުޓްސަލް ޗެލެންޖް: ބައްތިރީސް އަދި ހައިނަސްއަށް ފަސޭހަ މޮޅެއް

"އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023"ގައި އެފްސީ ބައްތިރީސް އާއި ސީސީއެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އަޔެގް

ގއ. އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023"ގައި އިއްޔެ ކުޅުނު މެޗުތަކުން އެފްސީ ބައްތިރީސް އަދި އެފްސީ ހައިނަސް އިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

އެސޯސިއޭޝަން ފޯ ޔޫތު އެމްޕަވަމަންޓް އޮފް ގެމަނަފުށި (އަޔެގް) ޖަމިއްޔާގެ ފަރާތުން ގއ. ގެމަނަފުށީގައި ބާއްވާ އެ މުބާރާތް މިފަހަރުު ޚާއްސަކޮށްފައިވަނީ ހަމައެކަނި ގެމަނަފުއްޓަށެވެ. އެ މުބާރާތުގައި އެރަށުން ނުވަ ޓީމަކުން ބައިވެރިވެފައިވެއެވެ. ނުވަ ޓީމުގެ މެދުގައި މެޗުތައް ކުޅެނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ.

އެ މުބާރާތުގެ "ގްރޫޕު އޭ"ގައި ވާދަކުރާ ބައްތިރީސް އަދި ހައިނަސް، ކޮންމެ ޓީމެއް މިހާތަނަށް ވަނީ ތިން މެޗު ކުޅެފައެވެ. އޭގެ ތެރެއިން ހައިނަސް އަތުން ބައްތިރީސް ބަލިވެފައިވާ އިރު, ހައިނަސް ބަލިވީ އެފްސީ ޗިކޯސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ރޭ ކުޅުނު މެޗުގައި ބައްތިރީސް ވަނީ ސީސީއެފްސީ އަތުން 11-0 ގެ ބޮޑު ފަރަގަކުން މޮޅުވެފައެވެ. އެ މެޗުގައި ބައްތިރީސްގެ ޖުމައިލް ޖަމީލް (ޖުންބެ) ހަތަރު ގޯލު ޖެހި އިރު، އަހުމަދު ޝާމް ތިން ގޯލު ޖެހިއެވެ. އަދި އަލީ ޝާޒް ހަބީބު ދެ ގޯލު ޖެހި އިރު، އަނެއް ދެ ގޯލު ކާމިޔާބުކުރީ ރަހުމަތުﷲ އާއި އަހުމަދު އަޖުވަދެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބައްތިރީސްގެ ޖުންބެއެވެ.

"އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023"ގައި އެފްސީ ހައިނެސް އާއި ހުޓިކޮޑާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އަޔެގް

ހައިނަސް ރޭ ކުޅުނު މެޗުގައި 10-0 ގެ ބޮޑު ފަރަގަކުން ހުޓިކޮޑާ ވަނީ ބަލިކޮށްފައެވެ. އެ މެޗުގައި ހައިނަސް އިން ޖެހި ދިހަ ގޯލުގެ ތެރެއިން އިބްރާހިމް އަސްވާދު (ގަބޭ) އާއި އަލީ އުސާމަތާއި މުހައްމަދު އައްޒާމް އަދި ސަހާފް އާދަމް، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ކާމިޔާބުކުރިއެވެ. އަދި އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުމާނާއި އިބްރާހިމް ހަނާނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހައިނަސްގެ ގަބޭއެވެ.

"ގްރޫޕު ބީ" ގައި ރޭ ކުޅުނު މެޗުގައި އެފްސީ ހެންޑްސަމް ޔުނައިޓެޑުން ވަނީ 2-1 ގެ ނަތީޖާއަކުން ގެމާ ސިޓީ ބަލިކޮށްފައެވެ. އެ މެޗުގައި އެފްސީ ހެންޑްސަމްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ޒިހުނީ އާއި އަހުމަދު ވިޖުދާނެވެ. އަދި ގެމާ ސިޓީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ރޫހީ ޝިޔާމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހެންޑްސަމް ޔުނައިޓެޑުގެ އަލީ ހާފިޒް (ހާއްޕެ) އެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023" ގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

"އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023"ގައި އެފްސީ ހެންޑްސަމް ޔުނައިޓެޑާއި ގެމާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އަޔެގް

އެ މުބާރާތާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން ޖަމިއްޔާގެ ފައުންޑަރު މުހައްމަދު ޖަޒްލާން ވިދާޅުވީ މުބާރާތް އިންތިޒާމުކުރެވި ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބުނީ ގިނަ ބައެއްގެ އެހީތެރިކަމަކާއެކު ކަމަށާއި އެހެންކަމުން ރަށުގެ ޒުވާނުންނާއި ރަށުގެ ރައްޔިތުންގެ ނަމުގައި ޖަމިއްޔާއަށް އެކި ގޮތްގޮޮތުން އެހީތެރިވަމުން އަންނަ ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މުބާރާތް މުޅި އަތޮޅަށް ހުޅުވައިލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ކިންގުން އަންނަނީ ގެމަނަފުއްޓަށް ޖަމާވަމުން. މުބާރާތަށް ޓީމުތަކުން ލިބިގެން އަންނަނީ އާދަޔާ ޚިލާފު ބޮޑު ތަރުހީބެއް،" ޖަޒްލާން ވިދާޅުވިއެވެ.

އަޔެގް ވޭލި ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކީ އެސްއެސްނެޓެވެ.

comment ކޮމެންޓް